Close
ސާފް 2023

ސާފްގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ފައިދާ އޭޝިއަން ކަޕަށް ކުރާނެ: ޗެތުރީ

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި އޭގެ ކުރިން އިންޑިއާއިން ކުޅެން ތައްޔާރުވާ ހީރޯ ކޮންޓިނެންޓަލް ކަޕުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުމަކީ އޭޝިއަން ކަޕުގައި އޭގެ ފައިދާ އިންޑިއާ ޓީމަށް ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރު ފޯވަޑް، ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕަށްވެސް މިފަހަރު ވަރުގަދަ ސްކޮޑެއް އިއުލާނު ކޮށްފައިވާ އިރު، އެ މުބާރާތުގެ ކުރިން އެޓީމުން ހަތަރު ޓީމު ވާދަކުރާ އިންޓަކޮންޓިނެންޓަލް މުބާރާތެއްގައި ވާދަކުރާނެއެވެ. އެ މުބާރާތުގައި އިންޑިއާގެ އިތުރުން ދެން ވާދަކުރާނީ ލުބުނާނާއި މޮންގޯލިއާ އަދި ވަނުއަޓޫއެވެ. އޭގެފަހުން އިންޑިއާއިން ސާފަށް ނުކުންނަ އިރު، އެ މުބާރާތުގެ ގްރޫޕް އޭގައި އިންޑިއާއެކު ހިމެނެނީ ޕާކިސްތާނާއި ކުވައިތުގެ އިތުރުން ނޭޕާލެވެ.

އިންޑިއާ ޓީމުން މިވަގުތު ބުބަނެސްވާރުގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އިރު، ކެޕްޓަން ޗެތުރީ ބުނީ އޭޝިއަން ކަޕްގެ ކުރިން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުމަކީ ފައިދާއަކަށް ވާނެ ކަމަށެވެ.

"ސާފްގައި ކުޅޭ ލުބުނާނާއި ކުވައިތާ ވާދަކޮށްލުމުން އަހަރެމެންނަށް އެނގޭނެ އިންޑިއާ މިވަގުތު އޮތް ހިސާބު. އޭރުން އެނގޭނެ ސީރިއާއާ ކަހަލަ ޓީމުތަކާ ދެކޮޅަށް ދެއްކޭނެ ކުޅުން. ދެން އުޒުބަކިސްތާނާއި އޮސްޓްރޭލިއާއަކީ މާމަތީ ފެންވަރުގެ ޓީމުތައް ކަމަށް ވެދާނެ. ސީރިއާވެސް ފަސޭހަވާނެއެކޭ ނޫން، އެކަމަކު ކުރިއަށް އޮތް ދެމުބާރާތަކުން އިންޑިއާގެ ފެންވަރު ވަޒަންކުރެވޭނެ،" ޗެތުރީ ބުންޏެވެ.

އަންނަ އަހަރު ޖެނުއަރީ މަހު ގަތަރުގައި އޮންނަ އޭޝިއަން ކަޕްގެ ގްރޫޕް ބީގައި ވާދަކުރަން އިންޑިއާއިން ތައްޔާރުވަމުންދާ އިރު، އުޒުބަކިސްތާނުގެ އިތުރުން ދެން އެ ގްރޫޕުގައި އޮތީ ސީރިއާ އަދި އޮސްޓްރޭލިއާއެވެ.

ޗެތުރީ ބުނީ މިހާރު ޓީމުގައި ތިބި ޒުވާން ކުޅުންތެރިން އަދި މިހާތަނަށް އެހާ ވަރުގަދަ ޓީމުތަކާ ކުޅެފައިނުވާ ކަމަށާއި، ސާފާއި ހީރޯ އިންޓަކޮންޓިނެންޓަލް ކަޕަކީ ތަޖުރިބާއަށް މުހިއްމު ދެ މުބާރާތް ކަމަށެވެ.

ޗެތުރީ އިތުރަށް ބުނީ ކުރިއަށް އޮތް އޭޝިއަން ކަޕުގައި އިންޑިއާ ލައްވާލީ އުނދަގޫ ގްރޫޕެއްގައި ނަމަވެސް، މިފަހަރު ގްރޫޕް ސްޓޭޖު ފަހަނައަޅައި ދާން ވިސްނަން ޖެހޭނެ ކަމަށެވެ. އަދި އެކަން ނުވާންވީ ސަބަބެއް ނެތް ކަމަށް ބުނަމުން ޗެތުރީ ބުނީ، ބިލިއަނުން އާބާދީ އޮތް ގައުމަކަށް ކިރިޔާ ހިތްހަމަ ޖެހިލެވޭނެ މިންވަރަކީ ކޮންމެ އަހަރަކުވެސް އޭޝިއަން ކަޕް ކުޅުން ކަމަށެވެ. އަދި "އަންޑަ ޑޯގް" ޓީމެއްގެ ގޮތުގައި އިންޑިއާއަށް ފުޓުބޯޅައިގައި ތަފާތު ދެއްކޭނެ ކަމަށް ބުނެ ޗެތުރީ މިސާލު ޖެހީ ވޯލްޑް ކަޕުގައި މޮރޮކޯގެ ކާމިޔާބީ ދަތުރަށެވެ.