ޔޫއެފާ ޗެމްޕިއަންސް ލީގު

ސިޓީން "ޓްރެބަލް" ފުރިހަމަކޮށް ތާރީހު ލިޔެލަން ތައްޔާރު، އިންޓަ ވެސް އަޒުމެއްގައި!

ދުނިޔޭގެ ކްލަބު ފުޓުބޯޅައިގެ އެންމެ ބޮޑު ފައިނަލަށް ތައްޔާރުވެއްޖެއެވެ. ޗެމްޕިއަންސް ލީގަކީ ޔޫރަޕްގެ އިތުރުން ދުނިޔޭގެވެސް އެންމެ ޝަރަފުވެރި ކްލަބު މުބާރާތެވެ. ޔޫރަޕްގެ ފުޓުބޯޅައިގެ ރަސްކަމަށް ކްލަބުތަކުން ކުރާ މަސައްކަތުގެ އިތުރު ފައިނަލަކަށް އަނެއްކާވެސް މިވަނީ ތައްޔާރުވެފައެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާނުން މިރޭ ނުކުންނާނީ ތުރުކީގެ އިސްތަންބޫލްގައެވެ.

އިސްތަންބޫލްގެ އަޓަޓާކް އޮލިމްޕިކްސް ސްޓޭޑިއަމްގައި ސިޓީއަށް އޮތީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށް، ކްލަބުގެ ޓްރޮފީ ކެބިނެޓް ފުރިހަމަ ކުރުމެވެ. އަނެއްކޮޅުން ނުކުންނަ އިންޓަ މިލާނަކީ "އަންޑަޑޯގް" އިން ނަމަވެސް، އެޓީމުން ނުކުންނަނީ އަލަތު ތަށި ހޯދާކަށް ނޫނެވެ. އިންޓަ މިލާނުން މީގެ ކުރިން ތިން ފަހަރު ޔުރާޕްގެ ރަސްކޮށް ހޯދައި، ޗެމްޕިއަންސް ލީގު އުފުލާލާފައިވާ އިރު، އެ ތިން ފަހަރުވެސް އިދިކޮޅަށް ނުކުތް ޓީމުތައް އޮތީ "ޓްރެބަލް" ހޯދުމުގެ އަޒުމެއްގައެވެ.

އިނގިރޭސި ގަދަބާރު މެންޗެސްޓާ ސިޓީން މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ނުކުންނާނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ލޯކަލް ދެ ތަށްޓާއެކު ޔޫރަޕްގެ ތަށި ހޯދައި، ސިޓީއަށް އެއް ސީޒަނެއްގައި ވަރުގަދަ ތިން ތަށި ހޯދައި، "ޓްރެބަލް" ހޯދުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ. އެ ޝަރަފު މީގެ ކުރިން ހޯދާފައިވާ ހަމައެކަނި ޓީމަކީ ސިޓީގެ ވާދަވެރި، މެންޗެސްޓާ ޔުނައިޓެޑެވެ. އެއީ 1998-99 ވަނަ އަހަރު ސީޒަނުގައެވެ.

ސިޓީން ކްލަބުގެ ތާރީހަށްޓަކައި ޗެމްޕިއަންސް ލީގަކަށް ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، މިއީ މިދިޔަ ތިން އަހަރު ތެރޭގައި ފައިނަލް ކުޅޭ ދެވަނަ ފަހަރެވެ. 2020-21 ވަނަ އަހަރު ފައިނަލަށްވެސް ސިޓީ ދިޔައެވެ. ބަލިވީ ޗެލްސީ ކައިރިން 1-0 އިންނެވެ.

"އަހަރެމެން އެބަޖެހޭ ޗެމްޕިއަންސް ލީގެއް ހޯދޭނެ ގޮތެއް ވިސްނަން. ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ހޯދިއްޖެނަމަ، އެކަން ވެގެންދާނީ ކުޅުންތެރިންނަށް އާދަޔާހިލާފު އުފާވެރި ކަމަކަށް،" ސިޓީގެ ޕްލޭމޭކަރު ކެވިން ޑި ބްރޭނާ، ޗެމްޕިއަންސް ލީގު ތަށްޓާ ގުޅިގެން ބުންޏެވެ.

ފޯމާއި ފެންވަރަށް ބަލައި ފެވަރިޓަކީވެސް ސިޓީއެވެ. އެންމެފަހުން ސިޓީން ކުޅުނު 26 މެޗުން އެޓީމަށް ކުރިމަތިވީ އެންމެ ބައްޔެކެވެ. މި ސީޒަނުގައި ޔޫރަޕް މުބާރާތެއްގެ މެޗަކުން ސިޓީ އަދި ބަލިވެފައެއްވެސް ނުވެއެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުންވެސް ސިޓީ ވަނީ މޮޅުވެފައެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މަސައްކަތް ކުރަމުންދަނީ 2011 ވަނަ އަހަރަށްފަހު ފުރަތަމަ ޗެމްޕިއަންސް ލީގެއް ހޯދުމަށެވެ. އެފަހަރު ބާސެލޯނާއާ އެކު ގާޑިއޯލާ ޗެމްޕިއަންސް ލީގު އުފުލާލި ފަހުން އަދި އޭނާއަށް ޔޫރަޕްގެ ތަށްޓެއް ނެގިފައެއް ނުވެއެވެ. ހަވާލުވި ކޮންމެ ޓީމަކުންވެސް ޑޮމެސްޓިކް ތަށިތައް ޑޮމިނޭޓް ކުރަމުންދާ ނަމަވެސް ގާޑިއޯލާއަށް އަމާޒުވާ ފާޑުކިޔުމަކީ ޗެމްޕިއަންސް ލީގެއް ނުހޯދި ގިނަ ދުވަސްތަކެއްވުމުން އަމާޒުވާ ފާޑު ކިޔުމެކެވެ.

ގާޑިއޯލާއަށް އެ ފާޑުކިޔުންތަކަށް ޖަވާބުދޭން އަތުގައި އޮތީ އާދަޔާހިލާފު ވަރުގަދަ ޓީމެކެވެ. 2008-09 ވަނަ އަހަރު ގާޑިއޯލާ އަތުގައި އޮތް ބާސާއަށް ވުރެވެސް މިހާރު އޮތް ސިޓީ ޓީމުގެ ފެންވަރު ރަނގަޅެވެ. އެފަހަރު ބާސާއިން ތަށި ނެގީ އެއް މެޗުން ބަލިވެގެން ފައިނަލަށް ގޮހެވެ. 32 ގޯލު ޖެހިއިރު، ކޮޅަށް ވަނީ 13 ގޯލެވެ. ސިޓީ މިހާތަނަށް ބަލިނުވެ ފައިނަލަށް ދިޔައީ 31 ގޯލު ޖަހައިގެންނެވެ. ކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ.

"އަހަރެން އަތުގައި އޭރު ހުރި ކުޅުންތެރިޔަކީ މެސީ. މިހާރު ހުރީ ހާލަންޑް. އެއީ ފޯމުގެ ތަފާތަކީ. އެއީ އަހަރެންގެ ސަކްސަސްއަކީ. އަހަރެން މިވާހަކަ މިބުނަނީ ޖޯކަކަށް ނޫން. އެއީ ހަގީގަތް،" ގާޑިއޯލާ ބުންޏެވެ.

"މިއީ ސީޒަނެއްގެ ނިމުން. ޗެމްޕިއަންސް ލީގަކީ އާދަޔާހިލާފު މުބާރާތެއް. އަބަދުވެސް މުބާރާތް ހޯދުމަކީ ހުވަފެނެން. އެ މުބާރާތް ހޯދަން އަބަދުވެސް އެތައް ކަމެއް ރަނގަޅުކުރަން ޖެހޭނެ. ވިސްނުމާއި އެތަށްޓަށް ބޭނުންވާ މިންވަރު ކޮންޓްރޯލް ކުރަން އެނގެން ޖެހޭނެ،" ގާޑިއޯލާ އިތުރަށް ބުންޏެވެ.

ފެވަރިޓުންނަކީ ސިޓީ ނަމަވެސް، އިޓަލީގެ ކަޕް ދާދިފަހުން ދިފާއުކުރި އިންޓައަކީ "އަންޑައެސްޓިމޭޓް" ކުރެވޭނެ ޓީމެއް ނޫނެވެ. އެޓީމުގެ ހަތިޔާރަކީ ކުޅުންތެރިންގެ ހިތްވަރެވެ. ހާއްސަކޮށް އިޓަލީ ސްޓައިލުގެ ވަރުގަދަ ޑިފެންސިވް ރެކޯޑެވެ. މިދިޔަ 12 މެޗުގައި އިންޓައިން އަށް ކްލީންޝީޓް ހޯދާފައިވާ އިރު، އެއީ މިއަހަރުގެ މުބާރާތުގެ ރެކޯޑެކެވެ. އިންޓަގެ ގޯލް ބެލެހެއްޓުމުގައި އަންދްރޭ އޮނާނާ ކުރަމުންދާ މަސައްކަތަށް އެކަމުންވެސް ހެކި ދެއެވެ.

ސިމިއޮން އިންޒާގީގެ ޓީމަކީ ހަމައެކަނި ޑިފެންސިވް ޓީމެއްވެސް ނޫނެވެ. އިންޓަގެ އެޓޭކިން ރެކޯޑުތައްވެސް ވަކި ދަށެއް ނޫނެވެ. އެޓޭކް ލީޑުކުރަމުންދަނީ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 58 މެޗުން 28 ގޯލު ޖަހައި، 11 އެސިސްޓް ފުރިހަމަކޮށްފައެވެ. އޭގެ އިތުރުން އިންޓަ އެޓޭކް ލައިނުގައި ފެނިގެންދަނީ ކުރިން ސިޓީއަށް ކުޅުނު އެޑެން ޒެކޯއާއި ރޮމެލޫ ލޫކާކޫއެވެ. އިންޒާގީ އެ ދެފޯވަޑުންވެސް ބޭނުންކުރަމުންދަނީ ބެންޗުން އަރުވާ ކުޅުންތެރިން ގޮތުގައެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި އެންމެ މުހިއްމު މެޗު. ކުޅުންތެރިންނަށްވެސް އޮތީ އެހާލަތުކަން ޔަގީން. އަހަރެމެންގެ އެބަތިބި ކުރިން ސެމީ ފައިނަލުގައި ކުޅެފައި ތިބި ޒެކޯއާއި އޮނާނާ ކަހަލަ ކުޅުންތެރިން،" އިންޒާގީ ބުންޏެވެ.

އިންޒާގީ ބުނީ ފައިނަލަކީ އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ނެރެން ލިބޭ ފުރުސަތު ކަމަށެވެ.

އާޖެންޓީނާގެ ފޯވަޑް މާޓިނޭޒްގެ ނަޒަރުގައި މެޗަށް މުހިއްމީ "ޕާސޮނާލެޓީ" އެވެ. ރޫހު ރަނގަޅު ޓީމަކީ ނަތީޖާއަށް އެންމެ މުހިއްމު ވަސީލަތް ކަމަށް އޭނާ ފާހަގަކުރިއެވެ. "ޓީމުގެ ހިތްވަރުން ތަފާތު ރޫހެއް އުފެއްދިއްޖެނަމަ، އެއީ އިންޓަ މިލާނަކީ. އެކަން ޓީމުގައި މަދުވާތާ ދުވަސްކޮޅެއް ވެއްޖެ. އެކަމަކު މިފަހަރު އެތަފާތު ފެނޭ،" މާޓިނޭޒް ބުންޏެވެ.

އިންޓަ މިލާނާއި ސިޓީ ވާދަކުރާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ މިރޭ 12:00 ގައެވެ.