ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެވަޑައިގެންފައިވާތީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑަނޭޅެނީސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދުނު ބޮޑު ދެބަސްވުމަށްފަހު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީވެސް އެ މައްސަލަ އެކަންޏެވެ.
ޖަލްސާ ފެށޭގަޑި ޖެހުނު އިރުވެސް ރިޔާސަތަށް އެއްވެސް ބޭފުޅަކު ވަޑައެއްނުގަންނަވައެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާން ކުރައްވަމުން އަމީން އާއްމު ނިއުޝާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާނަމަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވާ ކަމަށެވެ.
އެހެންކަމުން ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ، (12 ޖޫން) ގައި ފޮނުވި ސިޓީއަކުން ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ މެދު ވަކިގޮތެއް ކަނޑައަޅާ ނުނިމެނީސް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މައްދާގެ (ބ) ގެ ދަށުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ، މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެ ވަޑައިގަންނަވާކަން އިއްޔެ (12 ޖޫން) ގައި އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވޭ،"
އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށް ނިއުޝާ ވިދާޅުވިއެވެ. އޭގެ ފަހުން މިއަދު ޖަލްސާ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު