ނ. މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ 63އ ގެ މަރަކީ އެ ރަށު މީހުން ހަނދާން ހުންނާން ފެށީއްސުރެ އެ ރަށުގައި ހިނގައިދިޔަ އެންމެ އަނިޔާވެރި މަރެވެ. އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގައި އެކަނިމާއެކަނީ ދިރިއުޅުމުގެ ދުވަސްތައް ގުނަމުން އައި ނައީމާގެ ފުރާނަ ނެތް މަސްގަނޑު ލެއިން ތަތްތެޅިފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން އާއިލާގެ ބައެއް މީހުންނާއި ފުލުހުން މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަނުމުންނެވެ. ނައީމާގެ ހަށިގަނޑު ފެނުނުއިރު ހަށިގަނޑުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އެނގިފައިވާ ގޮތުގައި ނައީމާގެ ކަރާއި ބުރިކައްޓާއި މޫނުންވެސް ޒަހަމްތައް ފެންނާން ހުއްޓެވެ. ބައެއް ޒަހަމްތައް ހުރީ ވަރަށް ފުންކޮށެވެ.
ނައީމާގެ އަނިޔާވެރި މަރާއެކު މަނަދޫ އެއްކޮށް ހަމަހިމޭންވިއެވެ. ބައެއް މީހުނަށް ނަފްސާނީ މައްސަލަތައް ކުރިމަތިވިއެވެ. އެއީ ގާތިލަކީ ނުވަތަ ގާތިލުންނަކީ ކޮން ބައެއްކަން ނޭނގުމާއި އެފަދަ ކަމެއް ކުރި ސަބަބުވެސް ނޭނގޭތީއެވެ. ޝައްކުވާ މީހެއްވެސް ބުނާން ނޭނގޭތީއެވެ. ނައީމާގެ މަރާއެކު ފުލުހުންގެ ޓީމެއް އެރަށަށް ގޮސް ތަހުގީގު ފަށައިގަތެވެ. ތަހުގީގުގެ ކުރީކޮޅު މާބޮޑު ކުރިއެރުމެއް ނުލިބުމުން ރައްޔިތުން މާޔޫސްވެފައި ތިއްބައި، އިވިގެން ދިޔައީ ނައީމާގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކުރި ހަބަރެވެ. އެއީ އެ ރަށު، އަހުޒަމް އަބްދުއްޝަކޫރު 23، އާއި ރިފާޝް 21، ގެ އިތުރުން ހަސަން ފަވާޒް 21އ އެވެ. އަހުޒަމް އާއި ރިފާޝް މަނަދުއިން ހައްޔަރުކުރިއިރު ފަވާޒް ހައްްޔަރުކުރީ މާލެއިންނެވެ. އޭގެ ތެރެއިން އަހުޒަމް ވަނީ ތަހުގީގުގައި ނައީމާ މަރާލިކަމަށް އެއްބަސްވެފައެވެ. އެނގިފައިވާ ގޮތުގައި ރިފާޝްއާއި ފަވާޒް ހައްޔަރުކުރީ އަހުޒަމް ދިން މައުލޫމާތަކާ ގުޅިގެންނެވެ. އަހުޒަމް ތަހުގީގަށް ދިން މައުލޫމާތަށް ފުލުހުން ވަނީ މަނަދޫ ނާމަގު އަތިރިމަތި ކޮނެ، އެ ސަރަހައްދުގައި ވަޅުލާފައި އޮތް ދެ ވަޅި އާއި އެ މީހުން އެރޭ ލީ އަންނައުނު އަންދާލާފައި ހުއްޓާ ހޯދައިފައެވެ. އެ ދެ ވަޅިއަކީ ނައީމާ މަރާލަން ގެންގުޅުނު ދެ ވަޅި ކަމަށްވެސް ވެއެވެ. އެ ސަރަހައްދަކީ އެރަށު ވެޔޮ އޮންނަ ސަރަހައްދެވެ. ރަށުގެ ހުޅަނގުކޮޅުގައި އޮންނަ އެ ސަރަހައްދަކީ މީހުން އާބާދުވެ އުޅޭ ހިސާބާވެސް ދުރު ސަަރަހައްދެެކެވެ. ރޭގަނޑުގެ ވަގުތުގައި އެތަން އޮންނަނީ ވަރަށް އަނދިރިކޮށެވެ.
އަހުޒަމް އާއި ރިފާޝްއާ ފަވާޒަކީވެސް އެކުގައި އުޅޭ މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އެ އެންމެންގެވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮވެއެވެ. އަހުޒަމަކީ މީގެ ކުރިން މާލޭގައި އުޅުނު މީހެކެވެ. މާލޭގެ ނަން ހިނގާ ގޭންގެއްގައިވެސް އޭނާ އުޅުނުކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އެއިރުވެސް އެކިއެކި ކުށްތަކުގެ ރެކޯޑް އޭނާގެ އޮވެއެވެ.
ނައީމާގެ މަރާއި އަހުޒަމްއާއި ރިފާޝްގެ އިތުރުން ފަވާޒްއާ ގުޅުމެއް އޮތް ކަމަށް ފުލުހުންނަށް ޝައްކުވީ، ނައީމާ މަރާލިކަމަށް ބުނާ ރޭގައި ޝައްކުކުރެވޭ ފަދަ ގޮތަކަށް ރަތްކުލައިގެ މިޓުބުޝީ ކާރެއްގައި އެމީހުން އެ ރަށުގެ ތެރޭގައި އުޅެފައިވާ މަންޒަރު ސީސީޓީވީ ފޫޓޭޖުތަކުން ފެންނާތީއެވެ. އެ ކާރަކީ ފަވާޒްގެ ކާރެކެވެ. އެ ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފަވާޒްގެ ބައްޕަގެ ހާޒިރުގައި ފުލުހުން ވަނީ އެ ކާރު ބަލައި ފާސްކޮށްފައެވެ. އެ ކާރު ބަލައި ފާސްކުރުމުގެ އިތުރުން ފުލުހުން ވަނީ ރިފާޝްއާއި އަހުޒަމް ގޮވައިގެން އެހެން ކާރެއްގައި އެ މީހުން ނައީމާގެ މަރުގެ ދުވަހު ކާރުގައި އުޅުނު ގޮތުގެ މަންޒަރު ކުޅުވައިފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި 600 އަށްވުރެ ގިނަ ފޮރިންސިކްސް ހޯދި ނަމަވެސް އަދި އެހެން މީހެއްގެ ޑީއެންއޭ ނައީމާ މަރުވެފައި އޮތް ސަރަހައްދުން ފެނުނު ނަމަވެސް އެ ފޮރިންސިކްސްތަކާއި ހައްޔަރުކުރި އަހުޒަމްއާއި ރިފާޝްއާ ގުޅުވައިލެވިފައިވާ ކަމެއް ސާފެއް ނޫނެވެ.
"ފުރަތަމަ ޝައްކުވީ، ކާރުގައި އެ މީހުން އުޅުނު ގޮތުން. ކިރިޔާވެސް ޝައްކުވާ ފަދަ ކަމެއްވިއްޔާ ބަލާނެ. އެގޮތަށް އެމީހުންނަށް އެ ޝައްކު އުފެދުނީ. ދެން، މިހާ ދުވަހުވެސް އެމީހުން ހައްޔަރު ނުކުރެވި ވަނީ އެވަރަށް ހެކި ނެތުމުން." މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުންޏެވެ.
އަހުޒަމް ހައްޔަރުކުރަން ފުރުސަތަކަށް ބަލަބަލައި ތިއްބައި ފުލުހުންނަށް އެ ފުރުސަތު ލިބުނީ އަހުޒަމްގެ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައިގައި އޭނާ ހައްޔަރުކުރަން ލިބުމުންނެވެ. ފުރަތަމަ އޭނާގެ ބަންދަށް ޖެހީ ތިން ދުވަހެވެ. ނަމަވެސް މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ފުލުހުން ބުނެފައިވާތީ އޭނާގެ ބަންދުގެ މުއްދަތު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން ބޭއްވި އަޑުއެހުމުގައި އަހްޒަމް ވަނީ، ނައީމާ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް އެއްބަސްވެފައެވެ. އެހެން އޭނާ ބުނެފައިވަނީ އަހުޒަމްއަކީ ބަންދުގައި ބަހައްޓަން ޖެހޭ ނުރައްކާތެރި މީހެއްކަން ޝަރީއަތަށް ހާމަކުރުމުގެ ގޮތުން ފުލުހުން އޭނާއަށް ނައީމާގެ މަރުގެ ތުހުމަތުވާކަމަށް ބުނުމުން އެއީ ތެދެއްތޯ ގާޒީ އެއްސެވުމުންނެވެ.
ނައީމާގެ މަރަށް ފަހުވެސް އަހުޒަމް އާއި ރިފާޝް އުޅުނީ ވަރަށް ހަމަޖެހޭ ދިރިއުުޅުމެއް ކަމަށް އެރަށުގެ މީހުން ބުނެފައިވެއެވެ. ޝައްކުކުރެވޭ އެއްވެސް ކަމެއް ބަލާބެލުމަށް ފާހަގަ ނުވާ ކަމަށްވެސް އެ ރަށުން "ވަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
"އެ ދެމީހުންވެސް ޖޮބަކަށް ނުދާނެ. އެކުރާ ކަމެއް ކޮށްގެން އެމީހުން ފައިސާ ހޯދަނީ. ހަމަ ވަރަށް ހަމަޖެހިގެން އުޅޭނީ. ދެން އަހުޒަމްއަކީ ވަރަށް އެކަނި އެކަނި އުޅޭ މީހެއް. އެކަމު އެމީހުންނާ އެކީ އުޅޭ ކުދިންކޮޅެއް މިރަށުގައި އުޅޭނެ" މަނަދޫން "ވަން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނައީމާގެ މަރާ ގުޅިގެން ރަށުގައި އެންމެ ބޮޑަށް ފެތުރުނު އަޑަކީ އެއީ ސިހުރުގެ ކުޅިގަނޑެއްކަމެވެ. ސިހުރުގެ ހަސަދައެއް މީހަކު ފިލުވާލީ ކަމަށެވެ. އެ ތުހުމަތު ނައީމާގެ އާއިލާގެ މީހަކަށް ފުރަތަމަ ކުރި ނަމަވެސް އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ. ފަހަރުގައި އެއީ ޔޯލަޔޯލަ ވާހަކައަކަށްވެސް ވެދާނެއެވެ. ނުވަތަ ހަގީގަތެއް އެކުލެވޭ ކަމަކަށްވެސް ވެދާނެއެވެ.
ނައީމާގެ މަރާއި ވައްކަމާއި ޖިންސީ ގޯނާއާވެސް އެއްބަޔަކު ގުޅުވިއެވެ. ރަށުގައި ގިނަ އަދަދެއްގެ ބިިދޭސީން އުޅޭއިރު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ރަށުގެ ބައެއް މީހުންނަށް ގަބޫލުކުރެވުނެވެ. ނަމަވެސް މިކަމަށްވެސް ބާރުލިބޭ ހެއްކެއް ނެތެވެ. އިވެނީ ހުސް ވާހަކައެވެ. އެއީ ނައީމާއަކީ ތަނަވަސް މީހަކަށް ނުވުމުން ވައްކަމުގެ ބޭނުމުގައި އެވަރު ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭތީއެވެ.
"ފަހަރުގައި ވެދާނެ މިއީ އެހެން ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމަކަށްވެސް. ހަމަ އެއްގޮތަކަށްވެސް ހިއެއް ނުވޭ އެހެން ބައެއްގެ ބައިވެރިވުމެއް ނެތި މިވަރު ކަމެއް އެމީހުން ކޮށްފާނެހެން. އެއީ މިހާ ބޮޑު ކަމެއް މީގެ ކުރިންވެސް އެމީހުންގެ ފަރާތުން ފާހަގަވެފައެއް ނެތް. އެއްކޮށް އުޅޭއިރުވެސް ނޯޓިސް އެއް ނުވޭ." ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ އެކުވެރިޔަކު ނަން ނުޖެހުމަށް ޝަތުުރުކޮށް "ވަން" އަށް ކިޔައިދިނެވެ.
ނައީމާގެ މަރުގެ މައްސަލައިގެ ހައްޔަރުކުރި، އަދި ތަހުގީގުގައި އެއްބަސްވެފައިވާ އަހުޒަމްގެ ހިތުގައި ސިހުރަށް އޮތް ރުޅިވެރިކަމެއްގެ ވާހަކަ އޭނާ ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެެވެ. ފަހަރުގައި ސިހުރުގެ އުނދަގޫތަކެއް އޭނާއަށް ނުވަތަ އޭނާގެ ގާތް މީހަކަށް ކުރަނީއެވެ.
"ސިހުރެއް ނޫން ކޮންމެ ގޮ** ބުންޏަސް މަށަށް ލިބެން އޮތް އެއްޗެއް ވިއްޔާ މަށަށް ލިބޭނެ އަދި ބަޔަކު މީހުން މިކަމާ ކިތަންމެ ހަސަދަ ވިޔަސް" މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އަހުޒަމް އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.
އެ ޕޯސްޓުގެ ފަހުން އޭނާ ކޮށްފައިވާ ގިނަ ޕޯސްޓަކުގައި ވަނީ ލޯބިވެރިއެއް ބީވުމުން ކުރާ ކަހަލަ ވާހަކަތަކެކެވެ.
"އިރެއްގައި ހޭބަލި ވިޔަސް މިހާރަކު ނުވޭ"، "އުމުރު ހުސް މިވަނީ ދޯކާ ލިބި ލިބި"، "ސެޓުކޮށްކޮށް ހުއްޓާ ކައިވެނި ކޮށްފި އެހެން މީހަކާ"، "ކާންދޭ އަތުގައި ދަތް އަޅައިފި" މިފަދަ އެތައް ޕޯސްޓެއް ކޮށްފައިވެއެވެ. އަދި ސްލީޕް ޕެރަލައިސިސްއާ ގުޅޭ ލިޔުމެއްވެސް ޝެއާކޮށްފައިވެއެވެ. ފަހަރުގައި އަހުޒަމްގެ ޕޯސްޓްތަކީ މާނައެއް ނެތި ޝެއާކޮށްލާފައިވާ "ރެންޑަމް" ޕޯސްޓްތަކަކަށްވެސް ވެދާނެއެވެ. ނުވަތަ އެއީ ހަގީގަތެއް އެކުލެވޭ ޕޯސްޓަކަކަށްވެސް ވެދާނެއެވެ. ނަމަވެސް އެއްކަމެއް ކަމެއް ސާފެވެ. އަހުޒަމްގެ ހިތުގައި ސިހުރަށް ނަފްރަތު އޮތް ކަމެކެވެ.
"ފަހަރުގައި ވެދާނެ، އެއީ ޑްރަގު އެޑިކްޓެއްވިއްޔާމު، ޑްރަގު ނަގައިގެން ހުންނަ ގަޑިއެއްގައި ޓްރިގާވެދާނެ މި ބުނާ ސިހުރު ކަންކަން. އެ ގަޑީގައި ހުރީގެ ހަނދާންތައް ނޯމަލީ އަންނަނާނެ. ވެދާނެ ޓްރިގާވެގެން ގޮސް އެވަރު ކަމެއް ކޮށްލީކަމަށް. ގިނަ ފަހަރަށް އެގަޑީގަ ޝޯޓް ޓެމްޕާޑްވާނެ. އެއީ ހަމަ ބުއްދި ފިލައި ގޮސްފައި ތިބޭ ގަޑިތަކެއްވީމަ" ނަން ނުޖެހުމަށް ޝަތުރުކޮށް، "ވަން" އަށް މައުލޫމާތު ދެމުން ޑްރަގް ރިލެބިލިޓޭޝަން ސެންޓަރުގައި ކައުންސިލިން ދޭން މަސައްކަތް ކުރާ މީހަކު ކިޔައިދިނެވެ.
ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމުގެ އަޑު އަރާފައިވާ މީހެކެވެ. ރަށުގެ ބައެއް މީހުން ނައީމާއާ ގުޅުން ނުބާއްވަނީވެސް އެ ސަބަބާ ހުރެ ކަމަށްވެއެވެ. ނައީމާގެ އާއިލާގެ ބައެއް މީހުންނަށްވެސް އޭނާ ސިހުރު ހަދާފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެފައިވެއެވެ. ފަހަރުގައި ނައީމާގެ މަރަކީ ހަމަ ހަގީގަތުގައިވެސް ސިހުރުގެ ހަސަދައަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.