ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަނުކުރެވޭނެ ކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި މީހުންނަށް ގުޅައި ނަން ނެގުމަށް އަންގައި ބިރު ދައްކަމުންދާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު އެ ކޮމިޝަންގެ ބޭރުގައި ހުރެ ނޫސްވެރިންނާ ވާހަކައްކަވަމުން އާޒިމް ވިދާޅުވީ ނަޝީދު ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީގެ ޕީޖީގެ ނިންމުމެއް ނޫން ކަމަށާއި އެއީ ރައީސް އޮފީހުގެ ނިންމުމެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ނަޝީދު ވަކިކުރަން ހުށަހަޅާނެ ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ މީގެ ކުރިން ވަރަށް ގިނައިން ވިދާޅުވެފައި ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން، ހުށައެއްވެސް ނޭޅޭނެ. އަދަދެއްވެސް ހަމައެއް ނުވާނެ. އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެހެންވީމާ މަޖިލިސް ތެރޭގައި ކިތަންމެ މަސައްކަތެއް ކުރިކަމުގައި ނަމަވެސް މަޖިލިސް ތެރޭގައި ގިނަ އަދަދެއްގެ މެމްބަރުން ގަބޫލުކުރޭ ރައީސަށް ތާއީދު އޮތް ކަމަށް،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދު މަގާމުން ވަކިކުރަން ރައީސް އޮފީހުންވެސް ބޭނުމެއް ނުވާނެ ކަމަށާއި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައިވެސް ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެބަ ތިއްބެވި ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމިކަން ހާމަކުރުމަށް މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޖީ ބައްދަލުވުމަށް ހުށަހެޅި ބޮޑު އަގުލަބިއްޔަތަކުން ފާސްވެފައިވާ ކަމަށެވެ.
"56 މެންބަރުންގެ ތެރެއިން 42 މެންބަރުން މިއަދުގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ. 42 މެންބަރުންގެ ތެރެއިން އާއްމުކޮށް ރިޔާސަތުން ވޯޓުގައި ބައިވެރިނުވާނެ. އެހެންވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 41 މެންބަރުން. އޭގެ ތެރެއިން 36 މެންބަރުންގެ ތާއީދާއެކު މި ހުށަހެޅުން ފާސްވެގެން ދިޔައީ،" އަސްލަމް ވިދާޅުވިއެވެ.
ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ނިންމި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ނަމެއް އަސްލަމް ވިދާޅެއް ނުވެއެވެ. ނަމަވެސް އަސްލަމް ވަނީ އެ މެންބަރުންވެސް ނަޝީދު ވަކިކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވޯޓު ނުދެއްވީ އެކަމާ ދެކޮޅު ހައްދަވާތީ ނޫން ކަމަށް ވިދާޅުވެފައެވެ.
"44 ސޮއި ލިބުމުން މި މައްސަލަ މަޖިލީހަށް ވައްދާނަން. ނަމަވެސް އުންމީދު މިކުރަނީ 50 އަށްވުރެ އަދި އެއަށްވުރެވެސް ގިނަ މެންބަރުންގެ ސޮޔާއެކު މައްސަލަ ވެއްދޭނެ ކަމަށް" އަސްލަމް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނަޝީދު ވަކިކުރުމުގެ މައްސަލައިގައި ދެކޮޅަށް ވޯޓު ދިން މެންބަރުން މިހާރު ވަނީ އެ މަނިކުފާނު ވަކިކުރުމުގެ ޕެޓިޝަންގައި ސޮއިކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން 46 މެމްބަރަކު މިހާރުވެސް ވަނީ ސޮއިކުރައްވައިފައެވެ.