ޗާގޯސް މައްސަލައިގައި ބާއްވަން ނިންމާފައިވާ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

އިމުގެ މައްސަލައިގައި ޕީޕީއެމް/]ޕީއެންސީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ދަ ޑިމޮކްރެޓްސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ގުޅިގެން ހަދާފައިވާ ކޯލިޝަނުން ދަނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން ބާއްވަން ނިންމާފައި ވަނީ އެ ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

ގާސިމް، ޖުމްހޫރީ ޕާޓީގެ ވަޓްސްއެފް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ އެއްވުމުގެ ބޭނުމާއި އެ އެއްވުމުގެ ނަތީޖާ ޖޭޕީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން ޕާޓީގެ ކައުންސިލުން އެންމެ ފަހުން ނިންމި ނިންމުމާ އެއްގޮތަށް ޕާޓީގެ ލީޑާޝިޕުން އަމަލުކުރަންވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ފަހުން ދުވަހު ބޭއްވުނު ޕާޓީގެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގައުމުގެ އަމަންއަމާންކަމާއި އާންމު މަސްލަހަތަށް ރިއާޔަތްކޮށް މި ޕާޓީ އާއި މި ޕާޓީގެ ލީޑާޝިޕުން ދެމިތިބޭން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ގައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެން،" ގާސިމް ވިދާޅުވިއެވެ.

އެއިރުގެ އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ބޭއްވި މެޑޭ އެއްވުމުގައިވެސް ޖޭޕީން ބައިވެރިވެފައިނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކަނޑުގެ މައްސަލައިގައި މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައިވާ އިރު، ޗާގޯސް މައްސަލައިގައި ހަދާފައިވާ ކޯލިޝަންގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ މީގެ ކުރިން ޖޭޕީ ތަމްސީލް ކުރައްވައިފައެވެ.

ޖޭޕީން މިމަހުގެ 25 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެ އާއި މޮރިޝަސްގެ ދެމެދުގައި މެރިޓައިމް ބައުންޑަރީއާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމު ނިންމުން އިސްތިއުނާފު ކުރުމަށެވެ.

އިޓްލޮސްއިން ކަނޑުގެ މައްސަލަ ނިންމާފައިވާ ގޮތުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ނޭދެވޭ އަސަރުކުރާނެކަމަށް ޖޭޕީން ވަނީ ބުނެފައެވެ.