ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބުދުލް މުހުސިން ހަމީދު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

މުހުސިން އެމްޑީޕީއަށް ސޮއި ކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ފ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނިލަންދުއަށް ވަޑައިގަތުމުން، އެ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކުރުމުގެ ނަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އެ ފޯމު މުހުސިން ވަނީ ރައީސް ސޯލިހާ ހަވާލުކުރައްވައިފައެވެ. މެންބަރު މުހުސިނާއެކު އެ ރަށު ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ އެ ރަސްމިއްޔާތުގައި އެމްޑީޕީއަށް ސޮއިކޮށްފައެވެ.

މުހިސިނަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން އެތުރިފައިވާގޮތަށް ބަލާ އިރު، އެމްޑީޕީގެ 56 މެންބަރުން މަޖިލީހުގައި ތިއްބަވާނެއެވެ.

މީގެކުރިން މަޖިލީހުގައި އެމްޑީޕީގެ 68 މެންބަރުން ތިއްބެވި ނަމަވެސް އެ އަދަދު 55 އަށް ވެއްޓުނީ، ޕާޓީގެ އަސާސީ ގަވާއިދާ ތަކުރާރުކޮށް ހިލާފުވުމާއި، ޕީ ގްރޫޕުގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެފައިވާ މައްސަލައިގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުގެ އިތުރުން އާ ޕާޓީއެއް ހެދުމަށްޓަކައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފިކުރުގެ ދިރުމުގެ 12 މެންބަރުން އެ ޕާޓީން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެެހެންކަމުން މެންބަރު މުހުސިން އެމްޑީޕީއަށް ސޮއި ކުރުމާއެކު، ފިކުރުގެ ދިރުމުގެ ބޭފުޅުން އުފައްދަން އުޅޭ "ޑިމޮކްރެޓްސް" ޕާޓީ އަދި އުފެއްދިފައިނުވުމާއެކު، އެ މެންބަރުންނަކީ އަމިއްލަ މެންބަރުންގެ ގޮތުގައި ހިމޭނޭތީ، އެ މެންބަރުންނާއެކު މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އަމިއްލަ 16 މެންބަރުންނެވެ. ދެން ހިމެނިވަޑައިގންނަވަނީ ޕީޕީއެމްގެ ފަސް މެންބަރުންނާއި އެމްއެންޕީ އާއި ޕީއެންސީން ކޮންމެ ޕާޓީއެއްގެ ތިން މެންބަރުންނާއި ޖޭޕީ އާއި އެމްޑީއޭ އިން ކޮންމެ ޕާޓީއެއްގައި ދެ މެންބަރުންނެވެ.