އިންޑިއާގައި މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އިންޑިއާއާއި ލުބުނާނުން ވާދަކުރާ ހީރޯ އިންޓަކޮންޓިނެންޓަލް ކަޕް މިއަދު ފަށައިފިއެވެ.
އިންޓަކޮންޓިނެންޓަލް ކަޕަކީ އިންޑިއާގެ ބުބަނެސްވާރުގެ ކަލިންގާ ސްޓޭޑިއަމްގައި ބާއްވަމުން އަންނަ ހަތަރު ގައުމު ވާދަކުރާ މުބާރާތެކެވެ. މީގެ ކުރިން ދެ ފަހަރު ބާއްވާފައި އޮތް މުބާރާތް މި އަހަރުގެ ސާފްގެ ކުރިން ބާއްވަން އިންޑިއާ އިން ތާވަލުކޮށްފައި ވަނީ އެ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށެވެ. މި ފަހަރުގެ މުބާރާތުގައި ސާފްގައި ވާދަކުރާ ލުބުނާނާއި އިންޑިއާގެ އިތުރުން ދެން ވާދަކުރަނީ ވަނުއަޓޫއާއި މޮންގޯލިއާއެވެ.
މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލް މެޗެއް ކުޅޭ ގޮތަށް ރާވާފައިވާ އިރު، މިއަދު ހަވީރު ވަނީ ފުރަތަމަ މެޗުގައި ލުބުނާނާއި ވަނުއަޓޫ ވާދަކޮށްފައެވެ. އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ލުބުނާނެވެ.
މެޗުގައި ލުބުނާންގެ ގޯލުތައް ޖަހައިދިނީ ނަދީރު ޗާބެލްއާއި ހަސަން މުހައްމަދު އަދި ކަރީމް އަލް އަބީދެ ޑާވިޗެވެ. ވަނުއަޓޫގެ ގޯލު ޖަހައިދިނީ ވެލްވެލްއެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އިންޑިއާއިން ނުކުންނާނީ މޮންގޯލިއާއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި އިންޑިއާގެ އިތުރުން ޕާކިސްތާނާ ނޭޕާލް އަދި ކުވައިތު ވާދަކުރާ އިރު، ރާއްޖެ ހިމެނޭ ގްރޫޕް ބީގައި ވާދަކުރާނީ ބަންގްލަދޭޝްއާއި ރާއްޖޭގެ އިތުރުން ލުބުނާނާއި ބޫޓާނެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023