އިންޑިއާގައި މި މަހު 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު މިއަދު ޖަޕާނަށް ފުރައިފިއެވެ.
ޓީމު ޖާޕަނަށް ފުރާފައި ވަނީ 10 ދުވަހުގެ ތަމްރީނު ކޭމްޕަކަށެވެ. ޓީމުން ޖަޕާނުގައި ތަމްރީނު ކުރުމަށްފަހު އިންޑިއާގެ ބެންގަލޫރަށް ފުރާނީ 15 ވަނަ ދުވަހުއެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ގައުމީ ފުޓުބޯޅަ ޓީމުން ޖަޕާނަށް ގޮސް ތަމްރީނުތައް ފުރިހަމަ ކުރާނީ އެގައުމުގެ ގައުމީ ޓީމުންވެސް ކޭމްޕް ކުރުމަށް ބޭނުން ކުރާ ފެސިލިޓީއެއްގައެވެ.
ޓީމު މިއަދު ފުރުމުގެ ކުރިން ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ނޫސްވެރިންނަށް ވިދާޅުވީ ޓީމުން ކުރަމުންދާ މަސައްކަތަކީ ދިވެހި ސަޕޯޓަރުން ހެއްވާލުމުގެ މަސައްކަތް ކަމަށާއި ޓީމު މިއޮތީ ސަޕޯޓަރުންގެ ފަހަތުގައި ކަމަށެވެ.
ޝިބާ މިއަދު ފާހަގަކުރެއްވީ ޒުވާން ކުޅުންތެރިން ޓީމުގައި ހިމެނިގެން މިފަހަރު ސްކޮޑު އެކުލަވާލި ސަބަބަކީ ކުރިއަށް ވޯލްޑް ކަޕް ކޮލިފިކޭޝަނާއި އޭޝިއަން ކަޕަށްވެސް ތައްޔާރުވާން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ވިސްނުން ހުރުމުން ކަމަށާއި ޓީމުން ނަތީޖާ ނެރެން ވިސްނާނީ މެޗަކަށްފަހު މެޗަކުން ކަމަށެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިމަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ދިވެހި ޓީމުން އަންނަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، އެއީ ސާފްގެ ހަ ގައުމަކާއި ސަރަހައްދުން ބޭރުގެ ދެ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި މުބާރާތުން ފެންނާނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ބޫޓާންގެ އިތުރުން ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުވަތު ދެވިގެން ސަރަހައްދުން ބޭރުން ވާދަކުރާނީ މެދުއިރުމަތީގެ ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބޫޓާނާއި ބަންގްލަދޭޝް އަދި ލުބުނާނެވެ.
ރާއްޖެއިން ސާފަށް ތައްޔާރުވަމުން އަންނަ އިރު، މި މުބާރާތަށް ކޯޗަށް ދީފައިވާ ޓާގެޓަކީ މުބާރާތުގެ ތަށްޓެވެ. މިފަހަރުގެ ސީޒަން ފެށިގެން މާ ގިނަ ދުވަހެއްވެސް ނުވަނީސް ގައުމީ ޓީމުގެ ތަމްރީނުތަކަށް ސީޒަން މެދުކަނޑާލަން ޖެހިފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ނަޒަރުގައި ރާއްޖެއަށް އޮތް ޗެލެންޖަކީ ފިޓްނަސްގެ މައްސަލައެވެ. އެކަން ހައްލުކުރުމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ރަނގަޅު ތަމްރީނުތަކެއް ކުރަމުން އަންނަ ކަމަށް ބައްސާމް ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ ޓީމު ސާފަށް ފުރިހަމައަށް ތައްޔާރުވެއްޖެ ނަމަ، ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
- ސަމޫހު އަލީ (ސަމުއްޓެ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ޝިފާއު (ކްރޯ)
- އިބްރާހީމް އައިސަމް
- ހައިޝަމް ހަސަން (ބިޑި)
- ހަސަން ރާއިފް (ހަންނަ)
- ހުސައިން ނިހާން (ނިހާޓް)
- ހަސަން ޝިފާޒް (ޑުންގާ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ހުސައިން ޝަރީފް/ ގޯލްކީޕަރު
- ނާއިޒް ހަސަން (ދާދު)
- މުހައްމަދު އިރުފާން (އިރޭ)
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު ފައިސަލް/ ގޯލްކީޕަރު
- އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
- ހުމައިދު ހުސައިން
- މުހައްމަދު ޝަފީއު (ޗެކް)/ ގޯލްކީޕަރު
- އަހުމަދު އައިހަމް (ޕަތޯ)
- މުހައްމަދު ނިޒާމް (ޕީކޭ)
- އަހްނަފު ރަޝީދު (އަހުއްކޮ)
- އިބްރާހީމް އުސާމާ
- އިބްރާހީމް ވަހީދު ހަސަން (އިއްބެ)
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023