އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ހެކީގެ ގޮތުގައި ބޭންކުން އެކައުންޓު ސްޓޭޓުމަންޓްތަކާއި ޓްރާންސެކްޝަންތައް ހޯދުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުން މުޅި އިގްތިސޯދަށް އޭގެ ގެއްލުން ލިބޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކުރެއެވެ. މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުރަށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ބަލައިގަތުމަށް އިއުތިރާޒުކޮށް ޔާމީނާއި ކްރިކް ރިޒާގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.
އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ބޭންކް ސްޓޭޓްމަންޓްތައް ކޯޓު އަމުރެއް ނެތި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމެވެ.
އެކަމާ ގުޅިގެން ރިޔާސަަތުން ޔާމީނަށް ދިން ފުރުސަތުގައި ޔާމީން ވިދާޅުވީ، ބޭންކު ސްޓޭޓްމަންޓްތައް ހޯދާފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ. ބޭންކްތަކުގެ ކަސްޓަމަރުންގެ މައުލޫމާތު ލިޔުމުން އެދިގެން ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލަށް ހޯދޭނެ ކަމަށް ގާނޫނުގައި ބުނާ ބުނުން މާނަކުރި ގޮތް އެ ގޮތަށް ދޫކޮށްލައިފިނަމަ އޭގެ ނަތީޖާ ގޯސްވާނެ ކަމަށް ވިދާޅުވިއެވެ.
"ނަތީޖާއަކީ ބޭންކްތަކަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލޭނީ، މުޅި ބޭންކިން ނިޒާމަށް، މުޅި އިގުތިސޯދަށް އޭގެ ގެއްލުން ދައްކާނެ،" ޔާމީން ވިދާޅުވި އެވެ.
ބޭންކިން ގާނޫނުގައިވާ ގޮތުގައި ބޭންކުން ހެކި ހޯދުމަށް ތިން ހާލަތެއް ލިޔެފައިވެއެވެ. އެގޮތުން ކޯޓު އަމުރެއް ހޯދައިގެން ނޫނީ ޕްރޮސެކިއުޓާ ޖެނެރަލް ލިޔުމުން އެދިގެން ނޫނީ ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިގެން އެ މައުލޫމާތު ހޯދިދާނެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު