Close
ލިވަޕޫލް

ލިވަޕޫލުން އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ: ސަލާހުގެ ހިތްފަޅައިގެން!

އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ލިވަޕޫލަށް ގެއްލުމާ އެކު، ޓީމުގެ ތަރި މުހައްމަދު ސަލާހް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމާއެކު، ގަދަ ހަތަރެއްގެ ފަހު ޖާގަ ޔުނައިޓެޑަށް ވަނީ ޔަގީންވެފައެވެ. ލިވަޕޫލުން ސީޒަން ދަށްކޮށް ފަށައި، ފަހުކޮޅަށް އައިސް ވަރަށް ބޮޑަށް ފޯމު ރަނގަޅު ކުރި ނަމަވެސް، ރޭ ޔުނައިޓެޑް މެޗުގެ ނަތީޖާ އާއެކު އެ ޓީމަށް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ. ލިވަޕޫލަށް މި ފަހަރު ސީޒަން ނިންމާލަން ޖެހޭނީ ފަސްވަނައިގައެވެ. އެއީ ކްލަބަށް އެކަށީގެންވާ ހިސާބެއް ނޫން ކަމަށް ސަލާހް ވަނީ ބުނެފައެވެ.

"އަހަރެމެންނަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ހުރިހާ ކަމެއްވެސް އޮތީ ފަހިވެފައި. އެކަމަކު ކުޅުންތެރިން ފެއިލްވީ. އަހަރެމެންގެ ސަޕޯޓަރުން ދެރަކޮށްލެވިއްޖެ. އަހަރެމެންވެސް ދެރަވެއްޖެ. އަހަރެމެންމީ ލިވަޕޫލް. މި ކްލަބަށް އޮންނަ އެންމެ ދަށް މިންވަރަކީވެސް ޗެމްޕިއަންސް ލީގު ފުޓްބޯޅަ. އަހަންނަށްވެސް މައާފުކުރަން އެދެން. މިއީ ހިތްވަރުގެ ޕޯސްޓެއް ޖަހަންވެސް އުނދަގޫ ވަގުތެއް،" އުމުރުން 30 އަހަރުގެ މިސްރު ފޯވަޑް ސަލާހް ބުންޏެވެ.

މިއީ 2015-16 ވަނަ އަހަރުގެ ސީޒަނަށްފަހު ލިވަޕޫލަށް ޗެމްޕިއަންސް ލީގު މަގާމު ގެއްލުނު ފުރަތަމަ ސީޒަނެވެ. 2017-16 ވަނަ އަހަރާއި ދެން ޖެހިގެން އައި ސީޒަނުގައިވެސް ލިވަޕޫލުން ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެފައިވާ އިރު، 2018-19 ވަނަ އަހަރު ސީޒަނުގައި އެ ކްލަބުން މުބާރާތް ހޯދިވެސް މެއެވެ. އަދި މިދިޔަ އަހަރުވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ، ބަލިވީ ރެއާލް މެޑްރިޑް ކައިރިންނެވެ.

މިފަހަރުގެ ސީޒަން ލިވަޕޫލުން ހުސް އަތާ ނިންމާލި އިރު، ޗެމްޕިއަންސް ލީގުން ކެޓީ ގަދަ 16 ގައެވެ. އެއީ ރެއާލް ކައިރިން ބޮޑު ބައްޔެއް ވެގެންނެވެ.