Close
ރިޕޯޓް

ސާފް ޗެމްޕިއަންޝް: ލަންކާއާ ނުލައި ފުރަތަމަ ސާފަށް، ބޮޑު ފަޅުކަމެއް!

މުޙައްމަދު ޝަމްޢޫން

ސްރީ ލަންކާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި އެއް ގައުމެވެ. ފުޓުބޯޅައިގައިވެސް ދިވެހީންނަށް ހާއްސަ ގައުމެކެވެ. ސާފްގެ ވާދަވެރި ޓީމެއްވެސް މެއެވެ. 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް އުފުލައިލީވެސް ލަންކާގެ ފަސްގަނޑުގައެވެ. އެ މުބާރާތް ކޯ ހޯސްޓް ކުރީ ރާއްޖެއާއި ލަންކާއެވެ. މިހާތަނަށް ބޭއްވި 13 ސާފް ޗެމްޕިއަންޝިޕެއްގައިވެސް ލަންކާ ފެނިގެން ގޮސްފައިވެއެވެ. އެ ދަތުރަށް މިފަހަރު ނިމުން ގެނުވަން މަޖުބޫރުވީ އެގައުމުގެ ފުޓުބޯޅަ، ފީފާއިން ސަސްޕެންޑް ކޮށްފައި އޮތުމުންނެވެ. ލަންކާއާ ނުލައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ކުޅެން ޖެހުމަކީ މުބާރާތަށް އަންނާނެ ފަނޑުކަމެއްކަން ޔަގީނެވެ. އެކަމަކު ހާލަތު އޮތް ގޮތުން، ލަންކާގައި މިވަގުތު "ފުޓުބޯޅައެއް ނެތެވެ."

ލަންކާ ސަސްޕެންޑް ކުރުން: ސަރުކާރުގެ ނުފޫޒުން ލިބުނު ދެރައެއް

ފީފާއިން މިއަހަރު ޖެނުއަރީ މަހު 22 ވަނަ ދުވަހު، ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމީ، އެ ގައުމުގެ ފުޓްބޯޅައަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާތީއެވެ. ސްރީ ލަންކާ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައި އޮންނަތާ ފަސް ވަރަކަށް މަސްވެފައިވާ އިރު، އެންމެފަހުން ބޭއްވި ފީފާގެ އާންމު ބައްދަލުވުމުގައި ގައުމުތަކުން ވަނީ އެ ސަސްޕެންޝަން ދަމަހައްޓަންވެސް ވޯޓު ދީފައެވެ. ސަސްޕެންޝަނަށް ދުވަސްތަކެއް ވެފައިވީ ނަމަވެސް، އަދިވެސް އެކަމަށް އަލިމަގެއް ނުފެނެއެވެ.

ސްރީ ލަންކާގެ ފުޓުބޯޅަ ސަސްޕެންޝަނަކަށް ދާން ޖެހުނީ ޔޫތު މިނިސްޓްރީން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބުގެ އިތުރުން ފުޓުބޯޅައިގެ އެހެން ކަންކަމުގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. އިންތިހާބަށް ތައްޔާރުވަމުން ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ އެގައުމުގެ ފުޓްބޯޅައިގެ ޕްލޭން ކުރިއަށް ދާން ޖެހޭނެ ގޮތުގެ މެންޑޭޓެއް އެކުލަވައިލަން ޖެހޭނީ ސަރުކާރުގެ ބައިވެރިވުން އޮންނަގޮތަށް ކަމަށާއި އާ އިންތިހާބު ބާއްވާނީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ އަސާސީ ގަވާއިގައިވާ ގޮތަށް ކަމަށެވެ. އޭރު އޭއެފްސީ އާއި ފީފާގެ ލަފާގެ މަތިން އިސްލާހުކުރި އަސާސީ ގަވާއިދެއް ލަންކާގެ އެފްއޭގައި އޮތް ނަމަވެސް، އެއަށް އަމަލުކުރައްވަން ޔޫތު މިނިސްޓަރު ދެކޮޅު ހެއްދެވިއެވެ.

އެކަމުގައި ފީފާއިން ދިން، އިންޒާރަށް ބެލުމެއް ނެތި، ސްރީ ލަންކާގެ ސަރުކާރުގެ ބައިވެރިވުމާއެކު، އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީގެ އޮޑިޓޯރިއަމްގައި ޖެނުއަރީ 14 ވަނަ ދުވަހުގައި އެފްއޭގެ އިންތިހާބު ބޭއްވިއެވެ. މކޮލަމްބޯގެ ޔުނިވާސިޓީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނޫސްވެރިއެއްގެ ގޮތުގަޔާއި މަޖިލިސް މެމްބަރެއްގެ ގޮތުގައި ފެނުނު ޖޭ ސްރީ ރަންގާ މި އިންތިހާބު ކާމިޔާބުކުރީ 27 ވޯޓު ހޯދައިގެންނެވެ. އިންތިހާބުގައި ރަންގާއާ ވާދަކުރި، ޖަގަތު ރޮހާނާއަށް ލިބުނީ 24 ވޯޓެވެ.

އިންތިހާބުގައި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ޖޭސްވާރު އުމަރަށް ވާދަ ނުކުރެވޭ ގޮތް ހެދީ ސްރީ ލަންކާ ސަރުކާރުގެ ނުފޫޒުންނެވެ. އިންތިހާބު ކާމިޔާބުކުރެއްވި، ރަންގާއަކީ ސްރީ ލަންކާގެ ސްޕޯޓްސް މިނިސްޓަރު، ރޯޝަން ރަނަސިންގްގެ ގާތް މީހެކެވެ.

އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބި ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ، ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް، ޖޭސްވާރު ވަނީ ޖެނުއަރީ 18 ވަނަ ދުވަހު ލަންކާގެ ކޯޓް އޮފް އެޕީލަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ޖޭސްވާރު ވަނީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގުން، ރަންގާގެ ލީޑަޝިޕާ ހަވާލުކުރަން ޖެހޭނީ އެޕީލް މައްސަލައަށް ގޮތެއް ކަނޑައެޅުމަށް ފަހު ކަމަށް ބުނެފައެވެ.

ކޯޅުންގަނޑެއްގެ ތެރޭގައި ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން މައްސަލަ ދަނިކޮށް، ސަސްޕެންޝަން އައީ ފީފާގެ ނޯޓިހަށް ވަގުތު ހަމަވުމުންވެސް، ކަންކަން އިސްލާހު ނުކުރުމުންނެވެ.

ފީފާގެ ސެކްރެޓަރީ ޖެނެރަލް، ފާތިމާ ސަމޫރާ ސޮއިކުރައްވައި، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ސަސްޕެންޝަނުން ސަލާމަތްވާން ތިން ކަމެއް ފުރިހަމަވާން ޖެހޭނެއެވެ. އެއީ ކުރީގެ އަސާސީ ގަވާއިދަށް އަމަލުކުރުމުގެ އިތުރުން އެފްއޭގެ އިދާރީ ކަންކަން އެސޯސިއޭޝަނުގެ އެޑްމިންއާ ހަވާލުކޮށް، އަލުން އިންތިހާބެއް ބޭއްވުމުން އަދި އާ ހިންގާ ކޮމިޓީއެއް އިންތިހާބުވާން ޖެހޭނީ ހަތަރު އަހަރުގެ ދައުރަކަށް ކަމަށް ކަނޑައެޅުމެވެ.

ސާފަށް ހާއްސަ ޓީމެއް: ދިވެހީންނަށްވެސް ފަޅުކަމެއް

ލަންކާއަކީ ސާފްގައި ހާއްސަ ޓީމެކެވެ. ގައުމުތަކާ ވާދަކުރުމުގައި "ހިތްވަރުގަދަ، ޗެލެންޖިން" ޓީމެކެވެ. ހާއްސަކޮށް ލަންކާ ކުޅުންތެރިންނަކީ އަބަދުވެސް ދިވެހީންނަށް ފަރިތަ، ދިވެހީންގެ ތެރެއިން ހާއްސަ ލޯތްބެއްވެސް ހޯދި ކުޅުންތެރިންނެވެ. ޗަންނަ އެދިރީ ބަންޑަނާޖާއި ސްމިތު ވަލްޕޯލާގެ ނަންވެސް ހާއްސަވެއެވެ. ދިވެހި ލީގަށްވެސް އެ ކުޅުންތެރިން 2000ގެ ތެރެއިން ހާއްސަވިއެވެ. އޭގެ ފަހުން މިހާރު ލަންކާގެ ކެޕްޓަން ސުޖަން ޕެރޭރާއަކީވެސް ދިވެހި ފުޓުބޯޅައަށް ނުހަނު ހާއްސަ ކުޅުންތެރިއެކެވެ.

"ލަންކާއަކީ ސާފް ފުޓުބޯޅައިގައި ވަރަށް ޗެލެންޖިން ޓީމެއް. އެމީހުންގެ ހިތްވަރުކުރާ ސްޓައިލްގައި އަބަދުވެސް ވަރުގަދައަށް ކުޅޭ ޓީމެއް. ގާތްގަނޑަކަށް ހުރިހާ ސާފެއްގައިވެސް ކުޅެފައި، ކުއްލިއަކަށް މިފަހަރު ނެތީމަ ވަރަށް ބޮޑު ފަޅުކަމެއް އަންނާނެ. ހާއްސަކޮށް ދިވެހީންގެ ތެރޭގައިވެސް ލަންކާ ކުޅޭތަން ބަލައިލަން ބޭނުންވާ މީހުން ތިބޭނެ. އެހެންވީމަ ލަންކާ ނެތުމަކީ ދެރަކަމެއް،" ލަންކާ ސާފް ޗެމްޕިއަންޝިޕްގައި ނެތުމާ ގުޅިގެން ރާއްޖޭގެ ތަޖުރިބާކާރު ކޯޗު، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒައިން "ވަން" އަށް ބުންޏެވެ.

ސާފްގައި ލަންކާއާއި ރާއްޖޭގެ ބައެއް ނަތީޖާތައް

  • 1997: ރާއްޖެ 2-1 ލަންކާ
  • 1999: ރާއްޖެ 0-0 ލަންކާ
  • 2005: ރާއްޖެ 2-0 ލަންކާ
  • 2008: ރާއްޖެ 1-0 ލަންކާ
  • 2009: ރާއްޖެ 5-1 ލަންކާ
  • 2013: ރާއްޖެ 10-0 ލަންކާ
  • 2018: ރާއްޖެ 0-0 ލަންކާ
  • 2021: ރާއްޖެ 1-0 ލަންކާ

ލަންކާއާއި ރާއްޖެއަކީ ސާފްގައި ވާދަވެރި ދެ ޓީމު ނަމަވެސް، އެ ވާދަވެރިކަމުގައި މިހާތަނަށް ކުރި ލިބިފައި އޮތީ ރާއްޖެއަށެވެ. ހާއްސަކޮށް 2013 ވަނަ އަހަރު ނޭޕާލްގެ ކަތަމަންޑޫގައި ރާއްޖެއިން ލަންކާ ކޮޅަށް 10 ގޯލު ޖެހި މެޗަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ހާއްސަ މެޗެކެވެ. އެ މެޗުގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަ ގޯލު ޖަހައި، ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މުހިއްމު ރެކޯޑެއްވެސް ހެދިއެވެ.

"ކަތަމަންޑޫގައި މެނޭޖަރަކަށް ހުރިއިރު ލަންކާއާ ދެކޮޅަށް ރާއްޖޭ ކުޅުނު މެޗުން ވަރަށް ބޮޑު ތަފާތަކުން މޮޅުވީ.އެއީ 10 ވަރަކަށް ގޯލު ޖެހި މެޗެއް. އެދުވަހު އަޝްފާގު ސާފްގެ ރެކޯޑެއްވެސް ހެދި. އެއީ ލަންކާގެ އެންމެ ރަނގަޅު މެޗެއް ނޫންކަންނޭނގެ. އެއީ ހަގީގީ ލަންކާއެކޭވެސް ބުނެވޭނެ. ލަންކާ އަކީ އަބަދުވެސް ރާއްޖެއަށް ޗެލެންޖެއް ދޭ ޓީމެއް. 2018 ވަނަ އަހަރު ރާއްޖެ ތަށި ހޯދިއިރުވެސް ހަމަ އެމެޗު އެއްވަރުކޮށް، ރާއްޖެއިން ސެމީއަށް ދިޔައީވެސް ގުރުލައިގެން،" ސުޒެއިން ބުންޏެވެ.

ލަންކާއިން 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް އުފުލާލި އިރު، އެ ހަނދާންތަކުން މިއަދާ ހަމައަށްވެސް އެޓީމުން އަބަދުވެސް ސާފްގައި ކުޅެމުން އައީ ވާދަވެރި ޓީމުތަކެއް ނެރެގެންނެވެ. ސުޒައިނުގެ ނަޒަރުގައިވެސް އެ އުނިކަން މިފަހަރުގެ މުބާރާތުން ފެންނާނެއެވެ.

"ލަންކާ ނެތުން އެންމެ ބޮޑަށް އުނިވާނީ ކޮންމެ އަހަރަކުވެސް ސީނިއާ ޓީމު މުބާރާތުގައި ކުޅެމުންދާ ޓީމެއް ކަމަށްވާތީ. ބައެއް ގައުމުތަކުން 23 އަހަރު ދަށުގެ ޓީމު ފޮނުވާ، އަދި މެދުކެނޑިގެން ގޮސްފައިވެސް ހުރޭ. އެކަމަކު ލަންކާއަކީ ހަމަ ކޮންމެ އަހަރަކުވެސް ބައިވެރިވާ ޓީމެއް،" ސުޒެއިން ބުންޏެވެ.