ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ދެވެން އޮތް ދުލެއް އެމްޑީޕީން ދީފައިވާ ކަމަށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ، އަލުން ކޮމިޓީތައް އެކުލަވާލުމުގެ މަޝްވަރާތަކެއް މިއަދު ހެނދުނުވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި އާންމު ކޮމިޓީ އެކުލަވާލުމާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސަބަބަކީ އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް މިނިވަން މެމްބަރަކު ހުށަހެޅުއްވުމުންނެވެ. ނަމަވެސް އެމްޑީޕީން އެއްބަސްވީ، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް އެ ޕާޓީ ތަމްސީލުވާ ނިސްބަތުން ކޮމިޓީގެ ސްލޮޓް ލިބެންޖެހޭނެ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެއީ ކޮމިޓީތަކުގެ 60 ޕަސެންޓް ކަމަށާއި ހުރިހާ ކޮޮމިޓީއަކުން އެ އަދަދު ލިބެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެގޮތަށް އެމްޑީޕީން ހުށަހަޅާފައިވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން އެކަމަށް އަދި ޖަވާބެއް ލިބިފައިނުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް މިދުވަސްކޮޅު އާންމު ކޮމިޓީ މުހިއްމުވެގެން އުޅެނީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެ ކޮމިޓީން ނިންމާ ނިންމުމެއްގެ މަތިން ކަމަށްވާތީއެވެ.

އާއްމު ކޮމިޓީއަކީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށް ގެންދާނެ ވަގުތާއި އެ ވަގުތުގެ ތެރެއިން ބަހުސް ކުރުމަށް މެންބަރުންނަށް ދޭނެ ވަގުތު ކަނޑައެޅުމާއި އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާންޖެހޭ ފަރާތަށް ފުރުސަތު ދޭނެ ވަގުތު ކަނޑައަޅާ ކޮމިޓީއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ތިން މައްސަލަ ކުރިއަށް ނުގޮސް އޮތީ، މަޖިލިސް ކޮމިޓީތައް ހުއްޓިފައި އޮތުމުންނެވެ. މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި ވަނީ، އެއީ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް މަޖިލިސް ރައީސް އެންގެވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތައް ނުބާއްވަން އެންގެވީ، 12 މެންބަރުން އެމްޑީޕީން ވަކިވުމާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.