ސާފް ޗެމްޕިއަންޝިޕް 2023އަށް ތައްޔާރުވަމުން އަންނަ އިންޑިއާ ގައުމީ ޓީމަށް ސްޕޯޓްސް ސައިކޮލިޖިސްޓެއް ހަމަޖައްސައިފިއެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިއާގެ އަމިއްލަ ގައުމުގައި އަންނަ މަހު 21 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ އިރު، މުބާރާތް ހޯސްޓް ކުރާނީ ބެންގަލޫރުގައެވެ. މި ފަހަރު މުބާރާތަށް އިންޑިއާ އިން ވަރުގަދަ ސްކޮޑެއް އިއުލާން ކޮށްފައިވާއިރު، ޓީމާއެކު ހަރަކާތްތެރިވާ ސްޕޯޓްސް ސައިކޮލޮޖިސްޓަކީ ޝަޔަމަލް ވައްލަބްޖީއެވެ.
ވައްލަބްޖީއަކީ މީގެ ކުރިން އޭޓީޕީ ގޮލްފް ޓުއާތަކުގައި ބައެއް ޕްރޮފެޝަނަލް ގޮލްފް ކުޅުންތެރިންނާއެކު މަސައްކަތް ކުރުމުގެ އިތުރުން އައިޕީއެލްގެ ކްރިކެޓް ޓީމުތަކާއެކުވެސް މަސައްކަތްތަކެއް ކޮށްފައިވާ ސައިކޮލޮޖިސްޓެކެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ފުރަތަމަ ފަހަރަށް ސްޕޯޓްސް ސައިކޮލޮޖިސްޓެއް ހަމަޖެއްސުމާ ގުޅިގެން ގައުމީ ޓީމުގެ ކޯޗު އިގޯ ސްޓިމަކް ބުނީ ސްޕޯޓްސް ސައިކޮލިޖިސްޓެއް ހުރުމުގެ ސަބަބުން ވަކިވަކި ކުޅުންތެރިން ޕްރެޝަރާ ކުރިމަތިލާނެ ގޮތް ދެނެގަނެ، އެ ކުޅުންތެރިންނަށް ވަކިވަކިން ޕްރެޝަރު ހެންޑަލް ކުރާނެ ގޮތުގެ ކޯޗިން މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ވައްލަބްޖީގެ ތަޖުރިބާ އާއެކު އިންޑިއާ ޓީމަށް ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށްވެސް ކްރޮއޭޝިއާގެ ލެޖެންޑަރީ ކޯޗު ސްޓިމަކް ބުންޏެވެ.
އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ އިތުރުން އޭޝިއަން ކަޕަށްވެސް ތައްޔާރުވަމުންދާ އިރު، މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމު ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޕާކިސްތާނާއި ކުވައިތުގެ އިތުރުން ނޭޕާލެވެ.