Close
ބާސެލޯނާ

އަލްބާ، މިސީޒަނަށްފަހު ބާސާ ދޫކޮށްލަން ނިންމައިފި

ސްޕެއިންގެ ލެފްޓް ބެކް ޖޯޑީ އަލްބާ، މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމައިފިއެވެ.

ބާސާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްބާ މި ސީޒަނަށްފަހު ބާސާއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދެފަރާތް އެއްބަސްވެފައިވާ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބާސާއިން އަލްބާގެ އެއްބަސްވުން އުވާލަން ނިންމާފައި ވަނީ ކްލަބުގެ މުސާރަތަކުގެ ހަރަދަށް ލުއިއެއް ހޯދުމަށެވެ.

ބާސާގެ މާލީ ހާލަތު އަދިވެސް ގޯސްކޮށް އޮތް އިރު، މުސާރައިގެ ގޮތުގައި ހިނގާ ހަރަދު ބޮޑުތަނުން އޮތީ ކުޑަކުރަން ޖެހިފައެވެ. މި ސީޒަން ފެށުމުގެ ކުރިންވެސް ބާސާއިން ކުރިއަށް އޮތް ތަނުގެ ޓީވީ ރައިޓްސްގެ ހިއްސާ ވިއްކުމުގެ އިތުރުން ބާސާ ސްޓޫޑިއޯގެ ހިއްސާވެސް ވިއްކާފައިވާ އިރު، އާ ކުޅުންތެރިން ރަޖިސްޓްރީކުރަން ބައެއް ކުޅުންތެރިން ބޭރުވެސް ކޮށްފައިވެއެވެ.

އުމުރުން 34 އަހަރުގެ ޖޯޑީ އަލްބާ ބާސާ ދޫކޮށްލަން ނިންމާފައި ވަނީ ކްލަބުގައި 11 އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާ ކްލަބާ ގުޅިފައި ވަނީ 2012 ވަނަ އަހަރު ވެލެންސިއާއިންނެވެ. އެފަހުން ބާސާގައި ހޭދަކުރި ދުވަސްތަކުގައި ހަ ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ފަސް ފަހަރަށް ސްޕެނިޝް ކަޕްވެސް އަލްބާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި 2015 ވަނަ އަހަރު ބާސާއިން ޗެމްޕިއަންސް ލީގު ހޯދި ޓީމުގައިވެސް އަލްބާ މުހިއްމު ދައުރެއް އަދާކުރިއެވެ.

އަލްބާ ވަނީ ބާސާ ޖާޒީގައި ޖުމުލަ 458 މެޗު ކުޅެފައެވެ. މި ސީޒަނުގައިވެސް 29 މެޗެއްގައި އަލްބާ ވަނީ ކުޅެފައެވެ.

ބާސާއިން އަލްބާގެ އަލްވަދާއަށް ނެރުނު ބަޔާނުގައި ބުނީ ކްލަބަށް އަލްބާ ބެހެއްޓި އިހުލާސްތެރި ކަމަށާއި ކްލަބަކީ އާއިލާއެއްގެ ގޮތުގައި ދެކޭ ދެކުމަށް ޝުކުރު އަދާކުރާ ކަމަށާއި ބާސާއަކީ އަބަދުވެސް އަލްބާގެ ހޯމް ކަމަށެވެ.