"ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ރާގޮނޑި ރާޖާ މިނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަ އާއި އަދި އެހެންތަންތާނގައި އެކި ގޮތްގޮތަށް ކިޔައިފަ، މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ކަމަށެވެ.
މިއީ ރައްޔިތުން މަޖިލީހުގެ ރައީސް، މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އިއްޔެ ދެއްކެވި ވާހަކަފުޅެކެވެ.
އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. ސިޔާސީ ޕޯޑިއަމް ތަކުގައި ސިޔާސީ ވާހަކަދައްކާނެ އެވެ. ވަގަށްވެސް ގޮވާނެ އެވެ. ވަނަމުންވެސް ގޮވާނެ އެވެ. ޑިމޮކްރެސީ ކުރިޔަށް ދިއުމަށް ޓަކައި ފާޑުކިޔުމަކީ މުހިންމުވެސް ކަމެކެވެ. މިގޮތަށް ގޮވާ އެއްޗެހި ހަޖަމްވެސް ކުރެވެން ވާނެ އެވެ. ސިޔާސީ މަގާމުތަކަށް އަންނަން ވާނީ، ސިޔާސީ މަސައްކަތުގައި އުޅޭން ވާނީ ހަން ބޯވެގެންނެވެ. ފާޑުކިޔުމާއި އެއްޗެހި ކިޔުންވެސް ރައްދުވާނެކަން އެނގިގެންނެވެ. އެކަމަކު ސުވާލަކީ މިގޮތަށް އެއްޗެހި ކިޔުމުގައި ހައްދެއް އޮންނާކަށް ނުޖެހޭ ހެއްޔެވެ؟ ރޮނގެއް ދަމާނީ ކޮން ހިސާބަކު ހެއްޔެވެ؟ އަދި އޭގެ ތެރެއިން އަހަރެމެން އެޑްވޮކޭޓް ކުރާނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ކޮންމެ އެއްޗެއްވެސް ވަރިހަމަ ހެއްޔެވެ؟
ސިޔާސީ ބޭފުޅުން އެކި ޕޯޑިއަމް ތަކުގައި ދައްކަވާ ވާހަކަތަކަކީ މުޖުތަމައު އެމައްޗަށް ތަރުބިއްޔަތުވަމުން އަންނަ އެއް ބައެވެ. އެއީ އެ މީހުން ފޮލޯ ކުރާ ސިޔާސީ މީހުންނެވެ. މާދަމާގެ ސިޔާސީ ލީޑަރުންނަށް ވާން ތިބި މީހުންނެވެ. ސިޔާސީ މީހުންގެ ސަޕޯޓަރުންނެވެ. ވަކި އަތަކަށް ނުޖެހޭ މީހުންނެވެ. ގޭތެރޭގައި އެ އަޑުތައް އަހާން ތިބޭ ކުޑަކުދީންނެވެ. މި އެންމެނަށް ވެސް އަހަރެމެން ދަސްކޮށްދޭންވީ ނަޝީދު އެ ވިދާޅުވާ ވަނަންތަކުން ގައުމުގެ އެހާރާއި މިހާރުގެ ރައީސުންނަށް މުޚާތަބު ނުކުރާ ނަމަ، ޑިމޮކްރެސީ ފުރިހަމަ ނުވާނެ ކަމަށް ހެއްޔެވެ؟ އެހެން ނުކިޔާ ނަމަ ޑިމޮކްރެސީ ދާނީ ފަހަތަށް ކަމަށް ހެއްޔެވެ؟ ރައީސް ނަޝީދު އެ ވިދާޅުވި ވަނަންތަކުން އެ ބޭފުޅުންނަށް މުޚާތަބު ކުރީމާ ވިސްނެނީ ކޮން އެއްޗެއް ހެއްޔެވެ؟
ކުޑަކުޑަ މިސާލެކެވެ. ފާތުމައިދީ އިނީ ތުރާކުނު އަތިރިމަތީގައި ފިނިޖައްސައިލާށެވެ. ގޮޅާބޮލޭ، ކަރުކުރު ބައިސާއޭ، ގަންޖާބޮލޭ ގޮވާ އަޑު އިވުނީމާ އޭނާއަށް ނެގޭނެ މާނައަކީ ކޮބައިހެއްޔެވެ؟ ޑިމޮކްރެސީގެ ފިލާވަޅެއް ހެއްޔެވެ؟ މަލާމާތާއި ފުރައްސާރައާއި އަބުރުކަތިލުން ހެއްޔެވެ؟
ގަބޫލުކުރާން ޖެހޭ ހަގީގަތެއް އެބަ އޮތެވެ. ޑިމޮކްރެސީއަކީ ވަކި ފަރުދަކަށް އަންނަ އެއްޗެއް ނޫނެވެ. އެ އަންނާން ޖެހޭނީ މުޅި މުޖުތަމައަށެވެ. އެންމެނަށެވެ. އެހެންވީމާ ޑިމޮކްރަސީގެ ނަމުގައި ދައްކާން ޖެހޭނީވެސް އެންމެންގެ ވާހަކަ އެވެ. އެންމެނަށް ފައިދާ ވާނެ ވާހަކަ އެވެ. ނަޝީދު އެ ވިދާޅުވާ ނަންތަކުން، އެހާރާއި މިހާރުގެ ރައީސުންނަށް މުޚާތަބު ކުރީމާ ލިބެނީ އެންމެނަށް އޮތް ފައިދާއެއްތޯ، ނުވަތަ ގެއްލުމެއްތޯ މި ސުވާލު އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.
ދެން އޮތީ، ވަނަން ކިޔުމުގެ ވާހަކަ އެވެ. ދުނިޔޭގެ އެއްވެސް ޑިކްޝަނަރީއެއްގައި ވަނަމަކީ ޑިމޮކްރެސީ ފައްކާ ކުރާން ބޭނުންކުރާ އެއްޗެއް ކަމަކަށް ނެތެވެ. ހާލަތަށް ބަލާއިރު، ސިޔާސީ މީހުނަށް އެކި ވަނަންތައް އަބަދުވެސް ބޭނުންކުރީ، އަދި ބޭނުންކުރަމުން އަންނަނީ އެމީހުންގެ އަގު ވައްޓާލާ ޕްރޮޕެގަންޑާ ޓޫލެއްގެ ގޮތުގައެވެ. ސިޔާސީން ކަތިލާ ހަތިޔާރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲގެ ވާހަކައިން މިކަން މާބޮޑަށްވެސް ސާފުވެ އެވެ. ތިރީގައި އެވަނީ އިއްޔެ އީވާ ވިދާޅުވި ވާހަކަ އެވެ.
"ޗޯރު އިބުރޭ ޗޯރު އިބުރޭ މިހެން ރައީސުލްޖުމްހޫރިޔާއަށް ގޮވާލީއޭ ކިޔައިފަ ބޮޑުސިންގާހާ ޓީވީ ސްޓޭޝަނެއް މި ސެންސަރުކުރަނީ، އަޅުގަނޑުމެންނަކީ 30 އަހަރުގެ ވެރިކަމެއް ބޮޑުސިންގާހާ ޝެހެންޝާހެއްގެ ވެރިކަމެއް، ގޮޅާބޯ، ގޮޅާބޯ، ގޮޅާބޯ ކީކީނުންގޮސް އޮފް ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް،"
އެމްޑީޕީގެ ވެރިކަމުގައި ރައީސް މައުމޫނަށް ގޮޅާބޯ ކިއުމުގެ މައިގަނޑު ސަބަބު ބިނާވެފައި އޮތީ ޑިމޮކްރެސީ ފައްކާ ކުރުމުގެ ބަދަލުގައި، އެ މަނިކުފާނު ސިޔާސީ ގޮތުން ކަތިލައި، އޮފު ކަނޑުވާލައިގެން ސައިޒަށް ތިރިކުރުން ކަން އީވާގެ ވާހަކައިންވެސް ސާފުވެއެވެ. އެކަމާ ޑިމޮކްރެސީ ފައްކާ ކުރުމަކާ ގުޅުމެއް ނެތެވެ.
މި ގޮތަށް ސިޔާސީ ޕޯޑިއަމް ތަކުގައި ދެކެވޭ ވާހަކަތައް މީޑިއާތަކުން ކަވަރު ކުރީމާ ފިޔަވަޅު އެޅުމަކީ އަދި އެހެން މައުޟޫ އެކެވެ. މީހުނަށް މި ފަދައިން މުޚާތަބު ކުރުމަކީ ޑޮމޮކްރެސީގެ އަސާސެއް ކަމަށް އެޑްވޮކޭޓް ކުރުމާއި އެކަމާ ގުޅުމެއް ނެތެވެ.
ރައީސް ނަޝީދު އެ ވިދާޅުވާ ނަންތައް އައިސްފައިވާ ގޮތަކީ ވެސް މި މައުޟޫގައި ޝައުގުވެރި ވާހަކަތަކެކެވެ.
އެންމެ ފުރަތަމަ "ކަރުކުރު ބައިސާ" އެވެ. މިއީ ރާއްޖޭގެ މިނިވަންކަމުގެ ބަތަލު، މަރުހޫމް އިބްރާހީމް ނާސިރަށް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ. ރައީސް ނާސިރުގެ ވެރިކަން އެ ނިމުނު ގޮތަކަށް ނިމުމަށް ފަހު ދެން އައި ވެރިކަމުގެ ތެރޭގައި ބަޔަކު އަޑީގައި ތިބެގެން ރައީސް ނާސިރަށް ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ "ގައުމީ ކެމްޕޭން"އެއް ހިންގިއެވެ. ފުރައްސާރައާއި މަލާމާތް ކުރިއެވެ. ލަވައާއި ޅެމާއި ފަރިހި ހަދައި އާންމުކުރި އެވެ. ހަޑި ހުތުރު ކާޓޫނުތައް ކުރަހައިގެން މަޖައްލާތަކާއި ޕޯސްޓަރުތައްވެސް ނެރުނެވެ. "ކަރުކުރު ބައިސާ"އަކީ މިގޮތަށް ކީ ޅެންތަކުގެ ތެރެއިން ޅެމެއްގެ ބައެކެވެ. މި ޅެމުގެ ލަވަވެސް ރެކޯޑުކޮށްގެން ނެރެފައިވެއެވެ. އެ ޅެމުގެ މައިގަނޑުގައި އޮންނަނީ "އެނބުރެނީ މުދުނަށް ދެލޮލޭ އަރާ، ވެލާނާގޭ ކަރުކުރު ބައިސާ..."، މި ޅެމުގެ މައިގަނޑު މުޅި އަސާސް ބިނާކޮށްފައި އޮތީ ނާސިރުގެ ޒާތުފުޅަށް އެއްޗެހި ކިޔުމަށެވެ. "ކަރުކުރު ބައިސާ" އަކީ އެއިން އެއް ބައެވެ. "ކަރުކުރު" ނިސްބަތް ކޮށްފައި ވަނީ ނާސިރުގެ ސިފަފުޅަށެވެ. ހުންނަވާ ގޮތަށެވެ. ޅެން ހެއްދެވީ ފަތަށްސީލާ ދޮހޮއްކޮ (އެފްސީ ދޮހޮއްކޮ) އެވެ. ޑިމޮކްރެސީގެ އިސްލާހަށް، ރައީސް ނާސިރުގެ ކަރުފުޅު ކުރުތޯ، ދިގުތޯ، އެ މަނިކުފާނުގެ ހަމުގެ ކުލަ ކަޅުދޯ ނުވަތަ ދޮންތޯ، މުހިއްމެއް ނޫނެވެ. އެހެންވީމާ އެއީ ޑިމޮކްރެސީ ކުރިއެރުވުމަށް ބޭނުންކުރާ ނަމެއް ނޫންކަން ސާފުވެ އެވެ.
ދެން ގޮޅާބޯ އެވެ. ބައެއް މީހުނަށް ހީވެފައި އޮންނަ ގޮތުގައި ރައީސް މައުމޫނަށް ފުރައްސާރަކުރާން ބޭނުންކުރި މި ނަން ގުޅެނީ މޫދުގައި އުޅޭ ގޮޅާއާ އެވެ. އެއީ ކަނޑުފަޅުގެ ތިލަ ހިސާބުގައި ދިރިއުޅޭ ބޮލީގެ ބާވަތެކެވެ. ތޮށިގަނޑު ނިކަން ބޯ އެއްޗެކެވެ. އޭގެ މަހަކީވެސް މީރު އެއްޗެކެވެ. އެކަމަކު މައުމޫނު ކަތިލާން ބޭނުންކުރި ގޮޅާބޯ އަކީ ދިވެހި އޮބްސާވަރ (ޑީއޯ)ގެ ތެރެއިން ރައްޔިތުންނާ ހަމަޔަށް ތިލަކުރި ނަމެކެވެ. ބުނެވޭ ގޮތުގައި މިނަން ތިލަކުރީ ޑީއޯ ސައްޕޭ އެވެ. ސައްޕޭ އަކީ ހުވަދުއަތޮޅަށް ނިސްބަތްވާ މީހެކެވެ. ބުނެވޭ ގޮތުގައި، އަސްލު ގޮޅާބޯ ނިސްބަތްވަނީ ހުވަދޫ މީހަކަށެވެ. ނަމަކީ ހަސަންފުތާ އެވެ. އޭނާއަކީ ނިކަމެއްޗެކެވެ. ނަފުސާނީ މައްސަލަތައް ހުރި މީހެކެވެ. އޭނާއަށް މަލާމާތްކޮށް، ފުރައްސާރަކުރުމަށް މީހުން ކިޔައި އުޅުނު ނަމަކީ، "ދައިގަބޯ" އެވެ. އެހެން ކިޔަމުން އޭނާ ފަހަތުން ކުޑަކުދީން ދުވެ ހަދަ އެވެ. ބޮޑެތި މީހުންވެސް އޭނާއަށް މަލާމާތް ކުރުމަށް އެހެން ކިޔަ އެވެ. އެކަމާ ދެރަވެގެން، ރުޅި އައިސްގެން އޭނާވެސް މީހުނާ ދިމާއަށް އެއްޗެހި ކިޔަން ފެށިއެވެ. ރައްދުގައި އޭނާ ކިޔަނީ "ތަގެ އއޕ ގޮޅާބޯ" އެވެ. ފަހުން ފަހުން މީހުން އޭނާ ނިކަމެތިކޮށްލުމަށް އޭނާއާ ދިމާއަށްވެސް ގޮޅާބޯ ކިޔަން ފެށީ އެވެ. އޭނާގެ ނަން "ގޮޅާބޯ" އަށް ބަދަލުވެސް ވީއެވެ.
މި ނަން ޑީއޯ ތެރެއިން މަޝްހޫރުވެ ބޭނުންކުރާން ފެށީ އެވެ. އަސްލު ގޮސް ގުޅެނީ ހުވަދޫގައި އުޅުނު ސިކުނޑިވެސް ހަމަ ނުޖެހޭ ނިކަމެއްޗަކާ އެވެ. އުފެދިގެން އައީ އެ މީހާއަށް މަލާމާތާއި ފުރައްސާރަކުރުމުގެ ތެރެއިންނެވެ. ގޮޅާބޮލާ ޑިމޮކްރެސީ ކުރިއެރުވުމަކާ ގުޅުމެއް ނެތެވެ. އެއީ މަލާމާތާއި ފުރައްސާރައިގެ ނަމެކެވެ. ޒާތާ ގުޅޭ ނަމެކެވެ. މި ހަސަންފުތާ މިހާރު ދުނިޔެއަކުވެސް ނެތެވެ.
ދެން އައީ މުހައްމަދު ނަޝީދަށް "ގަންޖާބޯ" އެވެ. ނަޝީދަށް މި ނަން ނިސްބަތް ކުރީ، އެ މަނިކުފާނަށް ލޭބަލް ކުރި "ލާދީނީ" އާވެސް ގުޅުވައިގެންނެވެ. ގަންޖާއަކީ މަސްތުވާ ބައެއް ތަކެތި އުފައްދާން ބޭނުންކުރާ މަޝްހޫރު ފަތެކެވެ. "ގަންޖާ ބޯ" އަކަށް ހެދީ އެ ތަކެތި ބޭނުންކުރައްވާ ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރުމަށެވެ. އަނެއްކާވެސް ސިޔާސީ ގޮތުން ބޭނުންކުރި ޕްރޮޕެގަންޑާ ޓޫލެކެވެ. ގުޅުން ހުރީ ހަމަ އެކަނި ނަޝީދުގެ ޒާތާ އެވެ. ނަޝީދަށް ގަންޖާބޯ ކިޔުމާއި ޑިމޮކްރެސީ ދިރުވައި އާލާ ކުރުމާ ގުޅުމެއް ނެތެވެ.
ގޮޅާބޯއަށް ފަހު "ބާޣީ ވަހީދު" އެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މި ނަން ނިސްބަތްކުރީ އެމްޑީޕީންނެވެ. ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ އެވެ. ޑރ. ވަހީދަށް "ފިލި ވަހީދު" ވެސް ކިޔަ އެވެ. ބާޣީއަކީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރާ މީހާ އެވެ. "ފިލި ވަހީދު" ކިޔަނީ ޑރ. ވަހީދު މަޖިލީހުގައި އުޅުއްވި ދުވަސްވަރު ކުރިމަތިވި ސީރިއަސް ޕްރެޝަރުތަކެއްގެ ސަބަބުން ރާއްޖެ ދޫކުރައްވައި ވަޑައިގެން ބޭރުގައި އުޅުއްވީމަ އެވެ. ފިލީ ކަމަށް ބަލައިފަ އެވެ. މިނަންވެސް ނިސްބަތް ވަނީ ވަހީދުގެ ޒާތުފުޅަށެވެ. ނަޝީދުގެ ވެރިކަން ބަދަލުވީ ބާޣާވާތަކުން ކަމަށް ވިޔަސް، އެއީ އެންމެ މީހަކު ކުރާނެ ކަމެއް ނޫނެވެ. އެހެން ވީމާ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅަކަށް، ބާޣީ ވަހީދު، ނުވަތަ ފިލި ވަހީދު ކިޔުމަކީ ޑިމޮކްރެސީ ދެމެހެއްޓުމަށް ކޮން ގޮތަކުން ބޭނުންވާ ދެނަމެއް ކަމެއް ނޭނގެ އެވެ.
ދެން އޮތީ ރާގޮނޑި ރާޖާ އެވެ. ރައީސް ޔާމީނަށް ހަރުކުރި މި ނަމަކީ ވެސް ޑީއޯ ސައްޕޭގެ އުފެއްދުމެއް ކަމަށް ބުނެވެ އެވެ. ރާގޮނޑިއަކީ ކަނޑުމަހުގެ ތެރޭގައި ހިމެނޭ މީރު މަހެކެވެ. ރާގޮނޑީގެ ތެރޭގައި "ރާގޮނޑި ކޮލި" އުޅެއެވެ. މިއީ ކޮލީގެ އާއިލާގެ ތެރޭގައި ހިމެނޭ ވިހަގަދަ މަހެކެވެ. އެހެން ކަމުން ކޮންމެ މާނައެއްގައި ކިޔަސް، މިއީވެސް ރައީސް ޔާމީންގެ ޒާތުފުޅާ ގުޅޭ ވާހަކައެކެވެ.
މި ލިސްޓަށް އެންމެ ފަހުން އުފަންވި ނަމަކީ "ޗޯރު އިބުރޭ" އެވެ. ނިސްބަތް ކުރަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށެވެ. މާނައަކީ ވަގު އިބުރޭ އެވެ. ޑޮމޮކްރެސީގެ ފިލާވަޅެއްގެ ގޮތުގައި، ޑިމޮކްރެސީ ކުރިޔަށް ގެންދިއުމަށް "ވަގު އިބުރޭ" އޭ ގޮވުން މުހިންމުވަނީ ކިހިނެއްކަމެއް ނޭނގެ އެވެ.
އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ކަންކަން ރަނގަޅު ކުރުމަށް ވާހަކަ ދައްކާން ޖެހޭނެ އެވެ. އަޑު އުފުލާން ޖެހޭނެ އެވެ. ސަރުކާރު ޒިންމާދާރު ކުރުވާން ޖެހޭނެ އެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފާޑުކިޔާން ޖެހޭނެ އެވެ. ސިޔާސީ ޕޯޑިއަމް ތަކުގައި ސިޔާސީން ވާހަކަދައްކާއިރު ތަންކޮޅެއް ހޫނުކޮށް، ހާޑުކޮށް ވެސް ދާނެ އެވެ. މައްސަލަ އުފެދެނީ އެއީ އަސްލު ޑިމޮކްރެސީ ކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރައްވާ ހިސާބުންނެވެ. ޕޯޑިއަމްގައި ހާޑުވެގެން ގޮސް ދުލުން އެ ނުކުންނަ ޕްރޮޕެގަންޑާ ޓޫލްސް، ނުވަތަ ދުލުން އެ ގޮވައިލާ އަވަގުރާނަ، ނޫނީ އެނޫން ވެސް ދަށު ދަރަޖައިގެ ބަހުރުވައަކީ ޑިމޮކްރެސީ ތަރައްގީ ކުރުމުގެ އެންމެ މުހިންމު ބައި ކަމަށް ބުނެދޭން އުޅޭތީއެވެ.
ރައީސް ނަޝީދަށް އަޅުގަނޑުގެ އޮތީ މި ސުވާލެވެ؛ ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ރާގޮނޑި ރާޖާ، މިނަންތައް ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑުމެން ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް މަނިކުފާނު ތިޔަ ވިދާޅުވަނީ ކީއްވެތޯ އެވެ. ރައީސުންގެ ޒާތުފުޅަށް ނިސްބަތްކޮށްގެން، ފުރައްސާރަ އާއި މަލާމާތަށް ހަދާފައިވާ މި ނަންތައް ޑިމޮކްރެސީ ތަރައްގީ ކުރާ ފިލާވަޅަކަށް ވަނީ ކިހިނެއްތޯއެވެ؟ މިއަދު ދުނިޔޭގައި ނެތް މި ގައުމުގެ މިނިވަންކަމުގެ ބަތޮލާއި، ރައީސްކަން ކުރެއްވި އެހެން ވެރީންނަށް މި ފަދަ ހުތުރު ނަންތަކަކުން މަލާމާތާއި ފުރައްސާރަ ކުރުމުން ކުރިޔަށް އެޅެނީ ޑިމޮކްރެސީގައި ކޮން ފިޔަވަޅެއްތޯ އެވެ؟ މި ނަންތައް ފެތެނީ ޑިމޮކްރެސީގެ ކޮން ކޮމްޕޯނެންޓަކަށްތޯ އެވެ؟ އެއީ ޑިމޮކްރެސީއަށް ޓަކައި މުހިންމު ކަމެއްކަމަށް ވިދާޅުވާ ނަމަ އެއީ ކޮން ގޮތަކުންކަން މަނިކުފާނު ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ.