އައްޑޫ ސިޓީ މަރަދޫ އިން/ އަލީ ޔާމީން
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ 75 ޕަސެންޓް ވޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް އައްޑޫ މަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، ރައީސް ސޯލިހު އައްޑޫއަށް ގެނެސްދެއްވާ ތަރައްގީ ފާއިތުވި 50 އަހަރުގެ ތެރޭގައި އައްޑޫއަށް އައި ތަރައްގީއާ ނުބައްދަލު ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހަކީ އައްޑޫގެ ތަރައްގީގެ ބާނީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫއަށް ގެނެސްދެއްވި ތަރައްގީއަށްޓަކައި ރައްޔިތުން ރައީސް ސޯލިހަަށް އައްޑޫގެ 75 ޕަސެންޓް ދޭނެ" ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށެވެ. އަދި ރައީސަށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ، އައްޑޫގެ ތަރައްގީއަށް އިތުރު މަޝްރޫއުތައް ގެނެސްދެއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.