ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ގދ.ގައްދޫ، ހަނދުވަރީނާޒް، މުހައްމަދު ޝަނީޒް އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

ޝަނީޒަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާގައި ނުވަ އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އިރު އެމުއްދަތުގެ ތެރޭގައި މުހައްމަދު ޝަނީޒް ވަނީ ވަކީލުކަމާއި މެޖިސްޓްރޭޓްކަން އަދާ ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރިއިރު ޝަނީޒް ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަނީސް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ބޭއްވި ރަސްމިއްޔާތުގައި ޝަނީޒްއަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަ މުހައްމަދު އިބްރާހީމްއެވެ.