ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުމަށް ބަންގްލަދޭޝްއަށް ފުރުސަތު ބޮޑު ކަމަށް އެގައުމުގެ ކެޕްޓަން ޖަމާލް ބުޔާން ބުނެފިއެވެ.
ސާފް ޗެމްޕިއަންޝިޕް 2023 މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގައި ފަށަން ތައްޔާރުވެފައިވާ އިރު، ބަންގްލަދޭޝްއިން މިފަހަރު ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ރާއްޖެއާއި ބޫޓާންގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ލުބުނާނެވެ.
މިދިޔަ ފަސް ސާފް ޗެމްޕިއަންޝިޕްގައިވެސް ބަންގްލަދޭޝްއަށް ގްރޫޕް ސްޓޭޖުން ސަލާމަތްވެވިފައިނުވާ އިރު، މިފަހަރު އެޓީމުން ނުކުންނަނީ އެ ތާރީހު ބަދަލުކުރާށެވެ. އެކަމަށް ބޮޑު ފުރުސަތެއް އޮތް ކަމަށް ކެޕްޓަން ޖަމާލް ވަނީ ބުނެފައެވެ.
"އަހަރެމެންގެ ޓާގެޓަކީ ސެމީ ފައިނަލަށް ދިޔުން. އަހަންނަށް ހީވަނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އަހަރެމެންނަށް ފައިނަލް މެޗަކަށްވާނެހެން. ލުބުނާނާ ދެކޮޅަށް ޕޮއިންޓެއް ލިބުނަސް އެއީ ފައިދާއެއް، އެހެންވިޔަސް އެޓީމު މުބާރާތަށް ދާނީ ރަނގަޅު ފޯމެއްގައި އޮވެގެން. ފުރަތަމަ މެޗު އަހަރެމެންނަށް މުހިއްމުވާނެ. ލުބުނާނާ ދެކޮޅަށް ނުކުމެ ރަނގަޅަށް ކުޅެ، ކޮންފިޑެންސް ގާއިމުކުރަން ޖެހޭ. އޭރުން ރާއްޖެއާ ކުރިމަތިލާއިރު ޓީމު ރަނގަޅަށް އޮންނާނީ،" ރާއްޖޭގައި އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކައިރިން ބަލިވި ބަންގްލަދޭޝް ޓީމުގެވެސް ކެޕްޓަންކަން ކުރި ޖަމާލް ބުންޏެވެ.
ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް އެގައުމުގެ އެންމެ ބޮޑު ކްލަބު ބަޝުންދުރާ ކިންގްސްގެ ސްޓޭޑިއަމްގައި ފަރިތަކުރުންތައް ކުރިޔަށް ގެންދާއިރު، ކެޕްޓަން ޖަމާލް ބުނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ގައުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މުބާރާތަށް ދާނީ އުންމީދުގައި ކަމަށެވެ.
އޭގެ އިތުރުން ޖަމާލް ވަނީ ބަންގްލަދޭޝް ޓީމުގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންނަށް ތައުރީފު ކޮށްފައެވެ. އޭނާގެ ނަޒަރުގައި ތަފާތަކަށްވާނީ އެ ކުޅުންތެރިންނެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023