މީގެ ތިރީސް އަހަރު ކުރިން 1993 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ވުޖޫދު ކުރެވުނު ފަހުން މިހާތަނަށް ތޭރަ މުބާރާތް ވަނީ ބޭއްވިފައެވެ. އޭގެތެރެއިން ތިންފަހަރު މުބާރާތް ބޭއްވުނީ އިންޑިޔާގައެވެ. މިފަހަރު މިއީ އިންޑިޔާގައި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. އިންޑިޔާގައި ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބޭއްވުނީ 1999 ވަނަ އަހަރުއެވެ. އެފަހަރު މެޗުތައް ކުޅެވުނީ ގޯއާގެ ނެހުރޫ ސްޓޭޑިއަމްގައެވެ. އިންޑިޔާގައި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ބޭއްވުނީ 2011 ވަނަ އަހަރު ވެރިރަށް ނިއުދިއްލީގައެވެ. އެކަމަކު އެއީ އިރުމަތީ ބިތުގެ އޮރިއްސާ ސްޓޭޓްގައި މުބާރާތް ބޭއްވުމަށް ނިންމާފައިވަނިކޮށް ފަހުވަގުތު ގެނައި ބަދަލެކެވެ. ނިއުދިއްލީގައި މެޗުތައް ކުޅުނު ސްޓޭޑިއަމްގެ ނަމަކީވެސް ޖަވާހަރުލާލް ނެހުރޫ ސްޓޭޑިއަމެވެ.
އިންޑިޔާގައި ތިންވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ބޭއްވުނީ 2015 ވަނަ އަހަރުއެވެ. އެފަހަރު މެޗުތައް ކުޅުނީ އެންމެ ދެކުނު ބިތުގެ ސްޓޭޓެއް ކަމަށްވާ ކެރަލާގެ ވެރިރަށް ޓްރިވެންޑްރަމްގައެވެ. އެތާގެ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައެވެ. ސާފް ޗެމްޕިއަންޝިޕްގެ ތިރީސް އަހަރުވީ ތާރީޚުގައި ހަތަރުވަނަ ފަހަރަށް އިންޑިޔާގައި ސާފް ޗެމްޕިއަންޝިޕް ފެށުމަށް މިހާރު ތައްޔާރުވަމުންއަންނައިރު މުބާރާތުގެ މެޗުތައް ކުޅުމަށް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުނުން ނިންމާފައިވަނީ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރުނާޓަކާގެ ވެރިރަށް ބެންގަލޫރުގައެވެ. އެތަނުގެ ސްރީ ކަންތީރަވާ އައުޓްޑޯރ ސްޓޭޑުއަމްގައެވެ. މިއީ ގާތްގަޑަކަށް ސައްބީސް ހާސް މީހުންގެ ޖާގައިގެ ތަނެކެވެ. މިއީ މިހާތަނަށް އިންޑިޔާގައި ސާފް ޗެމްޕިއަންޝިޕް ކުޅެވޭ ދެވަނައަށް އެންމެ ކުޑަ ސްޓޭޑިއަމެވެ.
ގޯއާގެ ނެހުރޫ ސްޓޭޑިއަމް ނަގާފައި ދެން އެންމެ ކުޑަތަނަކީ ސްރީ ކަންތީރަވާ ސްޓޭޑިއަމެވެ. ނިސްބަތުން މިތަން ކުޑަޔަސް ތާރީޚީގޮތުން މިއީ ބޮޑުތަނެކެވެ. ވަރަށްވެސް ބޮޑު ތަނެކެވެ. އިންޑިޔާގެ ސުޕަރ ލީގުގެ އެންމެ ވަރުގަދަ އެއްބާރުކަމަށްވާ ބެންގަލޫރު އެފްސީގެ ހޯމް ސްޓޭޑިއަމަކީވެސް މިއީއެވެ. އަދި އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދެކުނުގެ މައިމަރުކަޒަކީވެސް މިއީއެވެ. އިންޑިޔާގެ ސްޓޭޓްތަކުގެ ފުޓްބޯޅަ މުބާރާތްކަމުގައިވާ ސަންތޯޝް ޓްރޮފީގެ ފައިނަލް މެޗުވެސް މިތަނުގައި ކިތަންމެ ފަހަރަކު ކުޅެފައިވެއެވެ. މިތަނަކީ ކަރްނާޓަކާ ސްޓޭޓް ޓީމާއި ބެންގަލޫރަށް ނިސްބަތްވާ ޓީމުތަކަށް ވަރަށް ނަސީބުގަދަ ސްޓޭޑިއަމެއްވެސްމެއެވެ. ކަރުނާޓަކާގެ ޓީމު އެންމެ ފުރަތަމަ ސަންތޯޝް ޓްރޮފީ ކާމިޔާބުކުރީވެސް 1962 ވަނަ އަހަރު މިތަނުގައި ކުޅެގެންނެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ކުޅެވޭނީ ކުރިންވެސް ދެންނެވިފަދައިން ބެންގަލޯރުގެ ސްރީ ކަންތީރަވާ އައުޓްޑޯ ސްޓޭޑިއަމުގައެވެ. މިއީ އިންޑިޔާގެ އެންމެ ދުވަސްވީ އެންމެ މުހިއްމު ސްޓޭޑިއަމް ތަކުގެ ތެރެއިން އެއް ސްޓޭޑިއަމެވެ. މިތަނަށް ސަމްޕަންގީ އައުޓްޑޯރ ސްޓޭޑިއަމޭވެސް ކިޔައެވެ. ދުވާ ޓްރެކާއި ފުޓްބޯޅަ ދަނޑަކާއި ވޮލީކޯޓެއްވެސް ހިމެނޭގޮތަަށް ފަރުމާކުރެވިފައިވާ މިތަނަކީ މިޒަމާނުގެ ގޮތަށް މަލްޓި ޕާރޕަސް ސްޓޭޑިއަމެކެވެ. މިއީ ކަރްނާޓަކާ ސްޓޭޓްގެ ވެރިރަށް ބެންގަލޫރުގެ އެންމެ ބޮޑު ކުޅިވަރު އެކުވެންޏެވެ. ތަނުގެ ވެރިފަރާތަކީ ކަރްނާޓަކާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރެވެ. އެ ސަރުކާރުގެ ޔޫތު އެމްޕަވަރމަންޓް އެންޑް ސްޕޯޓްސް ޑިޕާޓްމަންޓެވެ. މި ސްޓޭޑިއަމްގެ ނަން ނިސްބަތްވަނީ ބެންގަލޫރުގެ ކުރީގެ މަހާރާޖާއެއް ކަމަށްވާ ޔުވަރާޖާ ކަންތީރަވާ ނަރަސިމްހަރާޖާ ވަދިޔާރަށެވެ.
ކަނަތީރަވާ ސްޓޭޑިއަމް ހެދިފައިވަނީ ބެންގަލޫރުގެ ފެންގަނޑެއް ކަމަށްވާ ސަމްޕަންގީ ފެންގަނޑު ހިއްކުމަށްފަހު އެތަނުގައި 1946 ވަނަ އަހަރުއެވެ. ފެންގަނޑު ހިއްކީ ފެންދައުރުވުން ހުއްޓި ކުނިވުމުގެ ސަބަބުންނެވެ. ސްޓޭޑިއަމް ބިނާކޮށް އެތަން ހުޅުވައިދެއްވީ އިންޑިޔާއަށް މިނިވަންކަންވެސް ލިބުމުގެ އެއް އަހަރުކުރިން ބެންގަލޫރުގެ މަހާރާޖާ ޖަޔަޗަމަރާޖާ ވަދިޔާރެވެ. އެއީ ސްޓޭޑިއަމްގެ ނަން އެބޭފުޅަކަށް ނިސްބަތްވާ ކަންތީރަވާގެ ދަރިކަލުންނެވެ. އެކިދުވަސްވަރު އެކިފެންވަރުގައި މިތަން ތަރައްގީކުރަމުންއައިސް ޒަމާނީ ދުވާ ޓްރެކެއް އެޅުނީ 1990 ގެ ތެރޭގައެވެ. މިހާރު އެފެންނަ ބަދަލުތަކާއެކު ސްޓޭޑިއަމް ތަރައްގީ ކުރެވުނީ އިންޑިޔާގެ އެކި ސްޓޭޓްތަކުގެ ރަސްމީ ބޮޑު ކުޅިވަރު މުބާރާތް ނުވަތަ ނެޝަނަލް ގޭމްސްއަށްޓަކައި 1997 ގައެވެ. ގާތްގަނޑަކަށް 300 މިލިޔަން ރުޕީސްގެ ބަޖެޓަކުންނެވެ.
ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން ސަމްޕަންގީ ފެންގަނޑު 1937 ގައި ހިއްކުމަށްފަހު އެތަނުގައި ސްޓޭޑިއަމެއް 1946 ގައި ބިނާކޮށް އެތަނަށް އެންމެ ފުރަތަމަ ދިންނަމަކީ ސަމްޕަންގީ ސްޓޭޑިއަމެވެ. އެންމެ ފުރަތަމަ މިތަން މައިގަނޑުގޮތެއްގައި ބޭނުންކުރެވުނީ އެތުލެޓިކްސްއާއި ފުޓްބޯޅައަށެވެ. އެންމެ ފުރަތަމަވެސް ހަ ލޭނުގެ ޓްރެކެއް އޮތެވެ. އިންޑިޔާގެ ތާރީޚުގައިވެސް ފެނުނު އެންމެ ކާމިޔާބު ދުވުންތެރިޔާކަމަށް ބުނެވޭ މިލްކާ ސިންގް 1952 ގައި އެންމެފުރަތަމަ ދުވުމުގެ ތަމްރީނުތައް ހެދީވެސް މިތަނުގައެވެ. ސޯވިއެޓް ޔުނިއަންގެ ޒަމާނުގައި 1955 ވަނަ އަހަރު ޔޫއެސްއެސްއާރްގެ ގައުމީ ފުޓްބޯޅަ ޓީމު ބެންގަލޯރަށް ޒިޔާރަތްކޮށް ކަރްނާޓަކާ ސްޓޭޓް އިލެވެންއާއެކު ދައްކާލުމުގެ ފުޓްބޯޅަ މެޗެއް ކުޅުނީވެސް މިތަނުގައެވެ. އެ މެޗު ހަތެއް އެކަކުން ކާމިޔާބުކުރީ ޔޫއެސްއެސްއާރްގެ ޓީމެވެ.