އިލެކްޝަން ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލީ ގާނޫނަށް ހިލާފަށް ކަމަށް އެ ޕާޓީގެ ޒައީމު، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އީސީން ވަނީ މިއަދު އެމްއާރްއެމް އުވާލައިފައެވެ. އެމްއާރްއެމް އުވާލީ މެމްބަރުން ހަމަކުރަން ދެ ފަހަރެއްގެ މަތިން މީގެ ކުރިން އެ ޕާޓީއަށް ނޯޓިސް ފޮނުވުމުންވެސް، ނޯޓިސްގައިވާ މުއްދަތުގައި މެމްބަރުންގެ ހަމަ ނުކުރުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުން ހަމަވާނަމައެވެ.

ޕާޓީ އުވާލުމާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީގެ ގާނޫނާ ހިލާފު އެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވައި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ގާނޫނާ ހިލާފު އަދި ކޮރަޕްޓް ނިންމުމާ ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބު ހޯދާނަން،" މައުމޫން ވިދާޅުވިއެވެ.

އެމްއާރްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ އެމްއާރްއެމް އުވާލި އިރު 5،300 ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީއަށް މެމްބަރުންގެ އަދަދު އިތުރުކުރަން ފޯމު ހުށަހެޅި ނަމަވެސް އީސީން އެ ޕާޓީގެ މެމްބަރުން ޕާޓީން ވަކިކުރާ ކަމަށެވެ.

އަދި ވިދާޅުވީ އެމްއާރްއެމް އުވާލީ ނުފޫޒުން ކަމަށާއި އެ ޕާޓީން ކުރަމުންދާ އިސްލާހީ މަސައްކަތާ ދެކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އީސީއަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އަދި އެމްއާރްއެމް އުވާލި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެމްއާރްއެމްގެ ރަޖިސްޓާ ފާތިމަތު ޝަހީދާ ވިދާޅުވީ މިމަހުގެ މިހާތަނަށް އެމްއާރްއެމްގެ ފަރާތުން އީސީއަށް 140 ފޯމު ހުށަހަޅާފައިވާނެ ކަމަށާއި އެ ފޯމުތަކާ ގުޅޭގޮތުން އީސީން ނިންމި ގޮތެއް އަދި އަންގާފައިނުވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ އެ ޕާޓީން 140 ފޯމު މިފަހުން ހުށަހެޅި ނަމަވެސް ފުރަތަމަ ޗެކިންގައިވެސް ސައްހަވީ 66 ފޯމު ކަމަށެވެ،