ޚަބަރު

އައްޑޫ އިތުރަށް ތަރައްގީކުރަން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: އަސްލަމް

މުހައްމަދު އިޝާން

އައްޑޫ ސިޓީ މިހާރަށްވުރެ ބޮޑަށް ތަރައްގީކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ސޯލިހަކީ "ނަމަށް ވުރެ ބޮޑަށް ކަން އިސްކުރައްވާ" ބޭފުޅެއް ކަަމަށާއި ތަރައްގީ ފެނިގެންދަނީ އެހެންވެގެން ކަމަށެވެ.

އަސްލަމް ވިދާޅުވީ އައްޑޫ ތަރައްގީ ކުރަން އެ ސިޓީގެ ހުރިހާ ރައްޔިތުން ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި މިހާރު އައްޑުއަށް އަންނަމުންދާ ތަރައްގީއަށް ވުރެ އިތުރު ތަރައްގީ ބޭނުންނަމަ ރައީސް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަންޖެހޭ ކަމަށެވެ.

"އައްޑޫއަކީ މީ ނަލަ ރިވެތި އައްޑޫއަކަށް ވެ އަފިރިން ބޭނުވެނީ އައްޑޫއަކީ މި އުފަލި މިތަނި ރައްޔިތުންނަށް ވޭނޑުވޭ އަފިރިން ބޭނުންވެނީ އައްޑޫ ތަރައްގީ ކެރާ އައްޑޫ ރައްޔިތުން އަބަދަށަސް ތިބޭނެއި ހަމަ އަތްވެޑަލައި އެންމެން އެކީ އެކަތިގަނޑަކަށް. އައްޑޫ ތަރައްގީ ކެރާ އެންމެ އެކަތިގަނޑަކަށްވެ އިބްރާހީމް މުހައްމަދު ސޯލިހުއަށް އަދި އިތިރި ދައުރައް ދިނުމަކީ މުހިންކަމައްކަމަށް ފެނެއި" އަސްލަމް ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުން އެކި ނަންނަމުގައި އައްޑޫގެ ތަރައްގީ ވާހަކަ ދެއްކިޔަސް އައްޑޫ ތަރައްގީވެފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ގެންދަނީ ވަށާޖެހޭ ގޮތަކަށް އައްޑޫ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. ހަންކެޑެ މެދުން އޮންނަ އައްޑޫ ލިންކު ރޯޑު އެ ރަށުގެ އެއް ފަރާތަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އެއާއެކު ހަންކެޑެއިގައިވެސް ޓޫރިޒަމް ފެށުމަށް ހަމަޖެހިގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.