Close
އިނގިރޭސި ޕްރިމިއާ ލީގު

ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށް، ޔުނައިޓެޑުން ޗެމްޕިއަންސް ލީގު ޖާގަ ޔަގީންކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށް، ގަދަ ހަތަރެއްގެ ޖާގަ ޔަގީން ކޮށްފިއެވެ.

ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ޔުނައިޓެޑަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވީ 37 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑް ތިންވަނައިގައި އޮތް އިރު، ހަތަރުވަނައިގައި އޮތް ނިއުކާސަލްއަށްވެސް މިހާރު އޮތީ ޗެމްޕިއަންސް ލީގު ޔަގީންވެފައެވެ.

ޔުނައިޓެޑުން ގަދަ ހަތަރެއްގެ ޖާގަ ޔަގީންކުރުމާއެކު ލިވަޕޫލަށް އަންނަ ސީޒަނުގައި ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ. އެއީ 37 މެޗުން 66 ޕޮއިންޓާއެކު ފަސްވަނައިގައި އޮތުމުންނެވެ. މިފަހަރުގެ ލީގުގެ ގަދަ ހަތަރެއް މިހާރު ޔަގީންވެފައިވާ އިރު، ޔުނައިޓެޑާއި ނިއުކާސަލްގެ އިތުރުން ދެން ޕްރިމިއާ ލީގުން ޗެމްޕިއަންސް ލީގުގައި ކުޅޭނީ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ދެވަނައިގައި އޮތް އާސެނަލެވެ.

ހާލަތު ގޯސްކޮށް އޮތް ޗެލްސީ ކައިރިން ލީޑު ނަގަން ރޭގެ މެޗުގައި ޔުނައިޓެޑަށް މާ ގިނައިރެއް ނުނަގައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ޗެލްސީ ކޮޅަށް ފުރަތަމަ ގޯލު ޖެހީ ކްރިސްޓިއަން އެރިކްސަންގެ ހިލޭ ޖެހުމެއްގައި ކަސެމީރޯއެވެ.

ރަނގަޅަށް ކުޅެމުންދިޔަ ޔުނައިޓެޑުން ހާފު ނިންމާލީ އެންތޮނީ މާޝިއަލްގެ ގޯލަކާއެކު ނަތީޖާގެ ފަރަގުވެސް ބޮޑުކޮށްގެންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޭޑަން ސަންޗޯއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ގޯލެއް ނުޖެހުނު ނަމަވެސް އެޓީމަށް ވަނީ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ކައި ހަވާޓްސްއަށް ލިބުނު ފުރުސަތެއްގެ އިތުރުން ހާފު ނިމެން ދަނިކޮށް ކޯނޯ ގަލެގާއަށް ލިބުނު ހުސް ދެ ފުުރުސަތު ފާހަގަވި އިރު، ޗެލްސީއަށް ގޯލު ޖެހުމުގެ ދަތިކަން މެޗުގައި ކުރިމަތިވިއެވެ.

ދެވަނަ ހާފް ފެށިގެން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، އޭގެ އިރުކޮޅެއްފަހުން މައިހައިލޯ މުޑްރީކަށް ހުސްކޮށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. އޭގެ ފަހުންވެސް ޗެލްސީގެ މުޑްރީކަށް ލިބުނު ފުރުސަތެއް އޭނާ ނަގާލި އިރު، 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ގޯލު ޖަހައި، ބްރޫނޯ ފެނާންޑޭޒް ޔުނައިޓެޑްގެ ތިންވަނަ ގޯލު ޖެހިއެވެ.

އޭގެ ފަހުން 78 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑު ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު ޖެހި އިރު، އަލެހާންޑްރޯ ގާނާޗޯއަށް ގޯލު ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ. ޗެލްސީގެ ހަމައެކަނި ގޯލު، މެޗު ނިމިނިމި އޮއްވާ ޖަހައިދިނީ ޖާއޯ ފެލިކްސްއެވެ.