ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕަށް އިއުލާނުކުރި ފައިނަލް ސްކޮޑުން އެލެޓާ ކިންގްސްލޭއަށް ފުރުސަތު ނުދޭން ކޯޗު ޖާވިއޭ ކަބްރޭރާ ނިންމައިފިއެވެ.

ނައިޖީރިއާއަށް އުފަން ފޯވަޑް ކިންގްސްލޭ އަށް ކޯޗު ކަބްރޭރާގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ދީފައިވެއެވެ. ފުރަތަމަ ނެގި 35 ކުޅުންތެރިންގެ ސްކޮޑުން ކިންގްސްލޭއަށް ޖާގަ ދީ، ފަހުން 30 ކުޅުންތެރިންނަށް ސަކޮޑު އުނިކުރިއިރުވެސް ކަބްރޭރާ ވަނީ އޭނާއަށް ޖާގަ ދީފައެވެ. އެހެންނަމަވެސް އިއްޔެ އިއުލާނުކުރީ ފައިނަލް ސްކޮޑުގައި ކިންގްސްލޭއަށް ޖާގަ ދީފައެއް ނުވެއެވެ.

ނައިޖީރިއާއަށް އުފަން ކިންގްސްލޭ، އެންމެ ފުރަތަމަ ބަންގްލަދޭޝް ލީގުގައި ކުޅެފައި ވަނީ 2011 ވަނަ އަހަރުއެވެ. އޭގެ ފަހުން 2022 ވަނަ އަހަރުން މިދިޔަ ސީޒަނުގެ ނިޔަލަށް ބަޝުންދަރަ ކިންގްސްއަށް ކިންގްސްލޭ ކުޅެފައިވާ އިރު، މިހާރު އޭނާ ކުޅެމުން އަންނަނީ ޑާކާ އަބަހާނީއަށެވެ.

ކިންގްސްލޭ ބަންގްލަދޭޝްގެ ރައްޔިތުކަން ހޯދީ 2021 ވަނަ އަހަރުއެވެ. އެންމެފަހުން ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝްއިން ނެގި ޕްރިލިމިނަރީ ސްކޮޑުގައި ކިންގްސްލޭގެ ނަން ހިމެނުނު ނަމަވެސް، އެފަހަރު ނުކުޅެވުނީ މުބާރާތުގެ ކުރިން ފީފާގެ ލީގަލް ކަންކަން ނުނިމިގެންނެވެ.

މިއަހަރުގެ މިހާތަނަށް ކިންގްސްލޭ ވަނީ ބަންގްލަދޭޝް ގައުމީ ޓީމަށް ފީފާ ފްރެންޑްލީ މެޗެއްގެ އިތުރުން ރަސްމީ ނޫން މެޗެއްގައިވެސް ކުޅެފައެވެ. ކިންގްސްލޭ ކުޅުނު ފުރަތަމަ ފީފާ މެޗަކީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗެވެ.

ބަންގްލްދޭޝްއިން ސާފްގެ ކުރިން ކެމްބޯޑިއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ތައްޔާރުވަމުން އަންނަ އިރު، މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކެމްބޯޑިއާގައެވެ. އޭގެ އިތުރުން ކެމްބޯޑިއާގެ ލޯކަލް ކްލަބެއް ކަމަށްވާ ޓިފީ އާމީ އެފްސީއާ ދެކޮޅަށް ބަންގްލަދޭޝްއިން ވަނީ މެޗެއް ރާވާފައެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އަށް ޓީމުން ވާދަކުރާއިރު، ބަންގްލަދޭޝްއިން ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ރާއްޖެއާއި ބޫޓާންގެ އިތުރުން ލުބުނާނެވެ.