Close
ސާފް 2023

އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ކުޅޭ އޯޓިސް ހާންވެސް ޕާކިސްތާނު ޓީމުން ފެންނާނެ

އިނގިރޭސި ތިންވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ގްރިމްބީ ޓައުނަށް ކުޅޭ އެޓޭކިން މިޑްފީލްޑަރު އޯޓިސް ހާން ޕާކިސްތާނު ގައުމީ ޓީމަށް ކުޅުމަށް ހުރިހާ ކަމެއް ނިންމައިފިއެވެ.

ޕާކިސްތާން ފުޓުބޯޅަ ފެޑަރޭޝަނުން އިއުލާނު ކޮށްފައިވާ ގޮތުގައި އޯޓިސް ހާން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައިވެސް އެގައުމުގެ ގައުމީ ޓީމުން ފެންނާނެއެވެ. އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ޕާކިސްތާނަށް ކުޅުމަށް މިހާރު ހުރިހާ ލިޔެކިޔުމުގެ މަސައްކަތެއްވެސް ނިންމާފައިވާ ކަމަށް ފުޓުބޯޅަ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އޯޓިސް ހާނަކީ އިނގިރޭސި އެންމެ ވަރުގަދަ އެއް ކްލަބު މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑެމީގައިވެސް 10 އަހަރު ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. އެއީ 2002 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށެވެ. އޭނާ އިނގިރޭސި ފުޓުބޯޅައިގައި ފުރަތަމަ މެޗެއް ކުޅެފައި ވަނީ 2014 ވަނަ އަހަރު ޝެފީލްޑް ޔުނައިޓެޑްގެ ޖާޒީގައެވެ. އޭގެ ފަހުން މިހާރު ކުޅެމުންދާ ތިންވަނަ ޑިވިޝަނުގެ ގްރިމްބީ ޓައުނަށް ބަދަލުވީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.

އޯޓިސް ހާން ގްރިމްބީއަށް ބަދަލުވީ އޭގެ ކުރިން ހަތް މަސް ދުވަހު ލޭޓޮން އޮރިއެންޓަށް ކުޅުމަށްފަހުއެވެ. އެ ކްލަބުގައި އޯޓިސް ވަނީ ތިންވަނަ ޑިވިޝަނުގެ 20 މެޗެއްގައި ކުޅެފައެވެ.

އޯޓިސް ހާނަށް ޕާކިސްތާނަށް ކުޅެވެނީ އޭނާގެ ކާފައަކީ ޕާކިސްތާނަށް އުފަން މީހަކަށްވާތީއެވެ. މީގެ ކުރިން 2015 ވަނަ އަހަރު އަފްގާނިސްތާނާ ދެކޮޅަށް ޕާކިސްތާނުން ކުޅެން އޮތް އެކުވެރިކަމުގެ މެޗަކަށްވެސް އޯޓިސް ހާން ގައުމީ ޓީމަށް ސްކޮޑު ނެގި ނަމަވެސް، ވިސާ މައްސަލަތެއްގެ ސަބަބުން އެފަހަރު މެޗުގައި ކުޅެވިފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގު ސްޓްރަކްޗާ ކަމަށްވާ އިނގިރޭސި ފުޓުބޯޅަ ލީގު ސިސްޓަމުގައި އޯޓިސް ހާން މިހާތަނަށް ވަނީ 276 މެޗު ކުޅެފައެވެ. އެ މެޗުތަކުން އޭނާ 37 ގޯލު ޖަހައި، 34 އެސިސްޓް ފުރިހަމަކޮށްފައިވާ އިރު، ޕާކިސްތާނުން ދަނީ ގައުމުން ބޭރުގައި ތިބި އެފަދަ އިތުރު ކުޅުންތެރިން ގައުމީ ޓީމަށް ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އިންގްލެންޑް 20 އަހަރުން ދަށުގެ ޓީމަށް ކުޅުނު ސެންޓަ ބެކް، އީސާ ސުލައިމާންވެސް މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނު ޓީމުން ފެންނާނެ ކަމަށް ބެލެވެއެވެ. އުމުރުން 25 އަހަހަރު ސުލައިމާން މިހާރު ކުޅެމުންދަނީ ޕޯޗުގީޒުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ޔޫޑީ ވިލަފްރެންގެންސަށެވެ.