ކޮވިޑް ނައިނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މިހާރު ހުންނާނީ ހެޔޮ ބަދަލެއް އައިސްފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް އަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އައްޑޫގައި ބޭއްވި އެންމެ ފަހު ޖަލްސާއަށް އެ މަނިކުފާނު ވަޑައިގަތީ ޖަޒީރާ މެނިފެސްޓޯއާ އެކު ކަމަށެވެ.

ރައީސް ވިދާޅުވީ އެ ދަތުރަށްފަހު ވެރިކަމާ ހަވާލުވެ، ސަރުކާރު ހިންގަން ލިބިވަޑައިގަތީ އެންމެ ދެ އަހަރު ކަމަށާއި ކޮވިޑުގެ ބަލިމަޑުކަން ނައިނަމަ، މިހާރު ހުންނާނީ ޕޭ ހަމަނައިޒޭޝަންގެ ތެރެއިން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ، ބޮޑު ބަދަލެއް އައިސްފައި ކަމަށެވެ.

"ކޮވިޑް އަޅުގަނޑުމެންނާ ކުރިމަތިނުވި ނަމަ މިއަދު އަޅުގަނޑުމެން ތިބޭނީ ދައުލަތުގެ ހުރިހާ މީހުންގެ މުސާރައަށް ބޮޑު ބަދަލުތަކެއް ގެނެވިފައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ އެކުވެސް ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގައި، ނިންމާފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގައި އުމްރާނީ ތަރައްގީއަށް ކުރަން ހުންނާނީ ވަރަށް މަދު ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީއަކުންވެސް މެނިފެސްޓޯއެއް ރައްޔިތުންނާ ހަމައަށް ގެންނާނެ ކަމަށާއި އެ މަނިކުފާނުގެ މައިގަނޑު އަމާޒަކަށް ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި މިހާރު މިއޮތް ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމުކުރުން ކަމަށެވެ.