އަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 821,247 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.1 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 713,598 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓަށް ބަލާއިރު ކުޑަ ފަރަގަކުން ރަޝިޔާ ފަހަތަށް ޖައްސާލައި ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ އިންޑިއާއެވެ. އިންޑިއާއިން އަހަރުގެ މިހާތަނަށް 95,851 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ އިރު ރަޝިޔާއިން ޒިޔާރަތްކުރީ 95,780 އެވެ. ތިންވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ. ޖެހިގެން ޖަރުމަނާއި އިޓަލީ އޮތް އިރު ޗައިނާ އަދިވެސް އޮތީ އެ ލިސްޓުގެ ހަވަނައިގަ އެވެ. ފަތުރުވެރިންގެ އަދަދަށް ބަލާއިރު ޗައިނާއިން އަހަރުގެ މިހާތަނަށް 47,690 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،512 ފަތުރުވެރިން މިއަހަރު އަންނަނީ ޒިޔާރަތް ކުރަމުންނެވެ. އެ ފަތުރުވެރިން 7 ދުވަހާއި 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު މިއަހަރު ނިމޭއިރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު އަހަރު ނިމުމުގެ ކުރިން އެ އަދަދު ހާސިލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު