ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާގައި، ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީދު އަބްދުލްޣަފޫރަކީ އަދާވާތްތެރިއެއް ކަމަށް ރައީސް ޔާމީން ވިދާޅުވާ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވުމުން ރައީސް ޔާމީންގެ ނުރުހުން ދައުލަތުގެ ވަކީލަށް އަމާޒު ކުރައްވައިފިއެވެ.

މި މައްސަލައިގެ މައި ހެތްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނާއިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދީބުގެ ނަން ދައުލަތުން ހުށަހެޅި ހިސާބުން ފެށިގެން ރައީސް ޔާމީންގެ ފަރާތުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަ ކުރަމުން އަންނަނީ އަދީބަކީ އަދާވާތްތެރިއެއް ކަމަށެވެ. އަދި ރައީސް ޔާމީން ދަތުރުކުރެއްވި ފިނިފެންނާ ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ މައްސަލައިގައި އަދީބަށް ދައުވާ ކޮށްފައިވާތީ، އެ އަދާވާތްތެރިކަން ވެސް އޮންނާނެ ކަމަށްބުނެ، އޭނާގެ ހެކި ރައީސް ޔާމީނާ ދެކޮޅަށް ބަލައިގަނެވިގެންނުވާނެ ކަމަށް ވެސް ދިފާއުން ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރިއަތުގެ އަޑުއެހުމުގައި ރައީސް ޔާމީން ފާހަގަ ކުރެއްވި ނުކުތާތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ، އަދީބުގެ އަދާވާތްތެރިކަން އޮތް ކަމަށް ބުނާ ހާލަތު މިހާރު ވުޖޫދުގައި ނެތް ކަމަށެވެ.

އަދީބަކީ އަދާވާތްތެރިއެއް ކަމަށް ރައީސް ޔާމީންގެ ފަރާތުން ތުހުމަތު ކުރައްވަނީ، ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު ކަމަށާއި ނައިބު ރައީސަކަށް އަދީބު ހުންނެވުމުން ވެރިކަމުގެ ދަހިވެތިކަމުގައި އޮތް ހާލަތު ކަމަށްވުމުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ރައީސް ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި އަދި އަދީބު ވެސް ހުންނެވީ ޔާމީން ފަހަތަށް ޖައްސަވައިލެއްވުމަށްފަހު، ސިޔާސީ ބާރުވެރިކަމެއް ހޯދޭނެ މަގާމެއްގައި ނޫން ކަމުން، ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާ ހާލަތު މިހާރު ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން އަދީބަށް އޭރު ދައުވާކޮށްފައިވާ މައްސަލައިގައި ޝަަފީއު ފާހަގަ ކުރެއްވީ، އެ ދައުވާ ސާބިތުނުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައި މައްސަލަ އަނބުރާ ކުރިމިނަލް ކޯޓަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންކަމުން އަދީބަކީ ކުށް ސާބިތުވެފައި ހުރި މީހަކަށް ނުވާ ކަމަށާއި ފަހުން އެ މައްސަލަ ޕޮލިހަށް ފޮނުވި ގޮތަށް އޮތީ ކަމަށް ވެސް ވިދާޅުވިއެވެ.

ޝަފީއުގެ އެ ވާހަކަތަކާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ރައީސް ޔާމީން ވާހަކަދައްކަވަން ފުރުސަތަކަށް އެދިވަޑައިގެންނެވިއެވެ.

ގާޒީ އެފުރުސަތު ދެއްވުމުން ވަކީލަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، އެއް އިރަކު އަދާވާތްތެރިކަން އޮތުމަށްފަހު، މިހާރު އެ އާދާވާތްތެރިކަން ނޯންނަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ދެން ނެންގެވީ އެހެން ނުކުރާއެކެވެ. އެގޮތުން އަދީބުގެ އިތުރުން އެ މައްސަލައިގެ ހެތްގެއްގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަކަށް އަބްދުﷲ ޒިޔަތާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަށް ބަލާއިރު، އެ މައްސަލައިގައި ދައުލަތަށް އެއްބާރުލުންދޭ ނަމަ، ދައުލަތުން އަދީބަށް އުފުލާފައިވާ ދައުވާތައް ނުކުރާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

އޭގެ އިތުރުން އަދީބާއި ޒިޔަތުގެ ހެކިބަސް ދައުލަތަށް މުހިންމުވާ ސަބަބަކީ މި ދައުވާގައި ހިމެނޭ ކުށުގެ އުންސުރުތަކާއި ހާދިސާގެ ވާގިއާތައް ސާބިތުވާނެ ކާފީ ހެކި ހަމަވަނީ އެ ދެ މީހުންގެ ހެކިބަސްތައް ހިމެނުމުން ކަމަށެވެ. އަދި އެ ދެ މީހުން ކާފީ ހެކިންނަށްވީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމަށް ފަހުތޯ ވެސް ޔާމީން ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީންގެ އެ ތުހުމަތުތަކަށް ރައްދުދެއްވައި ޝަފީއު ޖެއްސެވީ މިސާލެކެވެ. ގޮތުން ރައީސް ޔާމީންގެ އިސް ދިފާއީ ވަކީލުގެ ގޮތުގައި ހުންނެވި، އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އެމަގާމުގައި ހުންނަވަނިކޮށް ވަކިކުރުމުން، ޔާމީނާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ޖަމީލު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެގޮތުން "ސިޔާސީ މަސައްކަތުގައި އުޅުއްވާ އިރު، މުސްކުޅި ހަރުބަހެއްގައި ވެސް އޮންނަ ފަދައިން، މިތުރުން ހަތުރުންނަށްވޭ، ހަތުރުން މިތުރުންނަށްވޭ، ހާލަތު ބަދަލުވުމުން، އަދީބާއި ރައީސް ޔާމީނާ ދެމެދު އޮތް އާދާވާތްތެރި ކަމެކޭ އެބުނާ ހާލަތަކީ ސިޔާސީ ގޮތުން އޮތް އަދާވާތްތެރި ކަމެއް،" ކަމަށް ޝަފީއު ވިދާޅުވިއެވެ.