• އާބާދީ: 4.2 މިލިއަން
  • ވެރިރަށް: ކުވެއިތު ސިޓީ
  • ވަނަން: އަލް އަޒްރަގް
  • އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ: ބަދޭރް އަލް މުތާވާ (196 މެޗު)
  • ޓޮޕް ސްކޯރާ: ބަޝާރް އަބްދުﷲ (75 ގޯލު)

ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ކުވެއިތަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން ކުވެއިތުން ވޯލްޑް ކަޕް 1982 ގައި ވާދަކޮށްފައިވާ އިރު، ދެ ފަހަރު އޭޝިއަން ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ފައިނަލުން މޮޅުވެ، ކުވެއިތުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވެއެވެ.

ފުޓުބޯޅައިގެ ތާރީހުގައި ކުވައިތުން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވީ ވެސް ދެކުނު އޭޝިއާ ސަރަހައްދެއްގެ ޓީމެއްގެ އަތުންނެވެ. ކުވައިތުން 2000 ވަނަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު އެ މެޗުން މޮޅުވެފައިވަނީ 20-0 ގެ ނަތީޖާއަކުންނެވެ. އޭރު އެ ނަތީޖާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ރެކޯޑަކަށެވެ. ކުވެއިތު އަތުން އެ ރެކޯޑު ގެއްލުނީ 2001 ވަނަ އަހަރު އޮސްޓްރޭލިއާ އިން 31-0 ގެ ނަތީޖާއަކުން އެމެރިކަން ސަމޯއާ ބަލިކުރުމުންނެވެ.

އޭޝިއާގެ ފުޓުބޯޅައިގައި ކުވެއިތު އެންމެ ބޮޑަށް ފާހަަގަކޮށްލެވުނީ 1970 އަދި 2000 ގެ އަހަރުތަކުގައެވެ. ނަމަވެސް 2010 ގެ އަހަރުތަކުގައި ކުވެއިތުގެ ފުޓުބޯޅައިގެ ފެންވަރު ދަށްވެ، ޖެހިޖެހިގެން ދެ އޭޝިއަން ކަޕަށް ކޮލިފައިނުވެ ނިންމާލަން ޖެހުނެވެ. އޭޝިއަން ކަޕް 2011 އަދި 2015 އަށް ކުވެއިތު ކޮލިފައިވެފައި ނުވާ އިރު، 2019 ވަނަ އަހަރު ޑިސްކޮލިފައިވިއެވެ. އަދި އޭގެ ފަހުން މިއަހަރުގެ އޭޝިއަން ކަޕަށް ވެސް ކުވެއިތު ކޮލިފައިވެފައެއް ނުވެއެވެ.

ކުވެއިތުގެ ފުޓުބޯޅަ ތާރީހުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 1982 އަށް ކޮލިފައިވުމެވެ. ވޯލްޑް ކަޕްގެ އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ކުވެއިތުން ވަނީ އެޓީމުގެ ކުޅުނު ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. ކުވެއިތުން ވަނީ އެ ގްރޫޕުގައި ހިމެނުނު ދެކުނު ކޮރެއާ އާއި މެލޭޝިއާ އަދި ތައިލެންޑު ވެސް ބަލިކޮށްފައެވެ.

ސްޕެއިންގައި ބޭއްވި އެ ފަހަރުގެ ވޯލްޑް ކަޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕު ސްޓޭޖު ކުޅޭގޮތަށެވެ. ދެވަނަ ގްރޫޕު ސްޓޭޖުން ފުރުސަތު ލިބެނީ ފުރަތަމަ ގްރޫޕު ސްޓޭޖުގައި ގްރޫޕުތަކުން އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށެވެ. ފުރަތަމަ ގްރޫޕު ސްޓޭޖުގައި ކުވެއިތު ލައްވާލީ ވަރުގަދަ އިންގްލެންޑާއި ފްރާންސް އަދި ޗެކްސްލޮވާކިއާއާ އެއް ގްރޫޕެއްގައެވެ. ފްރާންސާއި އިންގްލެންޑް އަތުން ކުވެއިތު ބަލިވި އިރު، ޗެލްސްލޮވާކިއާ އަތުން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ކުވެއިތުން އެޓީމުގެ ހަމައެކަނި ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ޕޮއިންޓަކާއެކު ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

އޭޝިއަން ކަޕަށް ދިހަ ފަހަރަކު ކޮލިފައިވެފައިވާ ކުވެއިތަކީ 1972 އިން 2000 ގެ ނިޔަލަށް އެ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ފާހަގަކޮށްލެވުނު ޓީމެކެވެ. ހަ ޓީމު ވާދަކުރި އޭޝިއަން ކަޕް 1972 ގެ އޭޝިއަން ކަޕު ގްރޫޕު ސްޓޭޖުން ނިންމާލަން ޖެހުނު ނަމަވެސް، ކުވެއިތުގެ ދެވަނަ އޭޝިއަން ކަޕް ކާމިޔާބެވެ. އީރާނުގައި 1976 ގައި ބޭއްވި އޭޝިއަން ކަޕްގެ ފައިނަލަށް ކުވެއިތު ދަތުރުކުރި އިރު، ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އެޓީމު ބަލިވީ އީރާން އަތުންނެވެ.

ކުވެއިތުގެ ތިންވަނަ އޭޝިއަން ކަޕަކީ އެޓީމުގެ އެންމެ ކާމިޔާބު މުބާރާތެވެ. އަމިއްލަ ގައުމުގައި ބޭއްވި އޭޝިއަން ކަޕް 1980 ގެ ޗެމްޕިއަންކަން ކުވެއިތުން ހޯދިއެވެ. ސެމީ ފައިނަލުގައި އީރާން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި އިރު، ފައިނަލުގައި ދެކުނު ކޮރެއާ އަތުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އޭގެ ފަހުން ކުވެއިތަށް އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދިފައިނުވި ނަމަވެސް، އެޓީމުން ކާމިޔާބީތަކެއް ހޯދިއެވެ. އެގޮތުން އޭޝިއަން ކަޕް 1984 ގެ ތިންވަނަ ހޯދި އިރު، އޭޝިއަން ކަޕް 1996 ގެ ހަތަރުވަނަ ހޯދިއެވެ. އަދި އޭޝިއަން ކަޕް 2000 ގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްފަހު ދެން ފެނިގެންދިޔައީ ކުވެއިތުގެ ނާކާމިޔާބީގެ ފެށުމެވެ.

ކުވެއިތުގެ ނާކާމިޔާބީ ސިލްސިލާގެ ތެރެއިން އެޓީމަށް ފީފާގެ ސަސްޕެންޝަންތަކާ ކުރިމަތިލާން ޖެހުނެވެ. ފުޓުބޯޅައިގެ ތެރެއަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ނިންމައި، 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެ ހަފުތާއަށް ފީފާ އިން ކުވެއިތު ސަސްޕެންޑްކުރިއެވެ. އެއަށްފަހު ކުވެއިތުގެ ފުޓުބޯޅަ އިދާރާގެ އިންތިހާބު ބޭއްވިފައި ނުވުމުން 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ކުވެއިތު ސަސްޕެންޑުކުރިއެވެ. ފީފާއިން އެ ސަސްޕެންޝަން އުވާލާފައިވަނީ 2008 ގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ކުވައިތަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތިންވަނަ ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނު އިރު، އެ ސަސްޕެންޝަން އުވާލާފައިވަނީ ކުވެއިތުން ކުޅިވަރާ ބެހޭ އާ ގާނޫނެއް ފާސްކުރުމާއެކު 2017 ގެ ޑިސެމްބަރު މަހުއެވެ.

ކުވެއިތުން ދެން ކުރިމަތިލާން ޖެހޭނީ މިމަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕާއެވެ. އެޓީމު ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ދައުވަތު ދިން ދެ ޓީމުގެ ތެރޭގައެވެ. ކުވެއިތުގެ އިތުރުން ދެން ދައުވަތުދީގެން ބައިވެރިވާނީ ލުބުނާނެވެ،

  • ނަން: ރުއި ބެންޓޯ
  • އުމުރު: 51 އަހަރު

ކުވެއިތު ގައުމީ ޓީމަށް އިރުޝާދުދެނީ ކުޅުންތެރިއެއްގެ ގޮތުގައި ބެންފީކާ އާއި ސްޕޯޓިންއާއެކު ޕޯޗުގަލް ލީގުން 1991 އިން 2004 އަށް ފެނުނު ރުއި ބެންޓޯއެވެ. އުމުރުން 51 އަހަރުގެ ބެންޓޯ ކުވެއިތު ގައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ސީނިއާ ޓީމުގެ އިތުރުން ކުވެއިތުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް އިރުޝާދު ދެނީ ބެންޓޯއެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ހަ މެޗު ކުޅެފައިވާ ބެންޓޯ، 2004 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު އޭނާގެ ކޯޗިން ކެރިއަރު ފެށިއެވެ. ކުވެއިތާ ހަވާލުވުމުގެ ކުރިން ބެންޓޯ ވަނީ ޕޯޗުގަލްގެ ޒުވާން ގައުމީ ޓީމުތަކަށް އިރުޝާދުދީފައެވެ. ނަމަވެސް ކޯޗިން ކެރިއަތުގައި އޭނާއަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

  • 21 ޖޫން، 15:00، ކުވެއިތު - ނޭޕާލް
  • 24 ޖޫން، 15:00، ޕާކިސްތާން - ކުވެއިތު
  • 27 ޖޫން، 19:00، އިންޑިއާ - ކުވެއިތު