ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗު އެއްވަރުވުމާއެކު އެ ޓީމަށް ޖެހިޖެހިގެން ރެކޯޑު 11 ވަނަ ފަހަރަށް ލީގު ތަށި ޔަގީންވެއްޖެއެވެ.
ރޭ ޕީއެސްޖީން ރަށުން ބޭރުގައި ސްޓްރަސްބާގާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕީއެސްޖީއަށް ލީގު ޔަގީންވެފައިވަނީ އެއްވަނައިގައި 37 މެޗުން 85 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލެންސަށް 37 މެޗުން 81 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމަށް ދެން ލީގު ލިބުމުގެ ފުރުސަތެއް ނެތެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލު ލިއޮނަލް މެސީ ޖަހައިދިން އިރު، އެ ގޯލަކީ މެސީއަށް ހާއްސަ ގޯލެކެވެ. ކިލިއަން އެމްބާޕޭގެ ބޯޅައިން މެސީ ޖެހި އެ ގޯލަކީ ޔޫރަޕްގައި އޭނާ ޖެހި 496 ވަނަ ގޯލެވެ. މެސީއަށް ވުރެ ގިނައިން ޔޫރަޕްގެ ގަދަ ފަސް ލީގުގައި ގޯލު ޖެހި ކުޅުންތެރިޔަކު މިހާރު ނެތެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ. އެއީ 495 ގޯލާ އެކުގައެވެ.
މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ގަސްދުކުރަމުންދާ މެސީ، މިހާތަނަށް ޕީއެސްޖީއަށް 32 ގޯލު ޖަހައިދީފައިވާ އިރު، ރޭގެ ތަށްޓަކީ މެސީގެ ކެރިއަރުގައި ހޯދި 43 ވަނަ ތަށްޓެވެ. އޭނާއަކީ މިހާރު ދުނިޔޭގެ އެންމެ ކާމިޔާބު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ގިނަ ތަށި ހޯދާފައިވާ ޑެނީ އަލްވޭސްއާއި މެސީވެސް ހޯދާފައިވަނީ ޖުމުލަ 43 ތަށްޓެވެ.
ރޭގެ މެޗުގައި ސްޓްރަސްބާގުގެ ހަމައެކަނި ގޯލު ޖަހައިދިނީ ގަމެއިރޯއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ