ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ މައްސަލާގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ދެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔައީ އެކުއެކީގައެވެ. ޔޫސުފް ނައީމުގެ ފަރާތުން އިސްތިއުނާފު ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ދިނުމުގެ ކުށާއި އެ ދައުވާ ސާބިތުވުން ކަނޑައެޅި ހުކުމުގެ މައްޗަށެވެ.
ދެ ގަޑިއިރަށް ކަނޑައަޅައިގެން ކުރިއަށްދިޔަ މިއަދުގެ އަޑުއެހުމުގައި ހުށަހެޅޭ ވަރުވީ ހަމައެކަނި ޔޫސުފް ނައީމުގެ އިސްތިއުނާފެވެ. އޭނާގެ ފަރާތުން އެ މައްސަލާގައި އިސްތިއުނާފީ ހަތަރު ނުކުތާއެއް ވަނީ ހުށަހަޅައިފައެވެ.
އެ ނުކުތާތައް ހުށަހަޅުއްވަމުން ޔޫސުފް ނައީމުގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ، އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު، ފުރަތަމަ ހުށަހަޅާފައިވާ ހެކިތައް ބަލައިގަނެ ކޯޓުން އެއަށް ރިއާޔަތް ކޮށްފައިވަނީ ޖިނާއި އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީގެ 145 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
އަދި ޔޫސުފް ނައީމުގެ ފަރާތުން ޔާމީނަށް ފައިސާ ދިނީ ޔޫސުފް ނައީމުގެ ހިއްސާ އޮތް ކުންފުންޏަކަށް އާރަށް ލިބޭނެ އިންތިޒާމު ޔާމީންގެ ފަރާތުން ހަމަޖައްސައިދިނުމުގެ މުގާބިލުގައި ކަމަށް ދައުލަތުން ދައުވާކޮށްފައިވާއިރު ރިޝްވަތުގެ ކުށް ޔޫސުފް ނައީމުުގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި ވަނީ، ރިސޯޓު ހަދަން ތިންވަނަ ފަރާތަކަށް ރަށެއް ދިނުމަކީ ޔާމީންގެ ހައިސިއްޔަތު ނުވަތަ ރަސްމީ ވާޖިބުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޔޫސުފް ނައީމަށް ގަބޫލުކުރެވެންޖެހޭ ސަބަބެއް ގާނޫނުލްއުގޫބާތާއި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތަށް ސާބިތު ކޮށްދެވިފައިނުވާ ހާލަތުގައި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ދަށު ކޯޓުގައި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު، އަދަބާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ޔޫސުފް ނައީމަށް އެންމެ ދޮޅު ގަޑިއިރުގެ ވަގުތެއް ދީފައިވަނީ ސުޕްރީމް ކޯޓުން ކަނޑާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމެއް ހުށަހަޅަން އެކަށީގެންވާ ވަގުތާއި ވަސީލަތް ނުލިބޭ ހާލަތުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ނައީމުގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނުލްއުގޫބާތާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
މި ނުކުތާތަކަށް ދައުލަތުގެ ވަކީލުން މިއަދު ވަނީ ޖަވާބު ދެއްވައިފައެވެ.
މިއަދުގެ އަޑުއެހުން ނިމަވާލައްވަމުން މި މައްސަލަ ބައްލަވާ ހައިކޯޓުގެ ތިން ފަނޑީޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ނައީމުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް، ދައުލަތުން ދިން ޖަވާބާ ގުޅިގެން ވާހަކަދެއްކުމަށް ޔޫސުފް ނައީމުގެ ވަކީލުންނަށް ފުރުސަތު ދިނުން ކަމަށެވެ. އެއަށްފަހު އެ މައްސަލައާ ގުޅިގެން ފަނޑިޔާރުން އޮޅުން ފިލުވަން ބޭނުންވާ ކަމެއް އޮތް ނަމަ އެކަމެއް އޮޅުންފިލުވަން ސުވާލުކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު