ޚަބަރު

ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާދޭން ގައުމީ ޕްރޮގްރާމެއް ތައާރަފުކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފުކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފާޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ދަރިމައި ނުވުމުގެ މައްސަލައަކީ މުޅި އޭޝިއާ ސަރަހައްދުގައި ވެސް ބޮޑު މައްސަލައެއް ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮންމެވެސް ވަރަކަށް މި މައްސަލަ އެބަ އޮތް ކަމަށެވެ. ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރުވެސް ރާއްޖޭގައި ދަރިމައިވާ ނިސްބަތް ދަނީ އަހަރުން އަހަރަށް ދަށްވަމުން ކަމަށާއި އައިވީއެފްގެ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އަދަދުންވެސް އެކަން ފާހަގަކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް މި އަންނަނީ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފު ކުރުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން. މިފަދަ ޕްރޮގްރާމެއް ތައާރަފު ކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމަށެވެ. ރާއްޖޭގައި މިފަދަ ހިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ހަރަދެއްވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މިއަދު ހުޅުވި ފާޓީލިޓީ ސެންޓަރާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ހިދުމަތް ފެށުމުން ހާސިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ދިވެހިންނަށް ލިބުން ކަމަށެވެ. މި ހިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.