އެމްޑީޕީން ބޭނުންވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބަލިކަށިކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ރިފްއަތު އަމަލުކުރެއްވި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ރިފްއަތު ވަޑައިގެން އެ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގެންނެވި އިރު، މިއަދުގެ ޖަލްސާއަށްވެސް އެ މައްސަލަ އެޖެންޑާކޮށް ރިފްއަތު ހާޒިރުކުރިއެވެ. ނަމަވެސް ޖަވާބުދާރީވެ ވަޑައިގަތުމަށް ރިޔާސަތުން ފުރުސަތެއް ނުދެއްވިއެވެ.
އޭގެ ބަދަލުގައި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ނިންމެވީ ބަންޑާރަ ނާއިބުގެ މައްޗަށް ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ބަލަން ކޮމިޓީއަށް ފޮނުވުމަށެވެ. އެއީ މަޖިލީހުގެ އާންމުކޮށް ހިނގަމުން އަންނަ އުސޫލާ ހިލާފު އަމަލެކެވެ. މަޖިލީހުގައި އާއްމުކޮށް ހިނގަމުން އަންނަ އުސޫލަކީ މަޖިލިސް ތަޅުމަށް ހުށަހެޅޭ މައްސަލައަކަށް ބަހުސްކުރަން ފާސްނުވެއްޖެ ނަމަ އެ މައްސަލައެއް މަޖިލީހުން ބޭރުކޮށްލުމެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުންވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ފާސްކޮށްފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އޭޖީ ރިފްއަތު ސަލާމަތްކުރައްވަން ވޯޓާ ހަމައަށް ނުދާން ބޭނުންވާނެ ކަމަށް ހީފުޅުކުރެއްވި ކަމަށެވެ.
"އެމްޑީޕީ މަސައްކަތް ކުރާނެ ކަމަށް ލަފާވަނީ އޭޖީ ސަލާމަތްކުރަން. ވޯޓު ނުނަގާ އޭޖީ އެއް ރަނގަޅުވާނެ ކަމަށް އާންމު މީހުން ދެކޭނެ. އެހެން ނަމަވެސް އެމްޑީޕީން ބޭނުންވެފައި މި އޮތީ ވީހާވެސް އަވަހަކަށް މި ވޯޓު ނަގައި އޭޖީ ބަލިކަށިކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމިކަން ހާމަކުރުމަށް މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޖީ ބައްދަލުވުމަށް ހުށަހެޅި ބޮޑު އަގުލަބިއްޔަތަކުން ފާސްވެފައިވާ ކަމަށެވެ.
"56 މެންބަރުންގެ ތެރެއިން 42 މެންބަރުން މިއަދުގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ. 42 މެންބަރުންގެ ތެރެއިން އާއްމުކޮށް ރިޔާސަތުން ވޯޓުގައި ބައިވެރިނުވާނެ. އެހެންވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 41 މެންބަރުން. އޭގެ ތެރެއިން 36 މެންބަރުންގެ ތާއީދާއެކު މި ހުށަހެޅުން ފާސްވެގެން ދިޔައީ،" އަސްލަމް ވިދާޅުވިއެވެ.
"44 ސޮއި ލިބުމުން މި މައްސަލަ މަޖިލީހަށް ވައްދާނަން. ނަމަވެސް އުންމީދު މިކުރަނީ 50 އަށްވުރެ އަދި އެއަށްވުރެވެސް ގިނަ މެންބަރުންގެ ސޮޔާއެކު މައްސަލަ ވެއްދޭނެ ކަމަށް" އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރެއްކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 54 މެމްބަރަކު ސޮއިކުރައްވާފައިވާ ކަމަށެވެ.