ސައުދީ އަރަބިއާގެ އަލް-އިއްތިހާދުން ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ގެންދަން ހުރިހާ ކަމެއް ނިންމައި، އެއްބަސްވުންތަކުގައި ދެފަރާތުން ސޮއިކޮށްފި ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
ސައުދީ އަރަބިއާގެ ވަރުގަދަ ކްލަބުތަކުން ދުނިޔޭގެ ވަރުގަދަ ތަރިން އެގައުމުގެ ލީގަށް ގެންދިއުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ އިރު، އެގައުމުގެ ވަރުގަދަ ހަތަރު ކްލަބެއް ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ވަނީ ގަނެފައެވެ. ޕްރިމިއާ ލީގުގެ ނިއުކާސަލްގެވެސް ވެރިން ކަމަށްވާ ސައުދީ ޕަބްލިކް އިންވެސްޓްމަންޓުން ގަތް އެއް ކްލަބަކީ ކަރިމް ބެންޒެމާގެ ސޮއިވެސް ރޭ ހޯދި އިއްތިހާދެވެ.
މި މަހުގެ ނިޔަލަށް ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް ކާންޓޭވެސް ސައުދީގެ އިއްތިހާދާ ގުޅޭނެ ކަމަށް ބެލެވެނީ ބޮޑު މުސާރައެއް ލިބޭނެ އެއްބަސްވުމެއްގައެވެ. ޔޫރަޕްގެ ބައެއް އިތުބާރު ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކާންޓޭއަށް އަހަރެއްގެ މައްޗަށް 100 މިލިއަން ޔޫރޯ، އިއްތިހާދުން ދޭނެއެވެ. އަދި ކާންޓޭގެ ސޮއި އެ ކްލަބުން ހޯދަނީ 2025 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ އެއްބަސްވުމެއްގައި ކަމަށްވެސް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް-ނަސްރަށް ގޮސްފައިވާ އިރު، އެގައުމުގެ ލީގަށް ޔޫރަޕްގެ ތަރިން ގެންދިޔުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ހިނގަމުންނެވެ. އެގޮތުން މިހާރުވެސް ކްރިސްޓަލް ޕެލެސްގެ އިނގިރޭސި ފޯވަޑް ވިލްފްރެޑް ޒަހާއާއި މާސޭއަށް ކުޅެމުންދާ ކުރީގެ އާސެނަލް ތަރި އެލެކްސިސް ސަންޗޭޒްއަށްވެސް ސައުދީގެ ކްލަބުތަކުން ބިޑް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އަދި އޭގެ އިތުރުން އާޖެންޓީނާގެ ކެޕްޓަން، ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ހިލޭ ޓްރާންސްފާއެއްގައި ގެންދަންވެސް ސައުދީ ލީގުގެ އަލް-ހިލާލުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ