އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލާފައިވަނީ 5،300 އަށްވުރެ ގިނަ މެމްބަރުން ޕާޓީއަށް ވައްދަން ފޯމު ހުށަހަޅާފައި ވަނިކޮށް ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އީސީން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް އެމްއާރްއެމްގައި މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލައިފައެވެ. އީސީން އެ ޕާޓީން އުވާލާފައިވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މެމްބަރުންގެ އަދަދު ހަމަކުރުމަށް ފުރުސަތު ދިނުމަށްފަހުއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އެމްއާރްއެމް އުވާލުމާ ގުޅިގެން އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އީސީގެ އިސް ބޭފުޅަކު މިއަދު މެންދުރު އޭނާއަށް ގުޅުއްވައި އެމްއާރްއެމަށް 3،000 މެމްބަރުން ހަމަކުރަން ދިން މުއްދަތުގައި، އެ އަދަދަށް މެމްބަރުން ހަމަވެފައިނުވާތީ ޕާޓީ އުވާލާފައިވާ ކަމަށް އެންގި ކަމަށެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމް އުވާލުމަށް އީސީން ނިންމީ ބައެއްގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

"އެ ބޭފުޅުންގެ (އީސީ) މަސައްކަތުގެ ތެރޭގައި ހުރި ބައެއް އިޖުރާއީ ކަންތައްތަކާ އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކިއެކި ފަރާތްތަކުގެ ނުފޫޒު ވަނުމުގެ ސަބަބުން މިހާ ހިސާބަށް ގޮސްފައި މިވަނީ. އަޅުގަނޑު ސާފުކޮށް ދަންނަވާލާނަން، އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރަން މިހާރުވެސް ހުށަހަޅާފައިވާނެ 5،300 އަށްވުރެ ގިނަ އަދަދެއްގެ ފޯމު. އެހެން ނަމަވެސް އެކި މަރުހަލާގައި އަޅުގަނޑުމެންގެ ޕާޓީން އެކި ބޭފުޅުން އެކި ސަބަބުތަކާ ހުރެ ކަމަށް ބުނެ ވަކިކުރަމުން މި ގެންދަނީ،" ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއާރްއެމް ވުޖޫދުގައި ބޭއްވިޔަ ނުދިނުމަށް މަސައްކަތް ކުރާ އެތައް ސިޔާސީ ބަޔަކު އެބަތިބި ކަމަށެވެ. ރައްޔިތުންގެ މެދުގައި އިންސާފުން އަމަލުކުރަން ޖެހޭ އިދާރާތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

ގޮތް ނޭނގޭ ގޮތަކަށް އެ ޕާޓީން މެމްބަރުން ވަކިވަމުންދާ ކަމަށާއި އެކަމާ ގުޅިގެން އީސީން މައާފަށް އެދެންޖެހޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މަގުސަދެއް ނޫން އެއްވެސް އިރެއްގަށް 20،000، 30،000 މެމްބަރުން ހަމަކުރުން. އެއީ މިގޮތަށް ޕާޓީ އުފައްދައިގެން މި ދެންނެވި މޭރުމުން އަދަދު އިތުރު ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ އުސޫލެއް ނޫން. އެއީ ދިވެހި ގައުމަށް ފައިދާހުރި ގޮތެއް ނޫން. އަޅުގަނޑުމެންނަކީ އެއްވެސް ހާލެއްގައި އެއްވެސް އިރެއްގައި މީހުންނަށް ހަދިޔާ ދީގެން ނޫނީ ކަންކަން ކޮށްދޭނެ ކަމަށް ބުނެގެން ނޫނީ ކޮށްދީގެން ޕާޓީއަށް މެމްބަރުންވާ ބޭނުންވާ ބައެއް ނޫން،" ފާރިސް ވިދާޅުވިއެވެ.

"އެގޮތަށް މެމްބަރުންގެ އަދަދު އިތުރުކޮށް ޕާޓީ ބޮޑުކުރުމުން، އެ ޕާޓީއަކުން ވަކި ބަޔަކަށް ހައިސިއްޔަތު ދޭން ޖެހޭ އަދި އެފަދަ ޕާޓީތަކަށް ސިޔާސީ ގޮތުން ވަކި މަގާމަކަށް ދިޔާމަ ކަންކަން ކޮށްދޭން ޖެހޭނީ ޕާޓީގެ ވަކި ބަޔަކަށް" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ސިޔާސީ ޕާޓީތަކަށް ގުޅެން ބޭނުންނުވާ ކަމަށެވެ.

އެހެން ޕާޓީތަކުން އެމްއާރްއެމުން ކުރާ އިސްލާހީ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށާއި އެ މީހުންގެ ނުފޫޒުން އެމްއާރްއެމް އުވާލީ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ޕާޓީ އުވާލުމުން އިސްލާހަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާނުލާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްވުރެ ވަރުގަދައަށް ގެންދާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

އެމްއާރްއެމްގެ ގާނޫނީ ޓީމުން މިހާރު ދަނީ ޕާޓީ އުވާލުމުގައި އިތުރަށް ކުރިއަށްދާންވީ ގޮތެއް ބަލަމުން ކަމަށާއި ވިސްނުން ހުރީ ކޯޓަށް ދިއުން ކަމަށް ފާރިސް ވިދާޅުވިއެވެ.

އެމްއާރްއެމްގެ ރަޖިސްޓާ ފާތިމަތު ޝަހީދާ ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރުކުރުމުގެ މިމަހުގެ މިހާތަނަށް 140 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ އެ ޕާޓީން 140 ފޯމު މިފަހުން ހުށަހެޅި ނަމަވެސް ފުރަތަމަ ޗެކިންގައިވެސް ސައްހަވީ 66 ފޯމު ކަމަށެވެ.