ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދެ ފިރިހެނުންނާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ. އެ އެންމެންވެސް މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެ މީހުންނަށް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރަން އުޅުމެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި، އެ ހަތަރު މީހުން ރާއްޖެ އައިއިރު، އެ މީހުންގެ އަމަލުތައް ހުރި ގޮތުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވިގެން އައިޖީއެމްއެޗަށް ގެންގޮސް، ސްކޭން ކޮށްގެން ބެލިއިރު ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީސް ހުރި ކަމަށެވެ. ނަމަވެސް މި މީހުން ގެނައި މަސްތުވާތަކެތީގެ ބާވަތެއް އަދި ބަރުދަނެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނަކީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވަތާކެތި އެތެރެކުރާ އެއް ގައުމެވެ.