ރިޕޯޓް

އައްޑޫ މީދޫން ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ގޮވައިގެން މުހައްމައިދީ އެމްޑީޕީއަށް

އަލީ ޔާމިން

4

އައްޑޫ ސިޓީން: އަލީ ޔާމީން، ވަން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރާއްޖޭގެ ސިޔާސީ މައިދާނަށް އުފަންވުމާއެކު އެ ޕާޓީއަށް އައްޑޫ މީދޫން ސޮއިކުރި އެންމެ ފުރަތަމަ މީހުންގެ ތެރޭގައި މީދޫ، ހުޅަނގުގޭ، މުހައްމަދު އިބްރާހިމް ދީދީ (މުހަންމައިދީ) 67އ، ހިމެނެއެވެ. ޕީޕީއެމްގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މުހައްމައިދީ މަރުދިނީ، އެއްވެސް މަޖުބޫރުކަމެއް ނެތި، އޭނާގެ ހިތުގައި އެއިރު ޕީޕީއެމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އޭގެ 11 އަހަރު ފަހުން މުހައްމައިދީ މިއަދު އެވަނީ، ފިޔާތޮށި ލަޝްކަރު ދޫކޮށް، އެމްޑީޕީގެ ރީނދޫ ލަޝްކަރާ ގުޅި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް އަރައިފައެވެ. މައިގަނޑު ސަބަބަކީ އޭނާގެ ހަށިގަނޑުގައި ހިނގާ ގައުމީ ލޭ ކަމަށް އޭނާ ބުނެއެވެ. މި ސަރުކާރުން ރާއްޖެއަށާއި އައްޑުއަށް ގެނެސްދެމުން ގެންދާ ތަރައްގީއަށް ނޫނެކޭ ބުނަން މުހައްމައިދީގެ ޒަމީރު ގަބޫލު ނުކުރަނީ ކަމަށްވެސް އޭނާ ބުނެއެވެ.

މުހައްމައިދީ އެމްޑީޕީއަށް ސޮއިކުރީ މީދޫ ޝަމްސުއްދީން ސްކޫލުގައި ރައީސް ސޯލިހު ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެމްޑީޕީއަށް ސޮއި ކުރުމަށްފަހު، މުހައްމައިދީ މީޑިއާތަކަށް ބުނި ގޮތުގައި އޭނާއަކީ ޕީޕީއެމް އުފެދުނީއްސުރެ ޕީޕީއެމްގެ ހަރަކާތްތައް އިންތިޒާމުކުރުމާއި ޕާޓީގެ އެކިއެކި ކަންކަމުގައި ހިދުމަތް ކުރަމުން އައި މީހެކެވެ. ޕީޕީއެމަށްޓަކައި އޭނާ ބޮޑެތި ގުރުބާނީތަކެއް ވެފައިވާނެ ކަމަށްވެސް ބުންޏެވެ.

މުހައްމައިދީ ބުނި ގޮތުގައި ޕީޕީއެމްގެ ލީޑާޝިޕަށް އޭނާ މުހިންމެއް ނޫނެވެ. އަދި ޕާޓީއަށް ޓަކައި އޭނާ ވި ގުރުބާނީ މިއަދު ޕީޕީއެމްގެ އިސް ބޭފުޅުންގެ ހަނދާނުގައި ނެތް ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑުގެ އަމިއްލަ ގޭގައި ހަރުގެ ހަދައިގެން ޕީޕީއެމްގެ ހަރަކާތްތައް ހިންގާފައި ހުންނާނެ. ދެ ސައުންޑް ސިސްޓަމްވެސް ހުންނާނެ. ޕީޕީއެމްގެ ކަންކަމުގައި އަޅުގަނޑު ގިނަ އަދަދަކަށް ހޭދަކޮށްފައިވާނެ." މުހައްމައިދީ ބުންޏެވެ.

މުހައްމައިދީ ބުނި ގޮތުގައި ޕީޕީއެމަށްޓަކައި އޭނާ ވި ގުރުބާނީގެ އަގެއް ނެތެވެ. އެކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި އޭނާ ދެއްކީ، ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އިރުވެސް ރައީސް ޔާމީނާ ވަކިން ބައްދަލުވެފައި ވާހަކަ ދައްކާލުމުގެ ފުރުސަތު ނުލިބުމެވެ. އެއާ ހިލާފަށް ރައީސް ސޯލިހަކީ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް މުހައްމައިދީ ބުންޏެވެ.

"އަޅުގަނޑަކީ ތަރައްގީގެ ފަހަތުން ދުވާ މީހެއް، ރާއްޖޭގެ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއް ނެތި އަދި އައްޑުއަށް ތަރައްގީ ގެނެސްދެއްވަމުން ރައީސް ސޯލިހު އެގެންދަވަނީ. އެއް ދައުރަކުން ހުރިހާ ކަމެއް ނުކޮށްދެވޭނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން" މުހައްމައިދީ ބުންޏެވެ.

މުހައްމައިދީއަކީ އައްޑޫ މީދޫގެ ޕީޕީއެމްގެ އެންމެ އިސް އެއް މެންބަރެވެ. އޭނާ ބުނި ގޮތުގައި އެރަށުގައި ތިބި ޕީޕީއެމްގެ 300 އެއްހާ މެންބަރުންގެ ތެރެއިން ގިނަ ބަޔަކު އޭނާއާ އެކު އެމްޑީޕީއަށް ބަދަލުވާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟