މެންޗެސްޓާ ސިޓީން ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަން ހޯދައިފިއެވެ.

މިރޭ ތުރުކީގައި ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީން އިންޓަ މިލާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ގަދަބާރު މެންޗެސްޓާ ސިޓީން މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުތީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ލޯކަލް ދެ ތަށްޓާއެކު ޔޫރަޕްގެ ތަށި ހޯދައި، ސިޓީއަށް އެއް ސީޒަނެއްގައި ވަރުގަދަ ތިން ތަށި ހޯދައި، "ޓްރެބަލް" ހޯދުމަށް ބޮޑު ފުރުސަތު މިރޭ އޮތެވެ. އެ ޝަރަފު މީގެ ކުރިން ހޯދާފައިވާ ހަމައެކަނި ޓީމަކީ ސިޓީގެ ވާދަވެރި، މެންޗެސްޓާ ޔުނައިޓެޑެވެ. އެއީ 1998-99 ވަނަ އަހަރު ސީޒަނުގައެވެ.

ސިޓީން ކްލަބުގެ ތާރީހަށްޓަކައި ޗެމްޕިއަންސް ލީގަކަށް ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، މިއީ މިދިޔަ ތިން އަހަރު ތެރޭގައި ފައިނަލް ކުޅޭ ދެވަނަ ފަހަރެވެ. 2020-21 ވަނަ އަހަރު ފައިނަލަށްވެސް ސިޓީ ދިޔައެވެ. ބަލިވީ ޗެލްސީ ކައިރިން 1-0 އިންނެވެ.

އަނެއްކޮޅުން ނުކުތް އިންޓައިން މިރޭ ނުކުތީ އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ޔޫރަޕްގެ ރަސްކަން ހޯދުމަށެވެ. އެޓީމުން ވަރުގަދަ ޑިފެންސިވް ރެކޯޑަކާއެކު ނުކުތީ ފޯމުގައި އޮތް ސިޓީ ހުއްޓުވުމަށެވެ.

އިންތަންބޫލްގެ އަޓަޓާކް އޮލިމްޕިކްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ސިޓީން ބޯޅަ ކޮންޓްރޯލްކޮށް ކުޅެމުންދިޔަ އިރު، އިންޓައިން ދިޔައީ އޮގަނައިޒްކޮށް ޑިފެންސް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހަމަލާ އިންޓަ އޭރިއާ ތެރެއިން ބަނާޑޯ ސިލްވާ ފޮނުވާލި ނަމަވެސް، ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ އިތުރުން ހާފްގެ ކުރީކޮޅުގައި ސިޓީން ހަމަލާތައް އުފައްދަމުން ދިޔަ އިރު، އާލިން ހާލަންޑްގެ ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ފާހަގަވިއެވެ. އަރިމަތިން ދެމިގަނެ އޭނާ ޖެހި ބޯޅައެއް މާ ބޮޑަށް މަތިން ދިޔަ އިރު، 27 ވަނަ މިނެޓުގައި ޖެހި ބޯޅަ މަތަކުރީ އިންޓަގެ ގޯލްކީޕަރު އަންދްރޭ އޮނާނާއެވެ.

ފުރަތަމަ ހާފުގައި އިންޓައިން ހޯދި އެންމެ ރަނގަޅު ފުރުސަތަކީ ސިޓީގެ ގޯލްކީޕަރު އެޑަސަން އަތުން ހެދުނު ގޯހެއްގައި ނިކޮލާ ބަރޭލާ އުފެއްދި ހަމަލާއެކެވެ. އޭނާއަށް ލިބުނު ފުރުސަތު ރަނގަޅަށް ބޭނުންނުކުރެވި ދިޔައީ ބޭކާރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީއަށް ކުރިމަތިވި އެންމެ ބޮޑު ދެރައަކީ އެޓީމުގެ މެދުތެރެއިން އެންމެ ރަނގަޅަށް ކުޅެމުންދިޔަ ޓީމުގެ ތަރި ކެވިން ޑި ބްރޭނާއަށް އަނިޔާވެ ބާލަން ޖެހުމެވެ. އޭނާގެ ބަދަލުގައި ފިލް ފޮޑެން ކުޅެން ނުކުތް އިރު، 2021 ވަނަ އަހަރުގެ ފައިނަލުގައިވެސް ޑި ބްރޭނާއަށް އަނިޔާވެގެން ބާލަން ޖެހިފައިވެއެވެ.

ދެވަނަ ހާފު ފެށިގެން އިންޓައިން ނުރައްކާ ބޮޑުކުރިއެވެ. އެޓީމުގެ ކުރިއަށް ރޮމެލޫ ލުކާކޫ ކުޅެން ނެރެ ބޯޅަ ހިފަހައްޓަން ފެށުމާއެކު ސިޓީގެ ފަހަތަށް ބާރުވެސް ބޮޑުވިއެވެ. އެހެން ނަމަވެސް އެޓީމަށް އެކަށީގެންވާ ހަމަލާއެއް ނުއުފެއްދިގެން އުޅެނިކޮށް ސިޓީން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މެނުއަލް އަކާންޖީ ފަހަތުން ޖެހި ޕާހެއްގައި ސިލްވާ އަރިމަތިން އަރައި ހުރަސްކޮށްލި ބޯޅަ ބަލާލައިފައި ގޯލަށް ވައްދާލީ ރޮޑްރީއެވެ.

ސިޓީން 68 ވަނަ މިނެޓުގައި ލީޑު ނެގި އިރު، އޭގެ ދެ މިނެޓް ފަހުން އިންޓައިން ވަނީ ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލައިފައެވެ. ފެޑަރީކޯ ޑިމާކޯ އޭރިއާ ތެރެއަށް ވަދެ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ރިބައުންސްގައި އިންޓައަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

އޭގެ ފަހުންވެސް އިންޓައިން ސިޓީއަށް ނުރައްކާކުރި އިރު، ލުކާކޫ މުޅިން ހުސްކޮށް އޮވެ ފޮނުވާލި ބޯޅަ މަތަކުރީ އެޑަސަންއެވެ. އަދި އޭގެ ފަހުން ލިބުނު ބޯޅައެއްގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ސިޓީގެ ވެރިޔާ ޝެއިހް މަންސޫރު ކުރިމަތީގައި ކްލަބުން މިރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަން ހޯދި އިރު، މިއީ ކްލަބުގެ ފުޓުބޯޅަ ތާރީހުގައި އެންމެ ބޮޑު ކާމިޔާބީއެވެ.