އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލި މައްސަލަ ކޯޓަށް ހުށަހެޅުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އީސީން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް އެމްއާރްއެމްގައި މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލައިފައެވެ. އީސީން އެ ޕާޓީން އުވާލާފައިވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މެމްބަރުންގެ އަދަދު ހަމަކުރުމަށް ފުރުސަތު ދިނުމަށްފަހުއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އެމްއާރްއެމުން އުވާލުމާ ގުޅިގެން އެމްއާރްއެމްގެ އިސްފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ، އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ދަނީ މައްސަލައިގައި އިތުރަށް ކުރިއަށްދާންވި ގޮތެއް ބަލަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ގާނޫނީ ޓީމުގެ ބޭފުޅުން އެބަ މަސައްކަތް ކުރައްވާ މި މައްސަލައިގައި ދެން ކުރިއަށްދާންވީ ކޮން ގޮތަކަށްތޯ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ހަމަ ކޯޓާ ހިސާބަށް ދާން ޖެހިއްޖެނަމަ އެކަން ކުރަން. އެކަން ކޮށްގެންވެސް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަމާއެކު ދެންނެވޭނެ، އަޅުގަނޑުމެންނަށް ސާބިތުކޮށްދެވޭނެ މިކަން ހިނގާފައިމިވަނީ ރަނގަޅު ގޮތަކަށް ނޫންކަން." ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އީސީގެ އިސް ބޭފުޅަކު މިއަދު މެންދުރު އޭނާއަށް ގުޅުއްވައި އެމްއާރްއެމަށް 3،000 މެމްބަރުން ހަމަކުރަން ދިން މުއްދަތުގައި، އެ އަދަދަށް މެމްބަރުން ހަމަވެފައިނުވާތީ ޕާޓީ އުވާލާފައިވާ ކަމަށް އެންގި ކަމަށެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމް އުވާލުމަށް އީސީން ނިންމީ ބައެއްގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރަން މިހާރުވެސް ހުށަހަޅާފައިވާނެ 5،300 އަށްވުރެ ގިނަ އަދަދެއްގެ ފޯމު. އެހެން ނަމަވެސް އެކި މަރުހަލާގައި އަޅުގަނޑުމެންގެ ޕާޓީން އެކި ބޭފުޅުން އެކި ސަބަބުތަކާ ހުރެ ކަމަށް ބުނެ ވަކިކުރަމުން މި ގެންދަނީ،" ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއާރްއެމް ވުޖޫދުގައި ބޭއްވިޔަ ނުދިނުމަށް މަސައްކަތް ކުރާ އެތައް ސިޔާސީ ބަޔަކު އެބަތިބި ކަމަށެވެ. ރައްޔިތުންގެ މެދުގައި އިންސާފުން އަމަލުކުރަން ޖެހޭ އިދާރާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަން ދުސްތޫރީ މައްސަލައެއްގައި ކޯޓަށް ހުށަހެޅުމަށް ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

"މީގެ އިތުރުން އަޅުގަނޑު އެބަ ވިސްނާލަން ޖެހޭ ހަގީގަތުގެ ސިޔާސީ ޕާޓީއާ ބެހޭ ގާނުނުގަ މިއޮންނަ 3،000 މެމްބަރުންގެ ނުވަތަ 10،000 މެމްބަރުން ހަމަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ. މިހިރަ އާބިޓްރަރީ ފިގާއަކީ އަދަދުތަކީ ހަގީގަތުގަ ގާނޫނު އަސާސީން ހުއްދަކުރާ ކަމެއް ނޫން. މިކަމާ ދޭތެރޭގަވެސް އަޅުގަނޑުމެންގެ ތެރޭގެ ބޭފުޅުން އެބަ މަޝްވަރާކުރައްވާ އަޅުގަނޑުމެން ހައި ކޯޓަށް ނަމަވެސް ކޮންމެވެސް ތަނަކަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގަ މި މައްސަލަ ގެންދެވިދާނެތޯ ބަލާލަން" ފާރިސް ވިދާޅުވިއެވެ.

އެމްއާރްއެމްގެ ރަޖިސްޓާ ފާތިމަތު ޝަހީދާ ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރުކުރުމުގެ މިމަހުގެ މިހާތަނަށް 140 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ އެ ޕާޓީން 140 ފޯމު މިފަހުން ހުށަހެޅި ނަމަވެސް ފުރަތަމަ ޗެކިންގައިވެސް ސައްހަވީ 66 ފޯމު ކަމަށެވެ.