Close
ރިޕޯޓް

ކެޕްޓަންގެ އިންޓަވިއު: ފުރަތަމަ ރޯވީ އިންޖީނުރޫމްގައި، މުޅި ބޯޓަށް ހުޅުގަނޑު ފެތުރޭން ނެގީ 20 މިނެޓު!

3

ހއ. އިހަވަންދޫއަށް ނިސްބަތްވާ މުދާ އުފުލާ ބޯޓު "ހޮރައިޒިއާ 2" މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ފުރައިގެން ދިޔައިރު ބޯޓުގައި އެއްވެސް ކަމެއް ގޯސްކަމަށް ފާހަގަ ނުކުރެވެއެވެ. މޫސުން ގޯސް ނަމަވެސް، 10 މީހުންނާއެކު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އަމާންކަމާއެކު ރަސްގެތީމަށް ބަނދަރުކުރެވޭނެ ކަމުގެ އުއްމީދުގައެވެ. ބޯޓަށް މުދާ ބަރުކޮށްގެން ރަސްގެތީމަށް ދިޔުމަށް މާލެއިން ފުރީ އިއްޔެ ހެނދުނު 9:00 ގައެވެ. އެ ބޯޓަށް ބަރުކޮށްފައިވަނީ ރަސްގެތީމުގެ ފިހާރަތަކަށް ބޭނުންވާ މުދަލާއި ސިމެންތިއެވެ.

ކަނޑުމަތީ ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ އިންޖީނު ރޫމުގައި ވަނީ އަލިފާން ރޯފެވައެވެ. އެއިރު ބޯޓު އޮތީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓުގެ އުތުރުން 3.04 ނޯޓިކަލް ބޭރުގައެވެ. އަލިފާން ރޯވެ އެ ބޯޓު އެއްކޮށް އަނދައި ހުލިވުމުގެ ސަބަބުން ވަނީ އަޑިއަށް ގޮސްފައެވެ.

"ހޮރައިޒިއާ 2" ބޯޓުގެ ކެޕްޓަން އަހުމަދު ނިޔާޒު "ވަން" އަށް ރޭ ބުނީ އިންޖީނު ރޫމުގައި އަލިވާން ރޯވެފައިވާ މަންޒަރު އެންމެ ފުރަތަމަ ފެނުނީ ބޯޓުގެ ފަޅުވެރިޔަކަށް ކަމަށެވެ.

"އަޅުގަނޑު ހުރީ މަޣުރިބު ނަމާދުކުރަން ތައްޔާރުވާން ފާހަނައަކަށް ވަދެ. އެތެރޭގައި ހުއްޓާ ބޯޓު ހުއްޓުނީމަ އަޅުގަނޑު ބޭރަށް ނުކުތީ. އެއިރު އަލިފާން ވަނީ ރޯވެފަ. ފަޅުވެރިޔަކަށް އެންމެ ފުރަތަމަ ފެނުނީ. އަލިފާން ރޯވީ އިންޖީނުރޫމުގަ ހުންނަ ބެޓެރިއެއްގެ ސުވިޗު ނަރުގަ ރޯވެގެން. އެ ސުވިޗުގަ އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭނގެ" އަހުމަދު ނިޔާޒު ބުންޏެވެ.

ނިޔާޒު ބުނީ އިންޖީނުގޭގައި އަލިފާން ރޯވުމުން ބޯޓުގެ ހުރިހާ ފަޅުވެރިން ބޯޓުގެ ކުރީކޮޅަށް ދިޔަ ކަމަށެވެ. އެއިރު އަލިފާން ރޯވެފައިވަނީ ވަރަށް ކުޑަކޮށްކަމަށް އޭނާ ބުންޏެވެ. އަލިފާން ނިއްވަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުނުވި ކަމަށެވެ.

ބޯޓުގެ ކުރީކޮޅުގައި ތިއްބާ އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު ފަޅައިގެން ގޮސް ބޯޓުގައި ހިފިކަމަށް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ ވަރަށް ކުޑަކޮށް ރޯވީ. އެހެންވެ ކަނޑަކަށް ނުފުންމަން. އެހެން ތިއްބާ ގާތްގަނޑަކަށް 20 މިނިޓު ފަހުން އިންޖީނު ރޫމުގަ ރޯވެފައިވާ އަލިފާންގަނޑު ފަޅައިގެން ގޮސް ބޯޓުގަ ހިފި. އެއިރު ރިސޯޓުގެ ލޯންޗު ކައިރިކޮށްފި. އެހެންވެ ކަމެއް ނުވެ ސަލާމަތްވީ" އޭނާ ބުންޏެވެ.

އަހުމަދު ނިޔާޒު ބުނީ "ހޮރައިޒިއާ 2" އަށް ބަރުކޮށްފައިވަނީ ކިހައި ފައިސާއެއްގެ މުދަލެއްކަން ނޭނގޭ ކަމަށާއި އަދި އެ ބޯޓުގެ އަގު ވެސް ނޭނގޭ ކަމަށެވެ.

"ހޮރައިޒިއާ 2" ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެ މީހުން މިހާރު ތިބީ ބ. ކަމަދޫގައެވެ.

"ހޮރައިޒިއާ 2" ބޯޓަކީ ހދ. މަކުނުދޫ ބަޔަކު ކުއްޔަށް ނަގައިގެން ދުއްވާ ބޯޓެކެވެ. މަކުނުދޫން އެ ބޯޓު އޮޕަރޭޓްކުރުމަށް ހަވާލުވެހުރި އަބްދުﷲ ހަމީދު ވެސް ބުނީ ބޯޓުގައި ހުރި މުދަލުގެ އަގު ނޭނގޭކަމަށާއި އެ މައުލޫމާތު އެނގޭނީ ބޯޓުގެ ކޭޝިއަރަށް ކަމަށެވެ. ކޭޝިއަރުގެ ފަރާތުން އަދި އެ މައުލޫމާތު ސާފުނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ "ހޮރައިޒިއާ 2" އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަށް ލިބިފައިވަނީ 19:16 އެހާކަންހާއިރު ކަމަށެވެ. "ހޮރައިޒިއާ 2" ބޯޓުން ދަތުރުކުރި 10 މީހުން ފޯ ސީޒަން ރިސޯޓުގެ ލޯންޗަކަށް ނަގާފައިވާ ކަމަށާއި އެ 10 މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ "ހޮރައިޒިއާ 2" ބޯޓުގައި ރޯވި އަލިފާން ނިއްވާލުމަށް ފުލުހުންގެ ޓީމަކާއި އަންތާރާ ރިސޯޓު އަދި ފޯ ސީޒަން ރިސޯޓުގެ ޓީމެއް ހަރަކާތްތެރިވި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟