އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ޕީއެސްޖީ ޖާޒީގައި ކުޅުނު ފަހު މެޗުގައި ޕީއެސްޖީ ބަލިވެއްޖެއެވެ.
މީގެ ދެ ހަފުތާ ކުރިން ލީގު ޔަގީންކޮށްފައި އޮތް ޕީއެސްޖީން ސީޒަނުގައި ކުޅުނު ފަހު މެޗުގައި ރޭ ކްލެމޯންޓް ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ކުރިން މެސީއާއި ރާމޯސް ކްލަބަށް އަލްވަދާއު ކިޔާފައިވާ އިރު، މެޗު ފެށުމުގެ ކުރިން ދަރިންނާއެކު ދެކުޅުންތެރިންވެސް ވަނީ ޕީއެސްޖީ ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މެސީއާއި ރާމޯސްވެސް ދެ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ އިރު، ދެ ސީޒަނުގައިވެސް ލީގު ކާމިޔާބު ކޮށްފައިވެއެވެ. ދެކުޅުންތެރިންގެވެސް މުސްތަގުބަލަށް އަދި ވަކި ގޮތެއް ނިންމާފައިނުވާ އިރު، ސައުދީ އަރަބިއާއިން އަންނަނީ އެ ގައުމުގެ ލީގަށް މެސީއާއި ރާމޯސް ގެންދަން މަސައްކަތް ކުރަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މެސީ، އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމާނެއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ވަނީ 16 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖަހައިދިނީ ރާމޯސް އެވެ. އެ ގޯލަށް މާގިނައިރެއް ނުވަނީސް، ކިލިއަން އެމްބާޕޭ ޖެހި ޕެނަލްޓީއާއެކު ޕީއެސްޖީން ލީޑު ފުޅާވެސް ކުރިއެވެ.
ފުރަތަމަ ކޮޅުގައި ޕީއެސްޖީން ދެ ގޯލުގެ ލީޑެއް ނަގައި ހަމަޖެހިލި ނަމަވެސް، ޖޯހާން ގަސްޓިއެން އާއި މެހްދީ ޒެފާން ޖެހި ގޯލުތަކުން ކްލެމޯންޓުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގައި ކްލެމޯންޓަށް ލިބުނު ޕެނަލްޓީގައި ގްރެޖޯން ކިޔޭ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީއަށް ގިނަ ހަމަލާތަކެއް ލިބި ބޭކާރުވެފައިވާ އިރު، މެސީއަށް ލިބުނު ފުރުސަތުތައް ނަގައިލުމުން ޕީއެސްޖީގެ ސަޕޯޓަރުން ވަނީ އަނެއްކާވެސް އޭނާއަށް ބޫ ކޮށްފައެވެ. މިހާތަނަށް ޕީއެސްޖީ ޖާޒީގައި 32 ގޯލު ޖަހައިދީފައިވާ މެސީ ނުތަވަސް ކަމުގައި މެޗު ނިންމާލި އިރު، ކްލެމޯންޓް މޮޅުވި ގޯލު ޖަހައިދިނީ ކިޔޭއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ