ހުޅުމާލެ ދެވަނަ ފިޔަވައްސާ ދިމާލު ކަނޑުމަތިން ފެނުނު މަރުވެފައި އޮތް މީހާއަކީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ ފޭސް 2ގެ އެޗް16 ވަނަ ޓަވަރާ ދިމާލު ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5:56 ހާއިރެވެ. އެ މީހާގެ ހަށިގަނޑު ފެނުނު އިރު، އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ.

ނަމަވެސް އޭނާއަކީ ކާކުކަން ނޭނގިގެން ފުލުހުން އިއްޔެ ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުން އަންނަ ސައުދީގެ ބިންލާދިން ގްރޫޕުގައި މަސައްކަތްކުރާ 34 އަހަރުގެ ޗައިނާ މީހެއް ކަމަށެވެ.

ގަލޮޅު މޯޗަރީގައި އޮތް އެ މީހާގެ ހަށިގަނޑު ފެނުނު އިރު، އެއްވެސް ޒަހަމެއް ނުވަތަ ޝައްކުވާ ފަދަ ކަމެއް ހުރި ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.