ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ (241 ކޮމިޓީ) މެދުވެރިކޮށް ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޓީގެ ޗެއާ، އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާޓީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާކަން އިއުލާނު ކުރަން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާއެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން ހައްސާސް ބިލްތަކާއި މައްސަލަތައް ތާށިވެފައިވާ ކަމަށެވެ.

އެގޮތުން، އޭނާ ޗެއާކުރައްވާ 241 ކޮމިޓީއިން ބަލަމުން އަންނަ ރައީސްގެ ސިޓީފުޅާ ބެހޭ މައްސަލައިގައިވެސް ގޮތެއް ނުނިންމި ވަނީ އެ ކޮމިޓީ ނުބޭއްވިގެން ކަމަށް ވިދާޅުވިއެވެ.

"241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު އަޅުގަނޑު އެ ކޮމިޓީގެ ޗެއާގައި އިތުރަށް އިންނަ ކަމުގައި ވަނީނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް، 241 ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަންވެސް އަޅުގަނޑު މިހުރީ ގަސްތުކޮށްގެން،" އަސްލަމް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗާގޯސްގެ އިން ވަކިކުރުމުގެ މައްސަލަ ދުނިޔޭގެ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން މައްސަލަ ނިންމުމަށް ރައީސްގެ ސިޓީގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ އެ ސިޓީ އާއްމުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތުގައި ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑެއް ބަދަލެއް ނުވެއެވެ. އަދި އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ގައުމީ މަސްލަހަތަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކަމަށް ބުނެފައިވެއެވެ.

ރައީސްގެ ސިޓީ ހާމަކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ވަނީ މިދިޔަ މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.