އިދިކޮޅު ހުރިހާ ފަރާތްތަށް ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރަން އެއްބަސްވެވޭ ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ބޭރު ބަޔަކަށް ސަރުކާރުން ދޫކޮށްލި ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ކާނިވަލުގައި މިރޭ ބޭއްވި "ބާނަ ބާނަ ތިޔަ ވިއްކާލި ކަނޑު" ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުން އެ ވާހަކަ ދެއްކުމުގެ ހައްގު ހުރިހާ މީހުންނަށް ލިބިގެންވާ ކަމަށެވެ.
ވައްޑެ ވިދާޅުވީ ކަނޑުގެ މައްސަލައިގައި އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރައި އެއް ބޭނުމެއްގައި މަސައްކަތް ކުރާ އިރު، ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރަން ވެސް ހުރިހާ އިދިކޮޅު ފަރާތްކުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ސިޔާސީ ގޮތުން ތަފާތު ވިސްނުމުގައި ތިއްބަސް އެއް ކަމަކަށް އެއްބަސް ވެވިއްޖެ މިހާތަނަށް. ކަނޑުގެ މައްސަލައިގައި އެންމެން އެކީގައި ވާހަކަ ދައްކަން. އަޅުގަނޑު މިރޭ ދަންނަވަން ދެވަނަ ކަމަކަށް އަޅުގަނޑުމެންނަށް އެބަ އެއްބަސް ވެވޭ މިއަދު އެބަ. އެއީ މީގެ 98 ދުވަސް ފަހުން، ސެޕްޓެމްބަރު 9 ވަނަ ދުވަހު މި ވެރިކަން ބަދަލު ކުރަން ވެސް އަޅުގަނޑުމެންނަށް އެއްބަސް ވެވޭ،" ވައްޑެ ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މަސްވެރިކަމަށާއި މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި ދެކުނުގެ މަސްކަނޑު ވިއްކާލުމުގެ އިތުރުން ރައީސް ސޯލިހު ވަނީ ޒުވާނުން މަސްވެރިކަމާ ދުރަށް ޖައްސާފައި ކަމަށް ވައްޑެ ވިދާޅުވިއެވެ.
ކަނޑުގެ މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިނުގެންނެވުމުން ކަނޑުގެ މައްސަލައިގައި ސަރުކާރުން ދޮގު ހަދަމުންދާކަން ސާފުވާ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.