ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ފާރު ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލާފައި ހުރި މައްސަލައިގައި އެ ދެ ފުލެޓު، ވެރިންގެ އަތުން އަތުލުން ހުއްޓުވަން އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހިޔާގެ ދެ ފުލެޓް އެއްކޮށްލުމުން އާބަންކޯއިން ވަނީ ފުލެޓުތައް އެތަނުގެ ވެރިންގެ އަތުން އަތުލައިފައެވެ. އާބަންކޯއިން ދެ ފުލެޓު އަތުލުމުން އެ ދެ ތަނުގައި ދިރިއުޅޭ ފަރާތްތައް ކަމަށްވާ އަހްމަދު ޝަމާލް، މަރިޔަމް ޝާނީޒް އަދި ޒުލައިހާ ސަލްވާ ވަނީ އާބަންކޯ އިން ފުލެޓު އަތުލުން ހުއްޓުވުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

އާބަންކޯއާ ދެކޮޅަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، ދެ ފުލެޓުގެ އެއްބަސްވުން އާބަންކޯއިން ބާތިލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައިދިނުމަށާއި އާބަންކޯގެ އެ ނިންމުމުގެ ސަބަބުން ފުލެޓުތަކަށް ކޮށްފައިވާ އިންވެސްޓްމެންޓް އެކީގައި ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

ހިޔާ ފުލެޓަށް ބަދަލުވެފައިވަނީ ކުރިން ދިރިއުޅުނު ތަން ދޫކޮށްލާފައި ކަމަށްވުމުން އަދި އެ ފުލެޓުގައި އޯލެވެލް އިމްތިހާނު ހަދާ ދަރިވަރަކާއި ނުކުޅެދޭ މީހަކު ދިރިއުޅެމުންދާ ކަމަށް މައްސަލައިގައި ވަނީ ބުނެފައެވެ. އެއްކޮށްލި ދެ ފުލެޓު ކުރިން ހުރި ގޮތަށް މަރާމާތުކުރަން އާބަންކޯއިން ދީފައިވާ މުއްދަތަކީ އެފަދަ މަސައްކަތެއް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުންޏެވެ.

ސިވިލް ކޯޓުން އެކަންކަމަށް ރިއާޔަތްކޮށް މިއަދު އެ މައްސަލައިގައި ނެރުނު އަމުރުގައި ބުނީ، ވަގުތީ އަމުރަށް އެދުނު ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަމުރަށް އެދުނު ފަރާތްތަކަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ ހައްގެއް ނެތް ކަމަށެވެ. އަދި އަމުރު ނެރެނުދިން ނަމަވެސް އެ ފަރާތްތަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވެން ކަމަށެވެ.

އެހެންވެ ސިވިލް ކޯޓުން އަމުރުކުރީ އަމުރަށް އެދޭ ފަރާތްތަކުން އާބަންކޯގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އަލީ އަބްދުﷲ އެވެ.

ދެ ފުލެޓު އެއްކޮށްލި މައްސަލަ ބެލުމަށް ފަހު އެއިން ކޮންމެ ފުލެޓެއްގެ ވެރިފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އާބަންކޯއިން ވަނީ އަންގައިފައެވެ. އެ މުއްދަތުގައި ފައިސާ ނުދެއްކުމުން އާބަންކޯއިން ވަނީ އެ ފުލެޓުތައް އަތުލައިފައެވެ.