ޗާގޯސް ހިމެނޭ ރާއްޖޭގެ ދެކުނު ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގެ މައްސަލަ ސާބިތު ކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ކިތާބީ އެއްވެސް ހެއްކެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު ނުހިމެނޭކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ވިއްކާލާފައިވާ ކަމަށާއި އެ މައްސަލަ ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅުން ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ބަންޑާރަނައިބުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް މިއަދުގެ ޖަލްސާގައި ޖަވާބުދެއްވަމުން، ރިފްއަތު ވިދާޅުވީ، "22 އޯގަސްޓް 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއަކާ ގުޅޭގޮތުން، ރާއްޖޭގެ ދެކުނުގެ އީއީޒެޑްގެ މަސަލައާ ގުޅުވައި ދިވެހި ދައުލަތުން ކޮޅު ބަދަލަ ކުރީ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް،" ކަމަށެވެ.

ރައީސްގެ ސިޓީފުޅަކީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގެ މަައުލޫއާ އެއްވެސް ވަރަކަށް ގުޅޭ ސިޓީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލަ ބެއްލެވި އިޓްލޮސްގެ ނުވަ ފަނޑިޔާރުންގެ އިއްތިފާގުން ނިންމި މައްސަލައަށް ވާސިލްވި އެއްވެސް ކަމެއްގެ ތެރޭގައި އަދި ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ހެއްކެއްގެ ތެރޭގައި ރައީސް ފޮނުއްވި ސިޓީ ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"ދެކުނު ސަރަހައްދުގެ ކަނޑުގެ މައްސަލަ އާއި ރާއްޖޭގެ އައުޓްއޮފް ޝެލްފްގެ މައްސަލައިގައި ވެސް ރާއްޖޭން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެ ކަމަށް ރައީސްގެ ސިޓީގައި ކަޅާއި ހުދުން ލިޔެފައިވާކަން ދަންނަވަން،"

އިޓްލޮސްއިން ނިންމި މައްސަލަ އިސްތިއުނާފު ކުރެވިދާނެ ކަމަށް ވާހަކަ ދައްކާ ފަރާތްތަކަށް ރައްދު ދެއްވައި ރިފްއަތު ވިދާޅުވީ، މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބުން ވިދާޅުވުމަކީ ބިލާހެއް ކަމަށެވެ.

"އެކަން ކުރާނީ ކިހިނެއްތޯ، ކޮންތާކަށްތޯދާނީ، ކޮންތާކަށްތޯ މައްސަލަ ހުށަހަޅާނީ، ކޮން ގާނޫނަކަށްތޯ ރިއާޔަތް ކުރާނީ މިއީ އެއްވެސް ކަމަކަށް އެއިން ބޭފުޅެއްގެ ޖަވާބެއް ދެވުނު ކަމެއް ނޫން."

"އެގޮތުން މި މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށް ބުނުމަކީ ގާނޫނީ މާހިރެއް ކީއްކުރަންތޯ، ގާނޫނު ކިޔަވާ ކުއްޖަކުވެސް ދައްކާނެ ވާހަކައެއް ނޫން،"

އޭނާ ވިދާޅުވީ އިޓްލޮސް އިން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަަމަށެވެ.