ފިރިމީހާ އަނބިމީހާ މަރާލުމާއި އަނބިމީހާ ފިރިމީހާ މަރާލުމާއި އެއް ލޯބިވެރިޔަކު އަނެއް ލޯބިވެރިޔަކު މަރާލުމާއި ގޭންގުތަކުން މީހުން މެރުމަކީ ރާއްޖޭގެ ތާރީހުގައި މިހާރު އާކަމެއް ނޫނެވެ. އެފަދަ ކިތަންމެ މަރެއް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ގިނައީ ގޭންގުތަކުގެ މެދުގައި އުފެދޭ ހަލަބޮލިކަމުގައި މަރާލާ މީހުންނެވެ. ނަމަވެސް އެއްބަނޑު އެއްބަފާ މީހަކު މަރާލުމަކީ، ރެއާ ޖެހެންދެން ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގިކަމެއް ނޫނެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައި ރޭގެ ވަގުތެއްގައި މިވަނީ ކޮއްކޮއަކު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މަރާލައިފައެވެ. އަނިޔާވެރި މަރެކެވެ. މަރަދޫފޭދޫގައި ދިރިއުޅޭ ދެބޭންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކޮއްކޮގެ ރުޅި ކޮންޓްރޯން ނައްޓައިގެން ބޭބެގެ މެޔަށާއި ގައިގެ އެކި ތަންތަނަށް ކަތުުރު ހަރައި މަރާލީއެވެ.
މި ހާދިސާގައި މަރުވެފައިވަނީ، ސ. މަރަދޫފޭދޫ، ބްލޫސްޓާ، އަހުމަދު ޝުއައިބް 27އ އެވެ. އޭނާ މަރުވީ، ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އޭނާގެ މަރުގެ ތުހުމަތު ވަނީ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ސ. މަރަދޫފޭދޫ، ބްލޫސްޓާ، ހުސައިން މަވާޒް 24އ އަށެވެ. އެއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށްވެއެވެ.
މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ޝުއައިބަށް ފުރަތަމަ ހަމަލާދީފައިވަނީ އެ މީހުން ދިިރިއުޅޭ ގޭގެ ތެރޭގައެވެ. ނަމަވެސް ހަމަލާތައް އަމާޒުވާން ފެށުމާއެކު ޝުއައިބު ވަނީ އެ ގޭގެ ބޭރު ޕޭވްމަންޓަށް ނުކުމެފައެވެ. ޕޭވްމަންޓް މަތީގައި ލެއިން ތަތްތެޅިފައި ޝުއައިބު އޮތް ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ. އެއީ ރޭގެ މެންދަމުގެ ވަގުތެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަވާޒް ވަނީ ހައްޔަރުކޮށްފައެވެ. މަވާޒް ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގެ ޕްރޮފައިލް ފޮޓޯ، ބަދަލުކޮށް ތައުޒިޔާ ކިޔައިފައެވެ.
ޝުއައިބަކީ ކުރީންސުރެވެސް މަސްތުވާތަކެތި ބޭނުންކުރާ ޑްރަގް އެޑިކްޓެއް ކަމަށް މައުލޫމާތު ލިބެއެވެ. ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޭނާގެ އޮންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އެކި ކުށްތަކުގެ ތުހުމަތުވާ މަވާޒްއަކީ އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ. އެ ދެބޭންގެ މެދުގައި ހަމަނުޖެހުން ހިނގީ، މަވާޒް ވިއްކަން ގެންގުޅުނު މަސްތުވާތަކެތިން ޝުއައިބު ވައްކަން ކުރުމުންނާއި މަވާޒްގެ ފޯނެއް ޝުއައިބު ވިއްކައިގެން އެކަމުގެ ރުޅިވެރިކަމުގައި ކަމަށް އެނގިފައިވެއެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
"ވިއްކަން ގެންގުޅުނު އެއްޗެހެން ވައްކަންކޮށްގެން ކަމަށްވަނީ މިކަމެއް މިކުރީ. ދެން ފޯނެއް ވިއްކާލިއޭވެސް ކިޔާ، އެ ރުޅިވެރިކަމުގައި މިކަމެއް މިހިނގީ" ޝުއައިބާއި މަވާޒްގެ އެކިވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ކިޔައިދިނެވެ.
ޝުއައިބާއި މަވާޒްއަކީ، ކުށްކުރާ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެ މީހުންނަކީ އައްޑޫގައި ހަރަކާތްތެރިވާ ގިނަ ގޭންގުތަކާ ގުޅުން އޮންނަ ދެމީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޝުއައިބުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު އައްޑޫ، މަރަދޫފޭދޫ، މަސްޖިދުލް އަލީގައި އޮންނާނެއެވެ.