ސާފް ޗެމްޕިއަންޝިޕް 2023 ގެ އެންމެ ފަހުގެ ހަބަރާއި ރިޕޯޓުތައް ތާޒާކަމާއެކު ކިޔުންތެރީންނަށް ގެނެސްދިނުމަށް "ވަން"ގެ ސްޕޯޓްސް ޓީމު އިންޑިއާގެ ބެންގަލޫރަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.

މިމަހުގެ 21 އިން ފެށިގެން އަންނަ މަހުގެ 4 ގެ ނިޔަލަށް ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖަށް ބަންގަލޫރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ "ވަން"ގެ ސްޕޯޓްސް ޓީމުގައި ހިމެނެނީ ސްޕޯޓްސް އެޑިޓަރު އިމާދު ލަތީފާއި ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޕޯޓްސް އެޑިޓަރު އިމާދު ވިދާޅުވީ ކެވަރޭޖުގެ ތެރެއިން ހަބަރާއި ތަފާތު ރިޕޯޓުތަކުގެ އިތުރުން "ވަން" ގެ ސްޕޯޓްސް ޓީމުން ލުއި ހަބަރުތަކާއި އެކްސްކްލޫސިވް އިންޓަވިއުތަކާއި މެޗުތަކުގެ ލައިވް ބްލޮގު ވެސް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކަވަރޭޖުން ވެސް އެހެން ކުޅިވަރު މުބާރާތްތަކެކޭ އެއްގޮތަށް ތަފާތު ކުލަތަކެއް ފެނިގެންދާނެ، ކިޔުންތެރީންނަށް ޝައުގުވެރި އެތައް ވާހަކަތަކެއް ގެނެސްދެވޭނެ. އަޅުގަނޑުމެންގެ ފަހަތުގައި ތަޖުރިބާ ބޮޑު، ގާބިލު ޓީމެއް އެބައޮތް،" އިމާދު ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވަންގެ ސްޕޯޓްސް އެޑިޓަރު، އިމާދު ލަތީފްގެ ނޫސްވެރިކަމުގެ ހަޔާތް ފެށިގެންދިޔައީ 1993 އިން ހަވީރު ނޫހުންނެވެ. އެއަށްފަހު 2008 ގައި ވީމީޑިއާގެ އެޑިޓަރުގެ ގޮތުގައި މަސައްކަތްކުރެއްވި އިމާދަކީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ބޭރު ދުނިޔެއާއި ކުޅިވަރު ކަވަރުކުރުމުގައި ރާއްޖޭގެ ފުރަތަމަ ފުލްޓައިމް ނޫސްވެރިޔަކީ ވެސް އިމާދެވެ. ސާފް ޗެމްޕިއަންޝިޕާއި އޭސީސީ ކްރިކެޓް މުބާރާތްތަކާއި އޮލިމްޕިކްސް ފަދަ ގިނަ ކުޅިވަރު މުބާރާތްތަކެއް ކަވަރުކޮށްފައިވާ އިމާދަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެނަލިސްޓުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އެގޮތުން ޔޫރޯ އާއި ވޯލްޑް ކަޕްގެ ހުރިހާ މުބާރާތްތަކުގައި ރާއްޖޭގެ އެނަލިސްޓުންގެ ޓީމުތަކުގެ ތެރޭގައި އިމާދު ފާހަގަކޮށްލެވެއެވެ.

ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫނުގެ ކުޅިވަރު ނޫސްވެރިކަން 2014 ވަނަ އަހަރު ފެށިގެން ދިޔައީ ދުވަސް ނޫހުންނެވެ. އެއަށްފަހު ކުޅިވަރަށް ހާއްސަ ނޫހެއް ކަމަށްވާ އެމްވީ ފޯރީގެ ކޮޕީ އެޑިޓަރަކަށް މަސައްކަތްކޮށް، ސަން އޮންލައިނާއި ވަގުތު ނޫހުގައި ކުޅިވަރު ނޫސްވެރިޔަކަށް މަސައްކަތް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރުން ފެށިގެން "ވަން" ގެ ކުޅިވަރު ޑެސްކްގައި ޝަމްއޫން މަސައްކަތް ކުރަމުންދާ އިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވިގެންދިޔަ ބޮޑެތި އެކިއެކި މުބާރާތްތަކުގެ ކަވަރޭޖު އެންމެ ތާޒާކަމާއެކު އާންމުންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.

"ވަން" އަކީ ޔޫރޯ 2020 އަދި ވޯލްޑް ކަޕް 2022 ގައި ވެސް އެންމެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިން އޮންލައިން ނޫހެވެ. އެގޮތުން "ވަން" އިން ވާނީ ޔޫރޯ އާއި ވޯލްޑް ކަޕްގެ އެންމެ ފުރިހަމަ ގައިޑު އާންމުންނަށް ގެނެސްދީފައެވެ. އޭގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފާއިތުވެދިޔަ ދެ އަހަރުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ވެސް "ވަން" ގެ ސްޕޯޓްސް ޓީމުން ވަނީ ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހާއްސަ ކަވަރޭޖު ގެނެސްދިނުމަށް "ވަން" ގެ ވެބް ސައިޓުގައި މުބާރާތަށް ހާއްސަ ޕޭޖެއް ހިމެނޭނެ އިރު، އެ ޕޭޖު ދާދި އަވަހަށް ލޯންޗު ކުރެވިގެންދާނެއެވެ. އެ ޕޭޖުން ހަބަރާއި ރިޕޯޓުތަކުގެ އިތުރުން މެޗުތަކުގެ ނަތީޖާތަކާއި މެޗުތައް ކުޅޭނެ ގަޑިތައް އެނގޭނެ ގޮތަށް ޝެޑިއުލް ފެނިގެންދާނެއެވެ. އޭގެ އިތުރުން "ވަން" ގެ ފޭސްބުކް ޕޭޖުން ވެސް މުބާރާތުގެ އެންމެފަހުގެ މައުލޫމަތު ލިބިގެންދާނެއެވެ.