ޚަބަރު

އީސީގެ މެންބަރުކަމަށް އަލީ ނަޝާތު އައްޔަންކުރަން އަނެއްކާވެސް މަޖިލީހަށް

އިބްރާހިމް ޒަކީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މީގެކުރިން އީސީގެ ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވި އަލީ ނަޝާތަކީ މިހާރުވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރެކެވެ. އޭނާ އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ ޖުލައި 25 ގައެވެ.

އަލީ ނަޝާތު އަނެއްކާވެސް އީސީގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުވާފައި މި ވަނީ، އޭނާގެ މަގާމުގެ މުއްދަތު އަންނަ ޖުލައިމަހުގެ 25 އަށް ހަމަވާތީއެވެ.

އީސީގެ މެންބަރުކަމަށް އަލީ ނަޝާތު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ، އެކަމަށް އިއުލާން ކޮށްގެން އެމަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ. އަލީ ނަޝާތުގެ އިތުރުން އެމަގާމަށް ދެން ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައްވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

އެކަމަށްޓަކައި ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީފުޅު މިއަދުގެ ޖަލްސާގައި، މަޖިލީހުގެ އަމީން އާއްމު އިއްވެވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.