ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ކަމަށް ތުހުމަތުކޮށް މިދިޔަ މަހު ހައްޔަރުކުރި މީހުންގެ ތެރެއިން އެއް އަންހެނަކު ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށް ކޯޓުގައި ބުނެފި އެވެ.

ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބަންގްލަދޭޝްގެ 8 ފިރިހެނުންނާއި އެ ގައުމުގެ އަންހެނެއްގެ އިތުރުން ތައިލެންޑުގެ ހަތަރު އަންހެނަކު މިދިޔަ މަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝްގެ އެމްއެސްޓީ ބްރިސްޓީ 28އ ގެ ބަންދުގެ މުއްދަތު ހަމަވުމުން، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ބަންދު އިތުރުކުރި ސަބަބެއްކަމުގައި ގާޒީ ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ހުންނަން ޖެހޭ ހާލަތު އަދިވެސް ވުޖޫދުގައި އޮތުމެވެ.

ފުލުހުން އޭނާ ކޯޓަށް ގެންގޮސް، ދިން ބަޔާނުގައި ބުނީ އޭނާ ރާއްޖެ އައީ ޓޫރިސްޓް ވިސާގައި ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށެވެ. އެކަމަކު އެ އަންހެން މީހާ ހުޅުމާލޭ "ތުރީ އިން ހޮޓެލް"ގައި ބުކިން ހައްދާފައިވާ ނަމަވެސް އެތަނަށް ގޮސްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކޯޓުގައި އަންހެން މީހާ ވަނީ، ފުލުހުންގެ ބަންދުގައި އޭނާ ހުންނަތާ 27 ދުވަސް ވެފައިވާއިރު އޭނާގެ ފިރިމީހާއާ ވާހަކަ ދައްކަން ފޯނު ނުދޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެ ފުރުސަތު ދިން ނަމަވެސް އޭނާ ގުޅި ނަންބަރުތައް އޮތީ ނިއްވާލައިފައި ކަމަށެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރެވުނު ތަނަކީ ގެސްޓްހައުސްއެއް ގޮތަށް ބޭނުން ކުރަމުން އަންނަ ތަނެއް ނަމަވެސް އެ ތަނަކީ ހުއްދަ ނަގައިގެން ހިންގާ ތަނެއް ނޫން ކަމަށެވެ. ހަށި ވިއްކާ ކަމަށް ބަލެވޭ ތަންތަން ބަލައިފާސްކުރިއިރު ހަށިވިއްކުމުގައި ގެންގުޅޭ ސާމާނު ގެސްޓް ހައުސްގެ ކޮޓަރިން ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.